ހުޅުމާލޭގައި މި ފަހުން ހުޅުވި މެންހަޓަން ގްރޭންޑް ހޮޓާ ކައިރީގައި ހުންނަ ވެމްކޯގެ ކުނި ކަލެކްޝަން ސެންޓަރު އެހެން ސަރަހައްދަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފިއެވެ.
އެސްޓީއޯ އިން މީގެ އަހަރުތަކެއް ކުރިން ބިނާކުރި ނުވަ ބުރީގެ ސިޓީ ހޮޓާ މި މަހުގެ 7 ވަނަ ދުވަހު ހުޅުވާފައިވާއިރު، އެ ތަން ނުހުޅުވި ދިގުލައިގެން ދިޔަ މުއްދަތުގައި ހުޅުމާލެ ފުރަތަމަ ފިޔަވަހި ނިމޭ ހިސާބުގައި، އެ ހޮޓަލާ ޖެހިގެން 2017 ވަނަ އަހަރު ވަނީ ކުނި ކަލެކްޝަން ސެންޓަރެއް ގާއިމްކޮށްފައެވެ.
އެ ސެންޓަރު ހުޅުމާލެ ތިންވަނަ ފިޔަވައްސަށް ބަދަލުކުރުމާ ގުޅޭގޮތުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު މަޝްވަރާތައް ދަނީ ކުރިއަށެވެ. އަދި އެޗްޑީސީން މިހާރު އަންނަނީ އެ ސެންޓަރު ބަދަލުކުރާނެ ވަކި ބިމެއް ކަނޑައެޅުމުގެ މަސައްކަތް ކުރަމުންނެވެ. އެ ސަރަހައްދު ނިމުމުން ރީލޮކޭޓް ކުރުމުގެ އަމަލީ މަސައްކަތް ފެށޭނެއެވެ.
ފަސްތަރީގެ ފެންވަރަށް ތަރައްގީކޮށްފައިވާ މެންހަޓަން ގްރޭންޑް ހޮޓަލަކީ 162 ކޮޓަރިއާއި، ކެފޭ ރެސްޓޯރެންޓްތަކުގެ އިތުރުން ކޮންފަރެންސް ހޯލާއި، އައުޓްޑޯ ސްވިމިންޕޫލް އަދި ސްޕާގެ ހިދުމަތްތައް އެކުލެވޭ ހޮޓަލެކެވެ. އެސްޓީއޯއިން ހެދި މި އިމާރާތުގައި ހޮޓާ ތަރައްގީކޮށް ހިންގަނީ ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާ މިދިޔަ އަހަރު ހަވާލުކޮށްގެންނެވެ.

