މިއަހަރު ރާއްޖެއިން ހައްޖަށްދާ ހައްޖުވެރިން ފުރަން ފަށާނީ މެއި 15 ވަނަ ދުވަހުން ފެށިގެން ކަމަށް ހައްޖު ކޯޕަރޭޝަނުން މިއަދު ބުނެފިއެވެ.
ހައްޖު ކޯޕަރޭޝަނުން ބުނެފައިވަނީ، މިއަހަރުގެ ހައްޖުވެރިން ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ، ގައުމީ އެއަލައިން މޯލްޑިވިއަން ގައި ކަމަށާއި، ހައްޖުވެރިން ދަތުރުކުރުމަށް 4 ފްލައިޓެއް މޯލްޑިވިއަނުން ހަމަޖައްސާނެކަމަށެވެ.
މިގޮތުން ހައްޖުވެރިން ގޮވައިގެން ދާ ފުރަތަމަ ފްލައިޓް މެއި 15 ގައި ފުރާއިރު، އެ ހައްޖުވެރިން ފުރާނީ ސައުދިއާގެ ފްލައިޓެއްގައެވެ. އެ ހައްޖުވެރިން އަޅުކަމަށް ފަހު ރާއްޖެ އައުމަށް ހަމަޖެހިފައި ވަނީ ޖޫން ފަހެއްގައެވެ.
ހައްޖުވެރިން ގޮވައިގެން ދާ ދެވަނަ ފްލައިޓް މެއި 17 ގައި ފުރާއިރު، އެ ހައްޖުވެރިން ފުރާނީ މޯލްޑިވިއަންގެ ފްލައިޓެއްގައެވެ. އެ ހައްޖުވެރިން އަޅުކަމަށް ފަހު ރާއްޖެ އައުމަށް ހަމަޖެހިފައި ވަނީ ޖޫން ހަތެއްގައެވެ.
އަދި ހައްޖުވެރިން ގޮވައިގެން ދާ ތިން ފްލައިޓް މެއި 18 ގައި ފުރާއިރު، އެ ހައްޖުވެރިން ފުރާނީ ސައުދިއާގެ ފްލައިޓެއްގައެވެ. އެ ހައްޖުވެރިން އަޅުކަމަށް ފަހު ރާއްޖެ އައުމަށް ހަމަޖެހިފައި ވަނީ ޖޫން އަށެއްގައެވެ. ހައްޖުވެރިން ގޮވައިގެން ދާ ފަހު ފްލައިޓް މެއި 19ގައި ފުރާއިރު، އެ ހައްޖުވެރިން ފުރާނީ މޯލްޑިވިއަންގެ ފްލައިޓެއްގައެވެ. އެ ހައްޖުވެރިން އަޅުކަމަށް ފަހު ރާއްޖެ އައުމަށް ހަމަޖެހިފައި ވަނީ ޖޫން ނުވައެއްގައެވެ.
ކޮންމެ އަހަރަކުވެސް ހައްޖު އަޅުކަމަށް ދިއުމަށް ސައުދީން ރާއްޖެއަށް 1،000 ކޯޓާ ދެއެވެ.

