މޯލްޑިވްސް އިމިގްރޭޝަނުން އިއްޔެ ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ވިސާ ފުރިހަމަ ނޫން 254 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން "އޮޕަރޭޝަން ކުރަނގި" ގެ ތިންވަނަ ފިޔަވަހި އިއްޔެ ވަނީ ފަށައިފަ އެވެ.
މި އޮޕަރޭޝަނަކީ ބަޔޯމެޓްރިކްސް ދިނުމަށް ފުރުސަތު ދިނުމުންވެސް އެކަން ނުކޮށް ތިބި ބިދޭސީން ހޯދައި ފުރުވާލުމަށް ހިންގާ ހަރަކާތެކެވެ.
އެ ގޮތުން މާލެ 26 ޒޯނަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި އިމިގްރޭޝަންގެ 200 އަށްވުރެ ގިނަ އޮފިސަރުންނާއި ފުލުހުންގެ 100 އޮފިސަރުން ބައިވެރިވި އެވެ. އިއްޔެ ހަވީރު 4:00 އިން 6:00 އަށް ކުރިއަށް ގެންދިއަ މި ހާއްސަ އޮޕަރޭޝަންގައި 639 ތަނެއް ބަލައި، 1،344 ބިދޭސީން ޗެކްކޮށް، ވިސާ ފުރިހަމަ ނޫން 254 ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.
މީގެއިތުރުން ގަވާއިދާ ހިލާފަށް ބިދޭސީން ލައްވައި މަސައްކަތް ކުރުވި 44 ދިވެހިންނަށް ވަނީ ނޯޓިސް ދީފަ އެވެ. އަދި ދެވުނު ނޯޓިސްއާއި އެއްގޮތަށް އަމަލު ނުކޮށްފިނަމަ މި ފަރާތްތަކާއި މެދު އިމިގްރޭޝަން ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށް ވަނީ ނިންމާފަ އެވެ.
މި އޮޕަރޭޝަންގެ މައިގަނޑު މަގުސަދަކީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން އިސްނަގައިގެން ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގި" ގެ ތެރެއިން ގަވާއިދުގެ ތެރެއަށް ވަނުމަށް ތަކުރާރުކޮށް ދެވުނު ފުރުސަތުތަކުގެ ބޭނުންނުހިފައި، ބަޔޯމެޓްރިކްސް މަޢުލޫމާތު މިހާތަނަށް ފޯރުކޮށްދީފައިނުވާ ބިދޭސީން ދެނެގަތުމެވެ.
އެގޮތުން ފާހަގަކުރެވޭ ފަރާތްތައް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސް، ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ރާއްޖެއިން ފޮނުވާލުމަށް ހަމަޖެހިފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ. އަދި ގަވާއިދާ ހިލާފަށް މަސައްކަތްކޮށް، ވިޔަފާރި ހިންގާ ބިދޭސީން މި އޮޕަރޭޝަންގެ ތެރެއިން ދެނެގަނެ، އެފަދަ ފަރާތްތަކާ މެދުވެސް ފިޔަވަޅު އެޅޭނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
މި އޮޕަރޭޝަންގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާންގެ އިތުރުން ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން އަހުމަދު ފަސީޙް އަދި ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
