އިންތިހާބާ ދިމާކޮށް ފުލުހުންގެ މުސާރަ ބޮޑުކުރި ވާހަކަ ދިވެހި ފުލުހުންގެ ޚިދުމަތުން ދޮގުކޮށްފިއެވެ.
އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަދި ފުލުހުންގެ ތަރުޖަމާން މުހައްމަދު ޝިފާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދައުލަތުގެ ޕޭ ފްރޭމްވޯކަށް ފުލުހުން ބަދަލުވިތާ މި އަހަރުގެ މާރިޗު 1 އަށް ދެ އަހަރު ފުރިފައިވާތީ، އެ ފްރޭމްވޯކުގައި ވާ ގޮތުގެ މަތިން، އެ ދުވަހުން ފެށިގެން ފުލުހުންގެ މަގާމުގެ އެލަވަންސް ދެވަނަ ހަރުފަތަށް ބަދަލުކޮށްފައިވާ ކަމަށެވެ.
ޝިފާން ވިދާޅުވިގޮތުގައި، މި ބަދަލު ގެނެސްފައިވަނީ، ޕޭ ފްރޭމްވޯކްގައި ފާސްކުރެވިފައިވާ ގޮތަށް، އެ ފުލުހަކު ހުރި ރޭންކާއި ގްރޭޑުގައި ދެ އަހަރުވެ، މަސައްކަތުގެ ފެންވަރު ބަލާ ނިޒާމުން ވިދިވިދިގެން ދެ އަހަރު ދުވަހު އެވަރެޖްކޮށް %75 އަށްވުރެ މަތިން މާކްސް ލިބިފައިވާ ފުލުހުންނަށެވެ.


