ހުރުމަތްތެރި މައްސަރުތަކުގައި ކުރެވޭ ފާފަތަކުގެ ނުބައިކަން ބޮޑުވެގެންވާ ކަމަށާއި، މި ފަދަ މަތިވެރި މައްސަރަކާ ބައްދަލުވުމުން، މުއުމިނު އަޅާގެ މައްޗަށްވަނީ، އަޅުކަމުގައި ހީވާގިވުން ކަމަށް ހުތުބާގައި ބުނެފިއެވެ.
ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިއްވި ހުކުރު ހުތުބާގައި ވަނީ ﷲ ގެ ހުކުމަތްވަންތަކަމާއި ރަޙުމަތްވަންތަކަމުން، ބައެއް ވަގުތަތުތަކާއި މައްސަރުތައް ހާއްސަކުރައްވައި މާތް ކުރައްވާފައިވާ ކަމަށެވެ. އެއީ، އަޅުތަކުން އެކަލާނގެ ހަޟުރަތަށް ކުއްތަންވުމަށާއި، އަދި މާތް الله ގެ ޝިއާރުތައް މަތިވެރިކޮށް، އެކަލާނގެއަށް ކިޔަމަންތެރިކަން އަދާކުރުމަށެވެ.
އަމިއްލަ ނަފުސަށް އަނިޔާވެރިވުމަކީ، މާތް ﷲ ހާރާމް ކުރައްވާފައިވާ ކަންކަމަށް އަރައިގަނެ ފާފަވެރި އަމަލުތައް ކުރުން. ފަހެ ކޮންމެ ޒަމާނެއްގައި ވެސް އަދި ކޮންމެ ވަގުތެއްގައި ވެސް މިފަދަ ކަމަކަށް އަރައިގަތުމަކީ މާތް ﷲ ގެ ކޯފާ ހައްގުވާނެ ކަމެއް ކަމަށް ވެސް ކުތުބާގައި ވަނީ ބުނެފައެވެ. އަދި ވަކީން ހާއްސަކޮށް ހުރުމަތްތެރިވެގެންވާ މައްސަރެއްގައި މި ފަދަ ކަމަކަށް އަރައިގަތުމުގެ ނުބައިކަން ބޮޑުވެގެންވާ ކަމަށާއި، އެއީ އެ ފަދަ އަމަލަކީ، މާތް ﷲ އަށް އުރެދުމާ އެކު، އެކަލާނގެ ހާއްސަކުރައްވައި މަތިވެރިކުރައްވައި ހުރުމަތްތެރިކުރައްވާފައިވާ ކަންކަމުގެ ހުރުމަތްކަނޑައި އެ ކަންކަމަށް އިހާނަތްތެރިކޮށް ހިތުން ކަމުގައި ވާތީ ކަމަށް ވެސް ހުތުބާގައިވެއެވެ.
އެއީ މާތް ﷲ ހަނދުމަކޮށް، ގިނަގިނައިން ޒިކުރުކުރުމާއި ދުއާކުރުމާއި ކީރިތި ގުރްއާން ކިޔެވުމާއި ތަސްބީހަ އާއި ތަހުމީދާއި ތަކުބީރުކިޔުން ފަދަ ދުލުން ކުރެވޭ އަޅުކަންތައް ގިނަކުރުމެވެ. އަދި ކޮންމެ މުސްލިމަކަށް ވެސް ހެޔޮ ނަސޭހަތްދިނުމާއި ރޯދަހިފުމާއި ސަދަގާތްކުރުމާއި އަނިޔާ ލިބިފައިވާ މީހާއަށް ނަސްރުދިނުމާއި ނިކަމެތީންނަށް އެހީތެރިވުމާއި މުސީބާތެއް ޖެހިފައިވާ މީހާއަށް އެހީތެރިކަން ފޯރުކޮށްދިނުން ފަދަ އަމަލީ ގޮތުން ކުރެވޭ ހެޔޮކަންތައް ވެސް ގިނަ ކުރަން ޖެހޭ ކަމަށް ހުތުބާގައިވެއެވެ. އަދި ހިތުގެ އަޅުކަންތައްތަކުން ވެސް މި ވަގުތުތަކުގެ ފައިދާ ހާސިލުކުރާންވާނެ ކަމަށް ހުތުބާގައިވެއެވެ.
"މާތް ﷲއަށް އިހުލާސްތެރިވުމާއި، އެކަލާނގެ އެއްކައުވަންތަކުރުމާއި، އެކަލާނގެއަށް ފުރިހަމައަށް އީމާންވުމާއި އެކަލާނގެ މަތިވެރިކުރުމާއި އެކަލާނގެ ދެކެ ލޯބިވުމާއި އެކަލާނގެ މަތިވެރިކޮށް ގަދަރުކުރުމާއި މާތް ﷲ ލޯބިވެވޮޑިގެންވާ އެ ނޫން ވެސް ހިތުގެ އެންމެހައި އަމަލުތަކެއް ކުރުމެން. އަދި ހަމައެހެންމެ،اللهُ سُبْحَانَهُ وَتَعَالَى ރުހިވޮޑިނުގަންނަވާ އެންމެހައި ކަންކަމުން ހިތް ތާހިރުކުރުން ވެސް ލާޒިމުވެގެންވޭ. ހަމަ އެއާ އެކު، އީބަބުނުމާއި ދޭތެރެޖެއްސުމާއި ދޮގު ހެދުމާއި މީހުންނަށް އެއްޗެހި ގޮވުމާއި، ލައުނަތް ދިނުން ފަދަ ނުބައި ފާފަތަކުން ރައްކާތެރިވެ ދުރުހެލިވުން ހިމެނޭ. ފަހެ، ބާއްޖަވެރިޔަކީ މާތް ﷲގެ ރުހިވޮޑިގަތުމާއި، އެކަލާނގެ ލޯބިވެވޮޑިގަތުމާއި، ފާފަފުއްސެވުމާއި، ސުވަރުގޭގެ އެންމެ މަތިވެރި ދަރަޖަތަކާއި މަގާމުތަކަށް ވާސިލުވުމަށް އެމީހެއްގެ ނަފުސު އެދި މަސައްކަތްކުރާ މީހާ" ހުތުބާގައިވެއެވެ.
ފާއިތުވެދިޔަ ތަނުގައި އުނިވެފައިވާ ކަންކަން ރަނގަޅުކޮށް، ކުރިއަށް އޮތް ބަރަކާތްތެރި، މާތްވެގެންވާ ވަގުތުތަކާއި ޒަމާންތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފައި މާތް ﷲއަށް ތަގުވާވެރިވެ އަދި ހުރުމަތްތެރިވެގެންވާ މައްސަރުތަކުގައްޔާއި، އަހަރުގެ އެހެނިހެން މަސްތަކުގައި ވެސް، ކިޔަމަންތެރިކަމުގެ އަމަލުތަކާއި ސަވާބު ލިބެނިވި ކަންކަންކުރުމާ އެކު ތެދުމަގުގައި ސާބިތުވެތިބުމަށް ހުތުބާ ގައި ވަނީ ގޮވާލާފައެވެ.


