logo

ދައުލަތުގެ އާމްދަނީ 10.6 ބިލިއަން ރުފިޔާއަށް

އާމިނަތު މޫސާ
13 ގަޑިއިރު ކުރިން

މާޗް މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ދަޢުލަތަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބުނު މިންވަރު 10.2 އިންސައްތަ އިތުރުވެފައިވާ ކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މި މުއްދަތުގެ ތެރޭގައި ދަޢުލަތަށް ލިބުނު އާމްދަނީ އިތުރުވެފައިވާއިރު، ދަޢުލަތުގެ ޚަރަދު ވަނީ 8.6 އިންސައްތަ ދަށްވެފައެވެ.

މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ 'ވީކްލީ ފިސްކަލް ޑިވޮލޮޕްމެންޓް' ރިޕޯޓުން ދައްކާގޮތުގައި މިހިންގާ މާރިޗުމަހުގެ 26ވަނަ ދުވަހުގެ ނިޔަލަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދަޢުލަތަށް 10.6 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 10.2 އިންސައްތަ އިތުރު އަދެދެކެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި ދަޢުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 9.6 ބިލިޔަން ރުފިޔާއެވެ.

މާލީ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ލިބުނު އާމްދަނީގެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީއެވެ. އެއީ 8.6 ބިލިޔަން ރުފިޔާއެވެ. މިއީ ޖުމްލަ އާމްދަނީގެ 81 އިންސައްތައެވެ. ފާއިތުވި ހަފުތާގެ ތެރޭގައި އާމްދަނީ އެންމެ ބޮޑަށް އިތުރުވެފައިވަނީ ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުގެ ޓެކްސް، ޓީޖީއެސްޓީއިން ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އާމްދަނީ އިތުރުވުމަށް މެދުވެރިވި މައިގަނޑު ސަބަބުތަކަށް ބަލާއިރު، ޓީ.ޖީ.އެސް.ޓީގެ ގޮތުގައި ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އެމުއްދަތުގައި ލިބުނު 2.7 ބިލިއަން ރުފިޔާ އަޅާބަލާއިރު 23.9 އިންސައްތަ އިތުރުވެ، 3.3 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. މިއީ މުދަލާއި ޚިދުމަތުގެ ޓެކުހުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބުނު ދާއިރާއެވެ.

މީގެ އިތުރުން، ނޮން-ރެސިޑެންޓް ވިތުހޯލްޑިންގް ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އެމުއްދަތާ އަޅާބަލާއިރު 59.0 އިންސައްތަ އިތުރުވެ، 324.8 މިލިއަން ރުފިޔާއިން 516.4 މިލިއަން ރުފިޔާއަށް ވަނީ މަތިވެފައެވެ. ޓެކްސް ނޫން އާމްދަނީގެ ތެރެއިން ރިސޯޓުތަކުގެ ބިމު ކުލީގެ ގޮތުގައި ލިބުނު އާމްދަނީ 14.7 އިންސައްތަ އިތުރުވެ، 332.5 މިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. އަދި ބޭރު ފައިސާއިން ލިބުނު ޖުމްލަ އާމްދަނީ 300 މިލިއަން އެމެރިކާ ޑޮލަރަށްވުރެ މަތިވެފައިވުމަކީ ރާއްޖޭގެ އިޤްތިޞާދީ ދާއިރާގެ ވަރުގަދަކަން ހާމަކޮށްދޭ ކަމެކެވެ.

ޚަރަދުތަކަށް ބަލާއިރު، 26 މާރިޗު 2026 އާ ހަމައަށް ޖުމްލަ 8.4 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މި މުއްދަތުގައި އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް އަދި ޕެންޝަނަށެވެ. އެއީ 3.2 ބިލިއަން ރުފިޔާއެވެ. ރިކަރަންޓް ޚަރަދުތަކުގެ ތެރެއިން ސަބްސިޑީއަށް ކުރި ހޭދަ މިދިޔަ އަހަރުގެ އެމުއްދަތާ އަޅާބަލާއިރު 8.8 އިންސައްތަ އިތުރުވެ 891.2 މިލިއަން ރުފިޔާއަށް އަރާފައިވާއިރު، އެހީ އާއި ސަބްސިޑީގެ ގޮތުގައި ޖުމްލަ 2.6 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މީގެ އިތުރުން، ތަރައްގީގެ މަޝްރޫއުތަކަށް ކުރާ ކެޕިޓަލް ޚަރަދުތައް ވެސް ވަނީ އިތުރުވެފައެވެ. އެގޮތުން ބިން ހިއްކުމާއި އިމާރާތްކުރުމުގެ މަޝްރޫއުތަކަށް ކުރި ހޭދަ މިދިޔަ އަހަރުގެ އެމުއްދަތާ އަޅާބަލާއިރު 137.5 އިންސައްތަ އިތުރުވެ، 442.7 މިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ދައުލަތުގެ މާލީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ސޮވެރިންގް ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަށް ޖުމްލަ 520.6 މިލިއަން ރުފިޔާއަށްވާ ޑޮލަރު ވަނީ ޖަމާކޮށްފައެވެ. މީގެ ތެރޭގައި ފާއިތުވި ހަފުތާގައި ޖަމާކުރި 95.5 މިލިއަން ރުފިޔާ ހިމެނެއެވެ. އާމްދަނީ އިތުރުވުމާއި، ޚަރަދުތައް ކުޑަކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ސަބަބުން، ކުރިއަށް އޮތް ތަނުގައިވެސް ދައުލަތުގެ މާލީ ހާލަތު ރަނގަޅުވާނެ ކަމަށް ލަފާކުރެވެއެވެ.

ad