މިދިޔަ އޮކްޓޯބަރު މަހުގެ ނިޔަލަށް އަހަރެއްގެ ތެރޭގައި މާލެ ސަރަހައްދުގައި އަސާސީ މުދަލުގެ އަގު ގާތްގަނޑަކަށް 10 ޕަސެންޓު އުފުލިފައިވާ ކަމަށް މޯލްޑިވްސް ސްޓެޓިސްޓިކްސް ބިއުރޯއިން ނެރުނު އޮކްޓޯބަރު މަހުގެ އެސެންޝަލް ކޮމޮޑިޓޯ ޕްރައިސް އިންޑެކްސްގެ ނަންބަރުތަކުން ދައްކައިފިއެވެ.
އިންޑެކްސް އެކުލަވާލަނީ ކޮންމެ މަހަކު އެއްކުރާ 2،549 އަގުގެ މައުލޫމާތު ބޭނުންކޮށްގެން، 96 ބާވަތެއްގެ މުދަލަށް ބަލައިގެންނެވެ. މި އިންޑެކްސްގައި ހިމެނޭ ހަތަރު ގްރޫޕުގެ އަގުތައް ވެސް މަހުން މަހަށް އަދި އަހަރުން އަހަރަށް ވަނީ އުފުލިފައެވެ.
މި މަހުގެ ނުވަވަނަ ދުވަހު ތަފާސްހިސާބު ބަލަހައްޓާ ބިއުރޯއިން ޝާއިއުކުރި އިންޑެކްސްއިން ދައްކާ ގޮތުގައި މާލެ ސަރަހައްދުގައި އަސާސީ މުދަލުގެ އަގު 9.96 ޕަސެންޓު ވަނީ އުފުލިފައެވެ.
އޮކްޓޯބަރު މަހު އިންޑެކްސް ހުރީ 125.39 ގައެވެ. މި އިންޑެކްސްގެ ބޭސް ޕީރިއަޑަކީ ނޮވެމްބަރު 2022 ކަމަށްވާއިރު މިދިޔަ ހަތަރު އަހަރު ތެރޭ މާލެ ސަރަހައްދުގައި އަސާސީ މުދަލުގެ އަގު މިވަނީ ގާތްގަނޑަކަށް 25 ޕަސެންޓު ބޮޑުވެފައެވެ.
ސެޕްޓެމްބަރު މަހާ އަޅާބަލާއިރު ވެސް އަގުތައް ވަނީ 1.01 ޕަސެންޓް މައްޗަށް ގޮސްފަ އެވެ. މި މަހު ގޭހުގެ އަގަށް ބަދަލެއް އައިސްފައި ނުވާއިރު، މި އިންޑެކްސްގައި ހިމެނޭ ހަތަރު ގްރޫޕުގެ އަގުތައް ވެސް މަހުން މަހަށް އަދި އަހަރުން އަހަރަށް ވަނީ އުފުލިފައެވެ.
އިންޑެކްސްގެ ގާތްގަނޑަކަށް 71 ޕަސެންޓް ހިއްސާކުރަނީ ކާބޯތަކެތި ކަމަށްވާއިރު، އަހަރު ދުވަހުގެ ތެރޭގައި ކާބޯތަކެތީގެ އަގު ވަނީ 10.73 ޕަސެންޓް އުފުލިފަ އެވެ. އެންމެ ބޮޑަށް އަގު އުފުލުނީ އެއްގަމު މަހުގެ ބާވަތްތަކުންނާއި ތަރުކާރީންނެވެ. ސެޕްޓެމްބަރު މަހުން އޮކްޓޯބަރު މަހަށް ކާބޯތަކެތީގެ އަގު 0.96 ޕަސެންޓް އުފުލުނު އިރު، މައިގަނޑު ގޮތެއްގައި އަގު ބޮޑުވީ މޭވާ އާއި ގޮވާމުގެ ބާވަތްތަކުންނެވެ.

