logo

ފުވައްމުލަކުގައި ހިންގަމުން ދިޔަ މަސްތުވާތަކެތީގެ ކެފޭއެއް ބަންދުކޮށްފި

އާމިނަތު މޫސާ
44 މިނިޓު ކުރިން

ފުވައްމުލައް ސިޓީގައި ހިންގަމުން އައި މަސްތުވާތަކެތީގެ ކެފޭއެއް ބަންދުކޮށްފިއެވެ.

ފުލުހުން ބުނީ، ފުވައްމުލައް ސިޓީއަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތި ވިއްކައި ވިޔަފާރިކޮށް، ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންދާކަމުގެ ތުހުމަތުގައި، އެރަށު މެޖިސްޓްރޭޓް ކޯޓުން ބަންދު ކުރަން އަމުރު ނެރެފައިވަނީ ޏ. ފުވައްމުލައް / ފުނާޑު. ގުލިސްތާނުގޭގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދިނުމަށް ހަދާފައިވާ ބައި ކަމަށެވެ.

މި އަމުރު ނެރެފައިވަނީ މިމަހުގެ 27 ވަނަ ދުވަހުން ފެށިގެން 85 ދުވަހަށް ކަމަށާއި މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ނެރުނު މި އަމުރަކީ، މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ތަނެއް ބަންދުކުރުމަށް ފުވައްމުލައް މެޖިސްޓްރޭޓް ކޯޓުން ނެރުނު ފުރަތަމަ އަމުރު ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، ކޯޓު އަމުރުގެ ދަށުން މިގޮތަށް ބަންދުކުރާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެނުކުމެ ހެދުމަކީ ކުށެއް ކަމަށާއި މިފަދަ ތަންތަނަށް ހުއްދައާ ނުލައި ވަންނަ ފަރާތްތަކާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާމެދު ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އެޅޭނެ ކަމަށެވެ.

ފުވައްމުލައް ސިޓީގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ފަރާތްތައް ހުއްޓުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު ދަންނަވާފައެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުން ފުލުހުންނަށް ލިބިދީފައިވާ ބާރުތަކުގެ ދަށުން، ފުލުހުން ކުރަމުންދާ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންދާނެ ކަމަށާއި އަދި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންދާ އިތުރު ތަންތަން ހޯދައި، ގާނޫނުގައިވާ ގޮތުގެ މަތިން އެފަދަ ތަންތަން ބަންދުކުރުމުގެ މަސައްކަތް ވެސް ކުރަމުންދާނެ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުވައްމުލަކު މަސްތުވާތަކެތި ކެފޭއެއް ބަންދުކޮށްފައިވާއިރު، ފުލުހުން ވަނީ މީގެ ކުރިން އެސިޓީގައި މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ބޮޑު ނެޓްވޯކެއް އަތުލައިގެންފައެވެ.

ad