ރާއްޖޭގެ އެކި ހިސާބުތަކަށް އިހުސާސްކުރެވޭ ހޫނުމިން 35 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް ގޮސްފައިވާއިރު، އެ ކަމަށް ރައްކާތެރިވާން ފިޔަވަޅުތައް އަޅަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު އިލްތިމާސްކޮށްފިއެވެ.
އިހުސާސް ކުރެވޭ ހޫނު މިން އެންމެ މައްޗަށް ދިޔައީ، މާލެ ސަރަހައްދުގައެވެ. މި ސަރަހައްދުގައި ހޫނުމިން ހުރީ، 36.8 ޑިގްރީ ސެލްސިއަސްގައެވެ. އެހެނިހެން ސަރަހައްދުތަކަށް ބަލާއިރު، ކައްދޫގައި އިހުސާސްކުރެވޭ ހޫނުމިން ހުރީ 36.5 ސެލްސިއަސްގައެވެ. އެހެންވެ، އެޗްޕީއޭއިން ވަނީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަނދާންކޮށްދީފައެވެ.
އެގޮތުން، އެންމެ ހޫނުގަދަވާ ގަޑިތަކުގައި އަތްވަށް ނުނިކުތުމަށާއި ގިނަގިނައިން ދިޔާ ތަކެތި ބުއިމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އޭގެއިތުރަށް، ގަޔަށް ފަސޭހަ ހެދުން ލުމަށް އެޗްޕީއޭއިން ވަނީ ހަނދާންކޮށްދީފައެވެ.
އެނބުރުން އަރައި، މާ ގަދައަށް ބޮލުގައި ރިއްސައި، ހަށިގަނޑު ވަރުދެރަވާ ނަމަ، ސިއްހީ މާހިރެއްގެ ލަފާ ހޯދުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
ފާހަގަކުރެވޭ ގޮތުގައި، ކޮންމެ އަހަރަކު ވެސް އާންމުކޮށް، އިހުސާސް ކުރެވޭ ހޫނުމިން މައްޗަށް ދަނީ، މާރިޗު މަހާއި އޭޕްރީލް މަހުގެ ތެރޭގައެވެ.

