މުޅި ރާއްޖެއަށް އަމާޒުކޮށްގެން ސްޓެލްކޯގެ ސޭވް އެނާރޖީ ކެމްޕެއިން "ކުޑަ ބަދަލަކުން ބޮޑު ނަތީޖާއެއް" އިފްތިތާހުކޮށްފިއެވެ.
ހަކަތަ އިގްތިސާދުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ކުރިއަށްގެންދާ "ސޭވް އެނާރޖީ" ކެމްޕެއިން "ކުޑަ ބަދަލަކުން ބޮޑު ނަތީޖާއެއް" ގެ ނަމުގައި ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. މި ކެމްޕެއިން ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒުވަރު، އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫގައި އާންމުކޮށް ހުޅުވާލައިގެން ބޭއްވި ފުރަތަމަ ސެޝަންގައެވެ.
ކެމްޕެއިން އިފްތިތާހުކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން އެމްޑީ ޑރ. އަލީ އަޒުވަރު ވިދާޅުވީ، މިއަދަކީ ސްޓެލްކޯގެ ތާރީޚުގައި މުހިންމު ފިޔަވަޅެއް އެޅުނު ދުވަހެއް ކަމަށާއި މިއީ ހަމައެކަނި ޝިއާރެއް ނޫން ކަމަށެވެ. އަދި މިއީ ގައުމީ ފެންވަރުގައި އެންމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަންޖެހިފައިވާ ނުހަނު ބޭނުންތެރި ހެޔޮ ބަދަލެއްކަން ފާހަގަކުރެއްވިއެވެ
ޑރ. އަޒުވަރު ވިދާޅުވީ ދިރިއުޅުމުގެ ކޮންމެ ކަމެއް ކަރަންޓުގެ ހިދުމަތާ ގުޅިލާމެހިފައިވާއިރު، އިސްރާފުކުރުމެއް ނެތި ކަރަންޓު ބޭނުންކުރުމަކީ ގައުމުގެ އިގްތިޞާދަށާއި ތިމާވެއްޓަށްޓަކައި ކޮންމެހެން ކަށަވަރުކުރަންޖެހޭ ކަމެއް ކަމަށެވެ. ކަރަންޓު އިގްތިސާދު ކުރުމަކީ ހަމައެކަނި މަހު ބިލަށް އަރާ އަދަދު ކުޑަކުރުން ނޫން ކަމަށާއި އެއީ ގައުމުން ތެލަށް ކުރާ ބޮޑު ހޭދަ ކުޑަކޮށް، ޖައްވަށް ދޫކުރެވޭ ވިހަ ގޭސްތައް މަދުކޮށް، އަންނަން އޮތް ޖީލުތަކަށްޓަކައި ގުދުރަތީ ވެށި ރައްކާތެރިކުރުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ކެމްޕެއިންގެ މައިގަނޑު މަގުސަދަކީ ކަރަންޓު ބޭނުންކުރުމުގައި ޒިންމާދާރު އާދަތަކެއް މުޖުތަމައުގައި އަށަގެންނެވުމެވެ. އެގޮތުން ބޭކާރު ގޮތުގައި ދިއްލާފައި ހުންނަ ބޮކިތައް ނިއްވާލުމާއި ގިނަ އިރުތަކަކަށް ބޭރަށް ވަޑައިގަންނަވާ ކަމަށްވާނަމަ، އޭސީ ނިއްވާލުމަކީ މުޅި ގައުމުގެ ހަކަތައިގެ ރައްކާތެރިކަމަށް ވެވޭ ބޮޑު އެހީތެރިކަމެއްކަން ހަނދާންކޮށްދީ، ޒަމާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ހަކަތަ އިގްތިސާދުކުރެވޭނެ މަގުތައް ރައްޔިތުންނަށް ދައްކުވައިދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ކެމްޕެއިނަކީ ހަމައެކަނި މާލެއަށް ނުވަތަ ވަކި ސަރަހައްދަކަށް ޚާއްސަ ހަރަކާތެއް ނޫންކަން ފާހަގަކުރައްވަމުން އެމްޑީ ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނާއި ހަމަޔަށް މި ކެމްޕެއިންގެ ސެޝަންތަކުގެ ތެރެއިން ވާސިލްވާނެ ކަމަށެވެ. އަދި ހަމައެކަނި ވާހަކަތަކެއް ދައްކާލުމުގެ ބަދަލުގައި، ގައުމީ ފެންވަރުގައި ކަރަންޓު އިސްރާފުކުރުން ބޮޑުތަނުން ދަށްކުރެވި، އަތުން ހިފޭ ފަދަ ހަގީގީ ނަތީޖާއެއް ނެރުމަކީ މި މަސައްކަތުގެ އަމާޒު ކަމަށް ވިދާޅުވިއެވެ.
ޑރ. އަޒުވަރު ވަނީ މި ގައުމީ މަސައްކަތުގައި އެންމެހައި ރައްޔިތުން ބައިވެރިވެ، އަމިއްލަ ގޭބިސީންނާއި މަސައްކަތުގެ މާހައުލުން ހަކަތަ އިގްތިސާދުކުރުމުގެ އާދަ ފެށުމަށް ގޮވާލައްވާފައެވެ.


