ހުޅުމާލޭގައި ޤާއިމްކުރި 5000 ޓަނުގެ ފެން އުފެއްދޭ އާރްއޯ ޕްލާންޓްގެ މަސައްކަތް ނިންމާ ބޭނުން ކުރަން ފަށައިފިއެވެ.
މިއީ މާލެ ސަރަހައްދުގެ ފެނުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ފެން އުފައްދާ މިންވަރު އިތުރުކުރުމަށްޓަކައި ކުރިއަށްގެންދިޔަ މުހިންމު މަޝްރޫއެކެވެ.
މިއާއިއެކު ކުރިއަށް އޮތް ރަމަޟާން މަހު ފެނުގެ ޑިމާންޑް އިތުރުވެގެންދިޔަކަމުގައި ވިޔަސް، މި ޕްލާންޓާއެކު މާލެ އާއި ހުޅުމާލޭގެ ގޭބިސީތަކާއި ވިޔަފާރިތަކަށް މެދުނުކެނޑި ފެނުގެ ހިދުމަތް ފޯރުކޮށްދިނުމުގެ ގާބިލުކަން އިތުރުވެގެންދާނެއެވެ. އެމްޑަބްލިޔުއެސްސީ އިން ހާމަކުރި ގޮތުގައި، މިއީ ހަލުވިކަމާއެކު އިތުރުވަމުންދާ އާބާދީއާއި، އަލަށް ތަރައްގީވަމުންދާ ހައުސިންގ މަޝްރޫއުތަކަށް ބޭނުންވާ ފެން ފޯރުކޮށްދިނުމަށް އެ ކުންފުނިން ގެންގުޅޭ ރޭވުމުގެ ދަށުން ކުރިއަށްގެންދިޔަ މަސައްކަތެކެވެ.
މާލޭ ސަރަޙައްދުގެ ފެނުގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، މާލެ ހުޅުމާލޭގައި ދުވާލަކު 10،000ޓަނުގެ ފެން އުފެއްދުމަށް ބޭނުންވާ ޢިމާރާތުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ.
ހުޅުމާލޭގައި ބޭނުން ކުރަން ފެށި 5000 ޓަނުގެ ފެން އުފައްދާ އާރްއޯ ޕްލާންޓު ބޭނުން ކުރަން ފެށުމާއެކު މާލެއާއި ހުޅުމާލެގެ ފެން ފޯރުކޮށްދިނުމުގެ ޤާބިލުކަން ހަރުދަނާވެގެންދާނެކަމަށް އެމްޑަބްލިއުއެސްސީން ބުނެފައިވެއެވެ. އަދި ރަމަޟާން މަހަކީ ފެނުގެ ޑިމާންޑް ބޮޑު މައްސަރަކަށްވުމުން އެ ޕްލާންޓާއެކު ޑިމާންޑާ އެއްވަރަށް ފެންފޯރުކޮށްދިނުމަށް އެހީތެރިވެދޭނެކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ. ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރ އަބްދުލް މަތީން މުހައްމަދު ވިދާޅުވީ އެ ކުންފުނީގެ މަސައްކަތްތަކުގެ ތެރެއިން އެންމެ އިސްކަމެއްދީގެން ކުރެވޭ މަސައްކަތަކީ ފެނުގެ ޔަގީންކަން ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތްކަމަށެވެ.
މަތީން ވިދާޅުވީ މާލެ ސަރަޙައްދުގެ ފެނުގެ ޚިދުމަތް ކަށަވަރުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޚާއްސަ އިސްކަމެއް ދެއްވާކަމަށާއި މާލެ ސަރަަހައްދުގެ ފެނުގެ ޚިދުމަތް ތަރައްޤީކުރުމަށްޓަކައި 300 މިލިޔަން ރުފިޔާ ހަމަޖައްސަވާދެއްވިކަމަށެވެ. އެއާއެކު މިދިޔަ އަހަރު 10000 ޓަނުގެފެން އުފައްދޭ ތާނގީގެ މަސައްކަތް ނިންމާފައިވާކަމަށެވެ. މިއީ ރާއްޖޭގައި މިހާތަނަށް ބެހެއްޓި އެންމެ ބޮޑު ފެން ތާނގީއެވެ. މިއާއެކު ހުޅުމާލޭގައި ފެން ރައްކާކުރެވޭ މިންވަރު 22600 ޓަނަށް ވަނީ އިތުރުވެފައެވެ. މަތީން ވިދާޅުވީ މިދިޔަ އަހަރު އިތުރު 10000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓުގެ މަސައްކަތް ފެށިކަމަށެވެ. އޭގެ ތެރެއިން އެއް ޕްލާންޓް މިދިޔަ އަހަރު ބޭނުން ކުރަން ފެށިއިރު އަނެއް 5000 ޓަނުގެ ޕްލާންޓް މިހާރު ބޭނުން ކުރަން ފަށާފައިވާކަމަށް މަޠީން ވިދާޅުވިއެވެ.
މީގެއިތުރުން އެމްޑަބްލިޔުއެސްސީގެ ފެން ރައްކާކުރުމުގެ ގާބިލްކަން އިތުރުކުރުމަށްޓަކައި މާލޭގައި 13،000 ޓަނުގެ 2 ތާނގީ ބެހެއްޓުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ. މިއީ 26000 ޓަނުގެ ފެން ރައްކާކުރުމުގެ ޤާބިލުކަން ލިބޭނެ ޕްލާންޓްތަކެކެވެ. މަތީން ވިދާޅުވީ އެ މަސައްކަތް ނިންމުމަށް އަހަރަކަށްވުރެ ގިނަ ދުވަސް ނަގާނެކަމަށާއި އެ ތާނގިތައް ބަހައްޓަނީ ކުރީގެ ކުނިކޮށީގައި ކަމަށްވުމުން ބިންގަނޑު ވަރަށް ރަނގަޅަށް ތައްޔާރުކުރަން ޖެހޭކަމަށެވެ. އަދި އެކަން ކުރުމަށް މައިކްރޯ ޕައިލްސް ބޭނުންކޮށްގެން މަސައްކަތް ފަށާފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މަތީން އިތުރަށް ވިދާޅުވީ މި ތާނގީގެ މަސައްކަތް ނިމުމުން މިހާރު މާލޭގައި ހުރި އިތުރު ތާނގިތައް އާބަތުރަ ފިލުވުމުގެ މަސައްކަތް ކުރިއަށްގެންދެވޭނެކަމަށެވެ. އަދި ހުޅުމާލެއަށް އިތުރުވާ އާބަދީއާ އެއްވަރަށް ފެން ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައްވެސް ކުރިއަށްގެންދަވާނެކަމަށް އޭނާ ވިދާޅުވިއެވެ.

