އެއްވުންތައް ކަވަރުކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިންނަށް ސަލާމަތީ ބާރުތަކުގެ ހާއްސަ ހިމާޔަތް ލިބިދޭގޮތަށް ނޫސްވެރިން އެކްރެޑިޓްކުރުމުގެ ގަވާއިދެއް އެކުލަވާލައި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފި އެވެ.
މިގަވާއިދުގެ މަގްސަދަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމާއި، ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ ދަށުން އެއްވުންތައް ކަވަރުކުރާ ނޫސްވެރިންނަށް އެންމެ ފުޅާ ދާއިރާއެއްގައި އެފުރުސަތު ފަހިކޮށްދިނުމެވެ. އަދި އެއްވުންތައް ކަވަރުކުރުމުގައި ހަރަކާތްތެރިވާ ނޫށްވެރިންނަށް ސަލާމަތީ ބާރުތަކުގެ ފަރާތުން ބޭނުންވާ ހިމާޔަތާއި އެއްބާރުލުން ކަށަވަރުކޮށްދިނުމާއި، އެއްވުންތައް ކަވަރުކުރުމުގައި ހަރަކާތްތެރިވާ އެންމެހައި މީޑިއާތަކަށް ހަމަހަމަ ފުރުސަތުފަހިކޮށްދިނުމުގެ އިތުރުން އެއްވެއުޅުމާއި ގުޅޭ މަޢުލޫމާތު ފެތުރުމަށް ހަރަކާތްތެރިވާ ނޫސްވެރިން އެކްރެޑިޓް ކުރުމުގެ އުސޫލް ކަނޑައެޅުމެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން އެކުލަވާލާފައިވާ މިޤަވާއިދުގެ ދަށުން ޤާނޫނުއަސާސީގައި ބަޔާންކުރާ ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމާއި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ ދަށުން އެއްވުން ކަވަރުކުރާ ނޫސްވެރިންނަށް އެންމެ ފުޅާދާއިރާއެއްގައި އެފުރުސަތު ފަހިވާނެކަމަށް އެކޮމިޝަނުން ބުނެއެވެ.
އެކްރެޑިޓްކުރެވިފައިވާ ނޫސްވެރިންނަށް ލިބިދޭ އިމްތިޔާޒުތައްވެސް ގަވާއިދުގައިވަނީ ބަޔާންކޮށްފައެވެ. އެގޮތުން ސަލާމަތީ ބާރުތަކުގެ ޚާއްސަ ޙިމާޔަތް ލިބިގެންދިޔުމާއި، ހަލަބޮލި ހާލަތްތައް ހިނގާ ސަރަޙައްދުތަކަށް ދެވޭ "އެކްސެސް"އާއި ސަލާމަތީ ބާރުތަކުން މަޢުލޫމާތު ހޯދުމުގައި ލުއިފަސޭހަތަކެއް ލިބުން ހިމެނެއެވެ.
މިގަވާއިދުގައި ބަޔާންކުރާ ގޮތުން ދިވެހި މީޑިއާތައް ތަމްސީލުކުރާ ފަރާތްތައް އެކްރެޑިޓްކޮށްދެވެނީ 1 އަހަރު ދުވަހަށެވެ. އަދި ބައިނަލްއަޤުވާމީ މީޑިއާ ތަމްސީލުކުރާ ފަރާތްތައް އެކްރެޑިޓްކޮށްދެނީ 3 މަސް ދުވަހަށެވެ. ފްރީލާންސްކޮށް މަސައްކަތްކުރާ ނޫސްވެރިން އެކްރެޑިޓްކޮށްދެނީ 6 މަސްދުވަހަށެވެ.
މި ގަވާއިދުގެ ދަށުން އެކްރެޑިޓްކުރެވޭ ނޫސްވެރިންނަށް މުޒާހަރާތަކާއި އެއްވުންތައް ކަވަރުކުރުމުގައި ފަސޭހަވާނެކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން މައުލޫމާތު ދެއެވެ.

