ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް ވިއްކާފައިވާ މުދާ މަރާމާތުކޮށް ނިންމާފައި ވާކަމަށް ބުނެ، އޭގެ އުޖޫރައިގެ ގޮތުގައި އެތަކެތި ގަންނަ ފަރާތްތަކުން ފައިސާ ހޯދުމުގެ ސްކޭމް އިތުރުވެފައިވަކަމާއި، އެފަދަ ސްކޭމްތަކަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފައިވެއެވެ.
ފޭސް ބުކް "މާކެޓް ޕްލޭސް"އަކީ އަންމު ފަރާތްތަކުންނާއި ވިޔަފާރިތަކުންވެސް ތަފާތު ބާއްވައްތަކުގެ ސާމާނު ވިއްކާ މަންސައެކެވެ. އަދި ފަހަކަށް އައިސް ބައެއް ފަރާތަކުން ބޭނުންކޮށްފައި ހުންނަ ސާމާނާއި އައުތަކެތިވެސް ވަރަށް ގިނަ ފަރާތްތަކުން މާކެޓް ޕްލޭސްގައި ގަނެ ވިއްކައި ހަދައެވެ. މާކެޓް ޕްލޭސްއަކީ މިހާރު ދިވެހިންގެ މެދުގައިވެސް މަގުބޫލު މަންސައެކެވެ.
ސްކޭމްކުރާ ފަރާތްތަކުން ދަނީ ދުވަހަކުން ދުވަހެއް އައު އުކުޅުތައް މެދުވެރިކޮށް ސްކޭމްކުރަމުންނެވެ. އެގޮތުން މިހާރު އާއްމުވެފައިވަނީ ފޭސްބުކް މަރކެޓް ޕްލޭސްގައި ވިއްކާފައިވާ މުދާ މަރާމާތު ނުވަތަ ރިޕެއަރ ކޮށްފިކަމަށް ބުނެ ހިންގާ ސްކޭމްތައްކަމާއި އެފަދަ ސްކޭމްތަކަށް ސަމާޅުވުމަށް އެންޓި ސްކޭމް ސެންޓަރުން ވަނީ އިލްތިމާސްކުރައްވާފައެވެ.
މިފަދަ ސްކޭމްތައް އިތުރުވެފައިވުމާއެކު، އެ ސްކޭމްތަށް ހިންގާ ގޮތް އަދި އެ ސްކޭމްތަކުން ސްލާމަތްވުމަށް އެޅިދާން ފިޔަވަޅުތައްދަނީ އެންޓި ސްކޭމްސެންޓަރުން މީސްމީޑިއާގައި ޚިއްސާކުރަމުންނެވެ.
ފުލުހުންގެ ޚިދުމަތުން ބުނީގޮތުގައި، ސްކޭމަރުން އެންމެ ފުރަތަމަ ބަލަނީ ފޭސްބުކް މަރކެޓް ޕްލޭސްގައި "ސޯލްޑް" ނުވަތަ ވިއްކާލެވިފައިވާ ކަމަށް ޖަހާފައިވާ ތަކެއްޗަށްކަމަށެވެ. މިއަށްފަހު މުދާ ވިއްކި ފަރާތަށް ގުޅައި ނުވަތަ މެސެޖުކޮށް، އެ މުދަލަކީ އެމީހުން މަރާމާތުކުރި އެއްޗެއް ކަމަށް ބުނެ އިތުބާރު ހޯދައި މުދާ މަރާމާތުކޮށް ނިންމާފައިވާ ކަމަށް ބުނެ، އެކަމުގެ އުޖޫރަ ނުވަތަ ރިޕެއަރ ފީ ދެއްކުމަށް އެދޭކަމުގައި ފުލުހުން ބުނެއެވެ. އަދި ބައެއް ފަހަރު ފޭކް ރިސިޕްޓް ނުވަތަ އިންވޮއިސް ވެސް ދައްކާކަމުގައި ފުލުހުންގެ ޚިދުމަތުން ބުނެއެވެ.
މިފަދަ ސްކޭމްތަކުގައި ނުޖެހި ރައްކާތެރިވުމުގެ ގޮތުން އެޅޭނެ ފިޔަވަޅުތައްވެސް އެންޓި-ސްކޭމް ސެންޓަރުން މީސްމީޑިއާގައި ދަނީ ޚިއްސާކުރަމުންނެވެ. އެގޮތުން، އަމިއްލައަށް އެ މުދަލެއް މަރާމާތުކުރުމަށް ހަވާލުނުކުރާނަމަ،އެ ފަރާތަކުން ފައިސާއަށް އެދުނަސް އެއްވެސް ފައިސާއެއް ނުފޮނުވުމަށް ފުލުހުންގެ ޚިދުމަތުން އިލްތިމާސްކުރެއެވެ. އަދި މަރާމާތުކުރިކަމަށް ބުނި ފަރާތަކީ ކޮބައިކަމާ،އެފަރާތައްމުދާ ހަވާލުކުރީ ކާކުތޯ ބަލާ ކަށަވަރު ކުރުމަށް އެ އިދާރާއިން އިލްތިމާސްކުރެއެވެ.
ހަމައެއާއެކު، ފައިސާ ފޮނުވަން ބުނާ އެކައުންޓަކީ މީގެ ކުރިން ސްކޭމުގެ ރިޕޯޓުލިބިފައިވާ އެކައުނޓެއްތޯބެލުމަށްވެސްވަނީ ފުލުހުން އިލްތިމާސްކޮސްފައިއެވެ. އެންޓި ސްކޭމް ސެނޓަރުން ބުނިގޮތުގައި، އީ-ސަރވިސްގެ ތެރެއިން ސްކޭމް ޗެކް މެދުވެރިކޮށް ނުވަތަ އެ އިދާރާގެ ކޯލް ސެންޓަރ، 125 (އެކްސްޓެންޝަން 2020) އަށް ގުޅުމުން އޭގެ މާޢުލޫމާތު ފޯރުކޮށްދެއެވެ.
މީގެ އިތުރުން، ސްކޭމްއެއްކަމަށް ޝައްކުކުރެވޭ ޕޯސްޓުތައް ރިޕޯޓުކުރުމަށާއި، ސްކޭމްއެއްގެ ޝިކާރައަކަށް ވެއްޖެނަމަ ވަގުތުން އަޅަންޖެހޭ ފިޔަވަޅުތައްއަޅާ، އެންޓި ސްކޭމް ސެނޓަރަށް ރިޕޯޓުކުރުމަށް ވަނީ ޢިލްތިމާސްކޮށްފައެވެ.
ސްކޭމަރުންނަށް ފައިސާ ހޯދުމުގައި ކާމިޔާބު ވަނީ، އެފަދަ މައްސަލަތަކުގައި ހަނު ހުރުމުން ކަމަށާއި އެފަދަ މައްސަލަތައް އަވަހަށް ފުލުހުންނަށް ރިޕޯޓް ކުރުމަކީ، ފައިސާ އަނބުރާ ހޯދުމަށް ފަސޭހަ ވެގެންދާނެ ކަމެއް ކަމަށްވެސް އެސެންޓަރުން ވިދާޅުވެއެވެ.
މަކަރާއި ހީލަތުގެ މައްސަލަތައް ރިޕޯޓު ކުރުމަށް ނޭޝަނަލް އެމަރޖެންސީ ކޯލް ސެންޓަރު 911 ނުވަތަ 125 (އެކްސްޓެންޝަން 2020) އަށް ގުޅުމުން، ނުވަތަ އީމެއިލް ކުރުމުން އެހީތެރިކަން ލިބޭނެއެވެ.

