‘އިންތިޙާބީ ހުމެއް’ގެ ތެރޭގައި ތިބުން ދައުލަތަށް ގެއްލުން ބޮޑުކަމަށް ވިދާލުވެ ސަރުކާރުގެ ފަރާތުން އިންތިހާބުތައް އެއްކޮށްބޭއްވުމުގެ މަޝްވަރާތައް ފަށައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސީޓީސް މިނިސްޓްރީގެ މިނިސްޓާރ އާދަމްޝަރީފް އުމަރު ވިދާޅުުވީ5 އަހަރުގެ ދައުރެއްގެ ތެރޭގައި 3 އިންތިޙާބު ބޭއްވުމުގެ ސަބަބުން މުޅި ދައުލަތް އޮންނަނީ ‘އިންތިޙާބީ ހުމެއް’ގެ ތެރޭގައި ކަމަށެވެ.
އާދަމް ޝަރީފް އުމަރު ވިދާޅުވީ އިންތިހާބުތައް މިގޮތަށް ބޭއްވުމުގެސަބަބުން ޤައުމީ އުފެއްދުންތެރިކަމަށް މަސައްކަތް ކުރުމަށް ލިބޭ ވަގުތުން، ބޮޑު ބައެއް ކެންޕެއިންތަކަށް ހޭދަ ކުރަންޖެހޭ ކަމަށެވެ. އަދި އެކަމަށް ދައުލަތުން ބޮޑު ޚަރަދެއް ހިނގާ ކަމަށެވެ.
އެހެންކަމުން ރާއްޖޭގައި ރިޔާސީ އިންތިޙާބާއި މަޖިލިސް އިންތިޙާބު، އެކުގައި ބޭއްވުމަކީ މުޅި ޤައުމުގެ މަޞްލަޙަތު ހިމެނޭ، ވަރަށް ބޭނުންތެރި ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓާރު އާދަމް ޝަރީފް އުމަރު މިހެން ވިދާޅުވެފައިވާއިރު، އަންނަ އޭޕްރީލް 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލު އިންތިހާބު އޮންނައިރު ހަމަ އެ ދުވަހު ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބޭއްވުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވަނީ ތާއީދު ކުރައްވާފަ އެވެ. އަދި މިހާރު އެ ބިލް (ރިފަރެންޑަމް ބިލް) ސަރުކާރުގެ ފަރާތުން ވަނީ މަޖިލީހަށް ހުށަހަޅައިފަ އެވެ. މަޖިލީހުގެ މިދިޔަ ދައުރުގެ ޗުއްޓީއަށް ދިއުމުގެ ކުރިން އެ ބިލް ދިރާސާކޮށް، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ މަޖިލީހަށް އެކަމުގެ ރިޕޯޓު ވެސް ފޮނުވައިފަ އެވެ. މެމްބަރުފަލާހް ވިދާލުވީ ބުރާސްފަތި ދުވަހު މަޖިލިސް ހުޅުވުމަށް ބާއްވާ ޖަލްސާއަށް ފަހު ގާނޫނުއަސާސީއަށް ގެންނަން ބޭނުންވާ އިސްލާހުތައް ގެނެވި އެ ބަދަލުތައް ތަސްދީގު ކުރެއްވުމަށް ރައީސަށް ފޮނުވުމަށް ގަސްދު ކުރައްވާ ކަމަށެވެ.
މިކަމާއި ގުޅޭގޮތުން ބަންޑާރަ ނައިބު އަހްމަދު އުޝާމް ވިދާޅުވީ މިހާރު ވަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދެމެދު ދިގު މުއްދަތެއް ބޭއްވުމަކީ އާ ގާނޫނުއަސާސީ އެކުލަވާލިއިރު އެއްވެސް ވަރަކަށް ގެންގުޅުނު ވިސްނުމެއް ނޫން ކަމެއް ކަމަށް ވިދާލުވެފައެވެ. އަދި "އުޝާމް ފާހަގަކުރެއްވީ ގާނޫނުއަސާސީގެ 296 ވަނަ މާއްދާއަށް ބަލާލިނަމަވެސް އެންމެ ފުރަތަމަ ބާއްވަން ޖެހޭ ރައްޔިތުންގެ މަޖިލީސް އިންތިހާބަކީ ފެބުރުއަރީ 15ގައި ބާއްވަން ޖެހޭ އިންތިހާބެއް ކަމަށާއި، އޭގައި 1 މާޗްގެ ކުރިން އިންތިހާބު ބާއްވައި އާ މަޖިލީހެއް އެކުލަވާލަން ޖެހޭގޮތަށް ފެންނަން އޮންނަ ކަމަށެވެ.
އެގޮތަށް ގާނޫނުއަސާސީއަށް އަމަލުކުރެވުނު ނަމަ، ރައިސުލްޖުމްހޫރިއްޔާ ހުވާކުރައްވާތާ ދެތިން މަސް ދުވަހުގެ ތެެރޭގައި މަޖިލީހެއް އެކުލަވާލެވޭނެ ކަމަށެވެ. އަދި މިހާރު އޮންނަ މުއްދަތު ވެސް ނޯންނާނެކަމަށް އުޝާމް ފާހަގަކުރެއްވިއެވެ.
މި ކަމާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ބުނީ ރިފަރެންޑަން ލޯކަލް ކައުންސިލް އިންތިހާބާ އެކު ބޭއްވޭނީ ގާނޫނުއަސާސީ އަށް ގެންނަ ބަދަލުގެ މަަސައްކަތް މިމަހުގެ 18 ގެ ކުރިން ނިންމައިގެން ކަމަށެވެ.
އީސީގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ އެ ދެ އިންތިހާބު އެއްކޮށްލުމާ މެދު ހިޔާލު ހޯދަން ބާއްވާ ރިފަރެންޑަމްގެ ކުރިން ރައްޔިތުން ހޭލުންތެރިކުރަން 45 ދުވަހުގެ މުހުލަތެއް ދޭން ޖެހޭ ކަމަށެވެ. އެއީ ރިފަރެންޑަމް ބޭއްވުމާ ބެހޭ ގާނޫނުން ލާޒިމްކުރާ ކަމެއް ކަމަށެވެ.
މީގެ އިތުރުން ޒާހިދު ފާހަގަކުރެއްވީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ އެކު ރިފަރެންޑަމް ބާއްވަން ޖެހުނަސް، އީސީ އޮތީ އެކަމަށް ތައްޔާރަށް ކަމަށާއި، ނަމަވެސް އެކަމަށް އިތުރަށް ގާތްގަނޑަކަށް 20 މިލިއަން ރުފިޔާ ބޭނުންވާނެ ކަމަށެވެ.
އެކަމަކު، ރިފަރެންޑަމް ވަކިން އެހެން ތާރީހެއްގައި ބާއްވާ ނަމަ އެކަމަށް 60 މިލިއަން ރުފިޔާ އާއި 80 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކަށް ހަރަދުވާނެ ކަމަށް ވެސް ޒާހިދު ވިދާޅުވި އެވެ.

