logo

ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުމަށް ގުރުއަތުލުން ފަށައިފި

އާމިނަތު މޫސާ
4 ގަޑިއިރު ކުރިން

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބަށް ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ގުރުއަތުނަގަން ފަށައިފިއެވެ.

ގުރުއަތު ނަގަން ފަށާފައިވަނީ މިއަދު 10:00ގައެވެ. ގުރުއަތު ނެގުން ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ކުރިއަށްދާނީ އެއް ވަގުތެއްގައެވެ.

އިންތިހާބަށް ނަން ތަރުތީބުކުރުމަށް ގުރުއަތުލުން ހުރިހާ ރަށެއްގައިވެސް އެއް ވަގުތެއްގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު މާލެ ސިޓީގައި ގުރުއަތު ނެގުން ކުރިއަށް ގެންދަޏީ އިންތިހާބާ ބެހޭ މައި މަރުކަޒުގައެވެ. އެއީ މާފަންނުގައި ހުންނަ ކުރީގެ ޑްރަގް ކޯޓު ހިންގި އިމާރާތެވެ.

ކެންޑިޑޭޓުންގެ ގުރުއަތުލުން ފަށާފައިވާއިރު ގުރުއަތު ނަގަން ދާންވާނީ ކެންޑިޑޭޓު އަމިއްލައަށް ނުވަތަ ބަދަލުގައި މީހަކު ފޮނުވައިގެން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. އެގޮތުން ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ކެންޑިޑޭޓުގެ ސިޓީއެއް ފޮނުވަންޖެހޭނެއެވެ. މި ސިޓީގައި ގުރުއަތުނަގަން ދާ މީހާގެ ނަމާއި، އައިޑީ ނަންބަރު އަދި އައިޑީ ކޮޕީ ހިމަންނަންވާނެ. އަދި ގުރުއަތު ނެގުމަށް އައިޑީ ކާޑުގެ އަސްލު ގެންދަންޖެހެއެވެ.

އެއްވެސް ކެންޑިޑޭޓަކަށް ހާޒިރުނުވެވޭނަމަ ނުވަތަ ބަދަލުގައި މީހަކު ނުފޮނުވޭނަމަ އެ މީހެއްގެ ފަރާތުން ގުރުއަތު ނަގާނީ އިލެކްޝަންސް ކޮމިޝަނުގެ މުވައްޒަފުންނެވެ.

އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި 2،994 ކެންޑިޑޭޓުން ވާދަކުރުމަށް ވަނީ ހުށައަޅާފައެވެ.

ނަން ތަރުތީބުކޮށްފައިވާ ކެންޑިޑޭޓުންގެ ދާއިމީ ލިސްޓް އިލެކްޝަންސް ކޮމިޝަންއިން ރަސްމީކޮށް އިޢުލާނު ކުރާނީ ހޮނިހިރު ދުވަހުކަމަށް އެ ކޮމިޝަނުން ބުނެއެވެ. މިފަހަރުގެ އިންތިޚާބުގައި 6 ސިޔާސީ ޕާޓީއަކުން ވާދަކުރެއެވެ. ސިޔާސީ ޕާޓީތަކުން 1210 ކެންޑިޑޭޓުން ވާދަކުރާއިރު އަމިއްލަ ގޮތުން ވާދަކުރަނީ 401 ކެންޑިޑޭޓުންނެވެ.

މި އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރާނެއެވެ. އަދި އަންހެނުންގެ ކޮމިޓީތަކަށްވެސް އެ އަދަދަށް މެންބަރުން އިންތިޚާބު ކުރާނެއެވެ. މިފަހަރުގެ އިންތިޚާބުގައި 294,937 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިގެންވެއެވެ.

ad