ތިލަމާލެ ބުރިޖުގެ މަސައްކަތް ނުނިމި ލަސްވަމުންދާ ލަސްވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއްކަމަށާއި، ސަރުކާރުން އެ މަސައްކަތުގައި ކޮންޓްރެކްޓަރަށް ދެންޖެހޭ އެންމެހާ އެއްބާރުލުން ދެމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، އިންޑިއާގެ އެހީގައި ހަދަމުން އަންނަ ބްރިޖުގެ މަސައްކަތް ހަގީގަތު ވެސް ވަރަށް ލަސް ކަމަށާއި ނަމަވެސް ސަރުކާރުން ކޮށްދޭން ޖެހޭ ހުރިހާ ކަމެއް ކޮށްދެމުން އަންނަ ކަމަށެވެ.
ތިލަމާލެ ބްރިޖުގެ މަސައްކަތް އެންމެ ފުރަތަމަ ނިންމަން ކަނޑައެޅީ، ނިމުނު ސަރުކާރު ވެރިކަމުން ފޭބުމުގެ ކުރިންނެވެ. އެގޮތުން ރައީސް ވިދާޅުވީ، ބްރިޖު ނިންމުމަށް ކުރިން ދީފައިވާ މުއްދަތު އިތުރު ކޮށްދިނުމަށް ވެސް ކޮންޓްރެކްޓަރ، އެދިފައިވާ ކަމަށާއި ސަރުކާރުން ވަރަށް ބޮޑަށް ކަންކަން ބެލުމަށްފަހު މުއްދަތު ފަހުން އަނެއްކާ ވެސް އިތުރުކޮށްދީފައިވާނެ ކަމަށެވެ.
"ބްރިޖުގެ މަސައްކަތް ހަގީގަތުގައި ވަރަށް ލަސް ދާ ލެއް. ސަރުކާރުން ކޮށްދޭން ޖެހޭ ހުރިހާ ކަމެއް މިދަނީ ކޮށްދެމުން. މިހާރު އަނެއްކާވެސް އެ މުއްދަތު އިތުރުކޮށްދޭން އެދިއްޖެ. ވަރަށް ބޮޑަށް ބަލާފައި އެ މުއްދަތު ދީފިން. ކުރިންވެސް ތާރީހް ދިން. އެކަމަކު ތާރީހް ދިމަލެއް ނުވި. މިހާރު 2027އަށް ނިންމަން ކޮންޓްރެކްޓަރ ތާރީހް ދީފައިވަނީ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
މީގެ ކުރިން 2026 އަށް ނިންމޭނެ ކަމަށް އެބޭފުޅުން ތާރީހެއް ދިން ނަމަވެސް މިހާރު 2027 އަށް ނިންމޭނެ ކަމަށް ބުނަމުން އަންނަ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ސަރުކާރުން ދިން ތާރީހްތައް ފަހަނައަޅާ، ކޮންޓްރެކްޓަރ އެދިގެން ކުންފުންޏަށް ގެއްލުންވާގޮތަށްވެސް އެ ކުންފުނިން ވަގުތު ހޯދަން އެދިފައިވެއެވެ. އެއީ އެ މުއްދަށް 100 މިލިޔަނަށްވުރެ އިތުރަށް ކުންފުނިން ހަރަދުވާގޮތަށް، 30 މަސް ދުވަހުގެ މުއްދަތެކެވެ. ތިލަމާލެ ބްރިޖް މަޝްރޫއުގައި މިހާތަނަށް މަސައްކަތް ނިމިފައިވަނީ 71.60 އިންސައްތަ މަސައްކަތެވެ.
މިހާރު މައިގަނޑު މަސައްކަތެއްގެ ގޮތުގައި ސައިޓުގައި ކުރަމުންދަނީ ބްރިކް ޑެކްއަށް ބޭނުންވާ ސެގްމަންޓްތައް ކާސްޓްކުރުމާއި، ސެގްމަންޓްތައް އިންސްޓޯލްކުރުމުގެ މަސައްކަތެވެ. ބްރިޖް ޑެކްއަށް ބޭނުންވާ 1222 ސެގްމަންޓްސްގެ ތެރެއިން މިހާތަނަށް 84 އިންސައްތަ ސެގްމަންޓްސް ކާސްޓްކޮށް ވަނީ ނިމިފައެވެ. އަދި 54 އިންސައްތަ ސެގްމަންޓްސް އިންސްޓޯލްކޮށް ވަނީ ނިމިފައެވެ.
ބުރިޖާއި ކޯޒްވޭތައް ހިމެނޭހެން މުޅި ކަނެކްޓިވިޓީގެ ދިގުމިން 6.7 ކިލޯމީޓަރަށް އަރައެވެ. މި މަޝްރޫޢުގެ ދަށުން މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލައެވެ.
ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ސަރުކާރުގެ އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ ތިލަމާލެ ބްރިޖުގެ މަސައްކަތް އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާއާ ހަވާލުކޮށްފައި ވަނީ 26 އޮގަސްޓް 2021 ގައެވެ.
މުޅި މި މަޝްރޫޢަށް 500 މިލިޔަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)އަށް ވުރެން ގިނަ ރުފިޔާއެވެ. މި މަޝްރޫއު ކުރިއަށް ގެންދަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިޔަން ޑޮލަރުގެ ގްރާންޓާއި 400 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ.

