ދިވެހިރާއްޖޭގެ ބޯހިޔާވަހިކަމުގެ ގައުމީ ސިޔާސަތު "ބޯހިޔާވަހިކަން އެންމެންނަށް" ގެ ދަށުން، މާލީ ތަނަވަސްކަން ކުޑަވުމުގެ ސަބަބުން އަމިއްލަ ބިމުގައި ގެދޮރު ނޭޅިފައި ތިބި އާއިލާތަކަށް އެހީތެރިވުމަށް ހިންގާ "ގެދޮރު ބިނާކުރުމަށް އެހީ ދޭ (ހެލްޕް-ޓު-ބިލްޑް) ސްކީމު" އަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ އާދީއްތަ ދުވަހު ހުޅުވާލަން ސަރުކާރުން ނިންމައިފިއެވެ.
މި ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށް ކުރިއަށްގެންދަވާ "ނެޝަނަލް ހޯމް އޯނަރޝިޕް ޕްރޮގްރާމު" ގެ މުހިންމު ބައެކެވެ. ގެދޮރު އިމާރާތްކުރުމަށް މާލީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ހިލޭ އެހީ ދޫކުރުމާ ގުޅޭ ގޮތުން އެކުލަވާލާފައިވާ އުސޫލު މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައެވެ.
ސަރުކާރުން ހާމަކުރައްވާފައިވާ ގޮތުގައި، މި ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނީ މި މަހުގެ 29 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 ގައެވެ. މި ފުރުސަތުގައި އެހީއަށް އެދި ހުށަހެޅުމުގެ އެންމެހައި ކަންކަން އޮންލައިންކޮށް ކުރިއަށްދާނީ ހިޔާވެހި ޕޯޓަލް މެދުވެރިކޮށެވެ.
މި ސްކީމަކީ އަނބުރާ ދައްކަން ނުޖެހޭ ގޮތަށް، ބޭންކު ލޯނު ނެގުމަށް ބޭނުންވާ އިކުއިޓީ ނުވަތަ ޑިޕޮސިޓް ފައިސާ ހަމަޖައްސައިދިނުމަށް ދޫކުރާ ސީދާ ހިލޭ އެހީއެކެވެ. އެގޮތުން 1 މިލިއަން ރުފިޔާގެ ގެދޮރު އިމާރާތްކުރުމުގެ ލޯނަކަށް ބޭނުންވާ 20 އިންސައްތައިގެ އިކުއިޓީއަށް ބަލައި، ޝަރުތު ހަމަވާ ކޮންމެ މީހަކަށް ގިނަވެގެން 200,000 ރުފިޔާ ސަރުކާރުން ހަމަޖައްސައިދޭނެއެވެ.
މާލޭގެ އިތުރުން އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ގެދޮރު ބިނާކުރުމަށް މި ފުރުސަތު ހުޅުވާލާފައިވާއިރު، އެއް ބިމެއްގައި ގިނަ ވާރުތަވެރިންތަކެއް ގުޅިގެން އިމާރާތްކުރާ ހާލަތްތަކުގައި، ޝަރުތު ހަމަވާ ކޮންމެ ވެރިއަކަށް ދެ ލައްކަ ރުފިޔާގެ މަގުން އެއް ބިމަކަށް ޖުމްލަ 1 މިލިއަން ރުފިޔާއާ ހަމައަށް އެހީ ލިބިގެންދާނެއެވެ. ނަމަވެސް، މި ސްކީމުގެ ފުރަތަމަ ފިޔަވަހީގައި ހުޅުމާލެ، ވިލިމާލެ، ގުޅީފަޅު އަދި ގިރާވަރުފަޅު ނުހިމެނޭނެ ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
އުސޫލުގައިވާ ގޮތުން މި އެހީއަށް އެދެވޭނީ އެ މީހެއްގެ ނަމުގައި އެހެން އެއްވެސް އިމާރާތްކޮށްފައިވާ ބޯހިޔާވަހިކަމެއް ނެތް، އަދި އިމާރާތްކުރަން އެދޭ ބިމަކީ އަމިއްލަ މިލްކުވެރިކަން އޮތް ބިމެއް ކަމުގައިވާ ފަރާތްތަކަށެވެ. މީގެއިތުރުން، މި ސްކީމުގެ ދަށުން ލިބޭ އެހީގެ ބޭނުން ހިފައިގެން އަޅާ އިމާރާތެއް 20 އަހަރު ދުވަހުގެ މުއްދަތަށް އެހެން ފަރާތަކަށް ނުވިއްކޭނެ ކަމަށް ވެސް ޝަރުތުކޮށްފައިވެއެވެ.
މި ސްކީމަށް އެޕްލިކޭޝަން ހުށަހެޅުމާ ގުޅޭ އިތުރު ތަފުސީލުތައް އެޕްލިކޭޝަނަށް ހުޅުވާލުމަށްޓަކައި ކުރާ ރަސްމީ އިިއުލާނުގައި ބަޔާންކުރެވިގެންދާނެ ކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ މައުލޫމާތު ދީފައެވެ.

