މިހާރު ކުރިއަށްދާ ހަތްވަނަ ކެރަމް ވޯލްޑް ކަޕްގެ އަންހެން ޑަބަލްސް އިވެންޓްގެ ފައިނަލް މެޗުގައި އިންޑިއާގެ ދެ ޕެއާގެ ކުރިމަތިލުމުގައި ކީރްތަނާ އާއި ކާޖަލް ކުމާރް ކުރިހޯދައި، ޗެމްޕިއަންކަން ހޯދައިފިއެވެ.
މުބާރާތުގެ އަންހެން ޑަބަލްސް ފައިނަލް މެޗުގައި ކީރްތަނާ އާއި ކާޖަލްގެ ޕެއާ ވަނީ އެ ގައުމުގެ މިތްރާ އާއި ހާޒިމާގެ ޕެއާ ބަލިކޮށްފައެވެ. މި މެޗުން ކީރްތަނާ އާއި ކާޖަލްގެ ޕެއާ މޮޅުވީ 2-1 ސެޓުންނެވެ.
މެޗުގެ ފުރަތަމަ ސެޓުގައި ކީރްތަނާ އާއި ކާޖަލްގެ ޕެއާ 16-15 އިން ކުރިހޯދާފައިވަނިކޮށް، މިތްރާ އާއި ހާޒިމާގެ ޕެއާ ވަނީ ދެން ޖެހިގެންއައި ދެވަނަ ސެޓުން ފަސޭހަކަމާއެކު 25-10 އިން ކާމިޔާބުކޮށްފައެވެ. ނަމަވެސް ދެން ޖެހިގެންއައި ސެޓުން ވާދަވެރި ކުޅުމަކަށްފަހު ކީރްތަނާ އާއި ކާޖަލްގެ ޕެއާ މޮޅުވީ 19-16 އިންނެވެ.
ބާސެލޯ ނަސަންދުރާގައި ބާއްވާ މި ފަހަރުގެ ކެރަމް ވޯލްޑް ކަޕްގައި މުޅި ދުނިޔޭގެ އެކި ބައްރުތަކުން 17 އަށް ވުރެ ޤައުމުން ގާތްގަނޑަކަށް 150 އަށްވުރެ ގިނަ އެތުލީޓުން ވާދަކުރެ އެވެ.
ކެރަމް ވޯލްޑް ކަޕަކީ އައީސީއެފް އިން ބާއްވާ އެންމެ ޝަރަފުވެރި މުބާރާތެވެ. ރާއްޖޭގައި އެންމެ ފަހުން ކެރަމް ވޯލްޑް ކަޕެއް ބޭއްވީ މީގެ 11 އަހަރު ކުރީންނެވެ. އެއީ، 2014 ވަނަ އަހަރު އެވެ. އެ ފަހަރުގެ މުބާރާތް ބޭއްވީ ސަން އައިލެންޑް ރިސޯޓްގައެވެ.

