logo

ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން އެމްޑީއޭއިންވެސް ތާއީދު ކޮށްފި

އާމިނަތު މޫސާ
8 ގަޑިއިރު ކުރިން

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުޙައްމަދުގެ އެމްޑީއޭ އިން ވެސް ތާއިދު ކުރަންނަށް ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލިހުން ފާސްކުރި ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލްގައި މަޖިލީހުގެ މެންބަރުކަމަށް މީހުން ހޮވުމަށާއި ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ބާއްވަން ޖެހޭ އިންތިހާބު ބާއްވަން ވާނީ، ދެ އިންތިހާބު އެކީގައި ކަމަށް ކަނޑައެޅުމަށާއި، މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު އިސްލާހު ކުރަން ހިމަނާފައިވެއެވެ. އެގޮތުން ދެ އިންތިހާބު އެއްކޮށްލުމުގެ އިތުރުން، މަޖިލީހުގެ އުމުރަކީ ޑިސެމްބަރު އެއް ވަނަ ދުވަހުން ފެށިގެން ފަސް އަހަރު ދުވަސް ކަމަށް އޭގައިވެއެވެ.

އެމްޑީއޭއިން ރޭ ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގެ އިގުތިސާދީ ހާލަތާއި، ގައުމުގެ ސުލްހަމަސަލަސް ކަމަށް ރިއާޔަތްކުރާއިރު، ދިވެހި ދައުލަތަށާއި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުން ކަމަށް އެ ޕާޓީން ދެކޭ ކަމަށެވެ.

އަދި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ އެކު ބޭއްވުމަށް ނިންމާފައިވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި ރިޔާސީ އިންތިހާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް އެ ޕާޓީން ފުރިހަމައަށް ތާއީދުކުރާ ކަމަށް ބަޔާނުގައި ބުންޏެވެ.

އެމްޑީއޭ އިން ބުނީ، އެ ޕާޓީގެ ރައީސް އަހުމަދު ސިޔާމް މުހައްމަދަކީ، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި އިގުތިސާދީ ގޮންޖެހުންތަކުން އަރައިގަތުމަށް، ބޭނުންވާ ޒިންމާދާރު ސިޔާސަތުތައް، އެކަށައެޅުއްވުމަށް ވަކާލާތުކުރައްވާ ބޭފުޅެއް ކަމަށެވެ. އެގޮތުން، މަޖިލިސް މެންބަރެއްގެ ހައިސިއްޔަތުންނާއި ރާއްޖޭގެ ފުންނާބުއުސް ވިޔަފާރިވެރިއެއްގެ ހައިސިއްޔަތުން ސިޔާމް އަބަދުވެސް އިސްކަންދެއްވަނީ ގައުމުގެ އިގުތިސާދީ ހަމަޖެހުމާއި އިޖުތިމާއީ ބަދަހިކަމަށް ކަމުގައި އެމްޑީއޭ އިން ބުންޏެވެ.

އެހެންކަމުން، މައި ދެ އިންތިހާބު އެއް ތާރީހެއްގައި ބޭއްވުމަކީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށާއި ދަރަނި މެނޭޖްކުރުމަށް ލިބޭ ވަރަށް ބޮޑު ފުރުސަތެއްކަމަށް، ސަރުކާރުން ބުނާ ބުނުމަށް އެމްޑީއޭއިން އިއުތިރާފުވާ ކަމަށް އެމްޑީއޭއިން ބުންޏެވެ.

ބަޔާނުގައި ބުނެފައިވެއެވެ.ދެ އިންތިހާބު އެއް ތާރީހެއްގައި ބޭއްވުމަށް، ގާނޫނުއަސާސީއަށް ބަދަލު ގެނައުމަށް ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ހުށަހެޅުއްވި އިސްލާހު މަޖިލީހުން މިދިޔަ މަހު ވަނީ ފާސްކޮށްފައެވެ. ނަމަވެސް، އެ އިސްލާހު ރައީސް ތަސްދީގުކުރައްވައި އަމަލުކުރަން ފަށާނީ، އެކަމާ މެދު ރައްޔިތުންގެ މެދުގައި ހިޔާލު ހޯދުމަށް ނަގާ ފެންނަ ނުފެންނަ ވޯޓަކުން ތާއީދު ލިބިގެންނެވެ.

އެހެންވެ، އަންނަ އޭޕްރީލް ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއެކު، އިންތިހާބުތައް އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނަގަން ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ނިންމައި، އެކަން ވަނީ އިއުލާނުކޮށްފައެވެ.

އަދި ދެ އިންތިހާބު އެއް ތާރީހެއްގައި ބޭއްވުމަށް، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމްވެސް ވަނީ ތާއީދު ކުރައްވާފައެވެ. ނަމަވެސް ދެ އިންތިހާބު އެކީ ބޭއްވުމާ ދެކޮޅަށް، އިދިކޮޅު މައި ޕާޓީީ، އެމްޑީޕީން އަންނަނީ އަޑު އުފުލަމުންނެވެ.

ad