logo

ދުންފަތުގެ ނުރައްކަލުން ޒުވާން ޖީލު ރައްކާތެރިކުރުމުގައި ދެމިތިބޭނަން: ރައީސް

އާމިނަތު މޫސާ
7 ގަޑިއިރު ކުރިން

ދުންފަތުގެ ނުރައްކަލުން ޒުވާނުން ޖީލު ރައްކާތެރިކުރުމުގައި ސާބިތުކަމާއެކު ސަރުކާރުން ދެމިތިބޭނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ދެއްވައިފިއެވެ.

ރައީސް އެ ޔަގީންކަން ދެއްވީ މިއަދު ފާހަގަ ކުރަމުން އަންނަ ދުނިޔޭގެ، ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް މަސައްކަތްކުރާ ދުވަހުގެ މުނާސަބަތާ ގުޅުވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މިއަދު ފާހަގަކުރަމުންދާ ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް މަސައްކަތްކުރާ ދުވަހާ ގުޅިގެން ހިއްސާ ކުރެއްވި ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒިވަނީ ދުންފަތުގެ ނުރައްކަލުން ދިވެހި މުޖުތަމަޢު ސަލާމަތްކުރުމުގެ އަޒުމް އައުކުރައްވާކަމަށެވެ. ރައީސް ވަނީ އީ-ސިގްރޭޓް މަނާކުރުމާއި، ދުންފަތުން އެއްކޮށް ދުރުވެފައިވާ ޖީލެއް ބިނާކުރުމަށްޓަކައި ޖެނެރޭޝަނަލް ބޭން ދުނިޔޭގެ ފެންވަރުގައި ފުރަތަމަ ފަހަރަށް ފިޔަވަޅު އެޅި ގައުމަށް ވުމަކީ، މި ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކެއް ކަން ފާހަގަ ކުރައްވާފައެވެ.

View post on Twitter

މީގެއިތުރުން ޒުވާން ޖީލު ދުންފަތުގެ ވަބާއިން ރައްކާތެރިކުރުމުގައި މިސަރުކާރު ދެމިއޮންނާނެކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ. އެގޮތުން ރައީސް ވިދާޅުވީ ދުންފަތާއި ދެކޮޅަށް މަސައްކަތްކުރާ، ސިސޭޝަން ކްލިނިކްތަކާއި، ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ސަރަހައްދުތައް ކަނޑައެޅުމާއި، ގާނޫނާއި ގަވާއިދުތައް އިސްލާހުކުރުމުގެ މަސައްކަތް ކުރައްވާނެކަމަށެވެ. އެމަނިކުފާނުގެ ޕޯސްޓުގައިވަނީ ދުންފަތުން ރައްކާތެރި ދުޅަހެޔޮ ގައުމެއް ބިނާކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރެއްވުމަށް ގޮވާލައްވާފައެވެ.

ދުންފަތުގެ ވަބާއިން ދިވެހި މުޖްތަމައު ސަލާމަތް ކުރުމަށް މިސަރުކާރުން އެޅި ފިޔަވަޅުތަކުގެ ތެރޭގައި ދުންފަތުން ނަގާ ޑިއުޓީ ބޮޑުކުރުމާއި، ދުންފަތުގެ ވިޔަފާރި ކުރެވޭ އެންމެ ހަގު އުމުރަކީ 18 އަހަރުގެ ބަދަލުގައި 21 އަހަރުގެ ގޮތުގައި ކަނޑައެޅުން ހިމެނެއެވެ. އަދި ދުންފަތުގެ ބާވަތްތައް ރާއްޖެ އެތެރެކޮށް ވިއްކޭނީ އޭގެ ނުރައްކާ މިންވަރު އެނގޭނެ ޞިއްޙީ އިންޒާރާއެކުގައިކަމަށްވަނީ ކަނޑައަޅާފައެވެ. މީގެއިތުރުން 2007 ވަނަ އަހަރުގެ ފަހުން އުފަންވާ ކުދިން ދުންފަތުގެ ބާވަތްތައް ބޭނުންކުރުމާއި އެކުދިންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާކުރާ ޖެނެރޭޝަނަލް ބޭން މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 1 އިން ފެށިގެންވަނީ ތަންފީޒުކުރަން ފަށާފައެވެ.

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް މަސައްކަތްކުރާ ދުވަހަކީ ކޮންމެ އަހަރެއްގެ މެއި މަހުގެ 31 ވަނަ ދުވަހުގައެވެ.

ad