ބައެއް ސިޔާސީ ޕާޓީތަކުން ބާއްވާ އެއްވުންތަކުގައި އާންމު އިޖުތިމާއީ މިންގަނޑާ ޚިލާފު ވާހަކަދައްކާ، މުޖުތަމައުގައި ނަފުރަތާއި ހަމަނުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް އަމަލުކުރަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް، އެފަދަ އަމަލުތައް ހުއްޓާލުމަށް ހިއުމަން ރައިޓްސް ކޮމިޝަން، އެޗްއާރުސީއެމުން ގޮވާލައިފިއެވެ.
އެޗްއާރްސީއެމުން ބުނީ އެ ބަޔާން ނެރުނީ ބައެއް ސިޔާސީ ޕާޓީތަކުން، ރޭގަނޑުގެ ވަގުތުގައި، ސިލްސިލާ ގޮތެއްގައި މާލޭސިޓީގައި ބާއްވަމުން ގެންދާ އެއްވުންތަކުގައި، ޢާންމު އިޖްތިމާޢީ މިންގަނޑުތަކާ ޚިލާފު ވާހަކަ ދައްކައި، އެ ވާހަކަތައް މީޑިޔާގެ ޒަރީޢާއިން ޢާންމުވެ، އެކަމުގެ ސަބަބުން، އާންމުންގެ މެދުގައި ނަފުރަތު އުފައްދައި، ހަމަނުޖެހުމަށް ހިތްވަރުލިބޭގޮތަށް ޕާޓީތަކަށް ނިސްބަތްވާ އެކި ފަރާތްތަކުން ވާހަކަދައްކައި އާންމުވަމުންދާ ސިޔާސީ ޙަރަކާތްތަކާ ގުޅޭގޮތުން ކަމަށެވެ.
ގާނޫނުއަސާސީގެ 27ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ވަކި ހުދޫދެއްގެ ތެރެއިން ބޭނުންކުރަންޖެހޭ ހައްގެއްކަން ފާހަގަކުރަމުން އެޗްއާރުސީއެމުން ބުނީ، އަނެކާއަށް އިޙްތިރާމް ކުޑަނުވާނެ ގޮތަށް އެހައްގުގެ ބޭނުން ހިފަންޖެހޭނެ ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުން ބާއްވާ ޖަލްސާތަކާއި ސޯޝަލް މީޑިއާގައި ފާޅުކުރާ ޚިޔާލުތަކަކީ އަނިޔާވެރި އަމަލުތަކަށް ހިތްވަރުދޭ ކަންކަމަށް ވެގެންނުވާނެ ކަމަށްވެސް އެ ކޮމިޝަނުން ފާހަގަކޮށްފައިވެއެވެ.
އެޗްއާރުސީއެމުން ވަނީ މީހުންގެ މެދުގައި ނަފްރަތު އުފެއްދުމަށާއި މުޖުތަމައުގެ މަސްލަހަތު ނަގާލުމަށް ގޮވާލުމުގެ އިތުރުން، އަނިޔާވެރި އަމަލުތައް ކުރުމަށް ހިތްވަރު ލިބޭގޮތަށް ޚިޔާލުފާޅުނުކުރުމަށް ގޮވާލައްވާފައެވެ. އަދި މިއީ ގާނޫނުއަސާސީއިން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްޤުގެ ރޫހާ ޚިލާފު އަމަލުތަކެއް ކަމަށް ބުނެފައިވެއެވެ.
އެޗްއާރުސީއެމުން ވަނީ ސިޔާސީ ޕާޓީތަކުގެ އިސް ފަރާތްތަކުން މިފަދަ އަމަލުތައް ނުކުރުމަށް އިލްތިމާސްކޮށްފައެވެ. މިފަދަ ކަންކަން ހުއްޓުވުމަށްޓަކައި ދައުލަތުގެ ކަމާގުޅުންހުރި މުއައްސަސާތަކުން ގާނޫނީ އިމުގެ ތެރެއިން އަޅަންޖެހޭ ހަރުދަނާ ފިޔަވަޅުތައް އެޅުމަށްވެސް ވަނީ ގޮވާލާފައެވެ. މީގެ އިތުރުން، ގަވައިދާ އެއްގޮތަށް ކުރިއަށްގެންދާ ސިޔާސީ ހަރަކާތްތަކަށް ސަލާމަތީ ބާރުތަކުން ފުރިހަމަ އެއްބާރުލުން ދިނުމަށްވެސް އެ ކޮމިޝަނުން އެދިފައިވެއެވެ.
ބަޔާން ނިންމާލަމުން އެ ކޮމިޝަނުން ވަނީ، ސިޔާސީ ހަރަކާތްތަކުގެ ތެރެއިން ޝުއޫރު ފާޅުކުރުމުގައި އަނެކާގެ އަބުރާއި ނަފްސަށް ގެއްލުންވާފަދަ ކަންކަމުން ދުރުހެލިވުމަށާއި، ހުރިހާ ހަރަކާތްތަކެއްވެސް ސުލްހަވެރިކަމާއެކު ޤާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ހުރިހާ ސިޔާސީ ޕާޓީތަކަށް އިލްތިމާސްކޮށްފައެވެ.

