logo

‏ގިރާވަރުފަޅު ބިން ހިއްކުން އެއްފަހަރާ ދެ ޑްރެޖަރާއެކު ފަށައިފި

އާމިނަތު މޫސާ
8 ގަޑިއިރު ކުރިން

މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ގެނެސްދިނުމަށް ކުރިއަށް ގެންދާ ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށް ގެންދިޔުމަށް ބޮޑު ދެ ޑްރެޖަރު ބޭނުންކުރަން ފަށައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސް ވިދާޅުވީ ގިރާވަރު ފަޅު ހިއްކުމަށް މިހާރު ދެ ޑްރެޖަރު ބޭނުންކުރަމުންދާ ކަމަށެވެ.

މިދިޔަ ޖެނުއަރީ 30 ވަނަ ދުވަހު ގިރާވަރު ފަޅު ހިއްކަން ފަށާފައިވާއިރު، ގިރާވަރުފަޅުން ހިއްކުމަށް ހަމަޖެހިފައިވަނީ 160 ހެކްޓަރުގެ ބިމެކެވެ. ސަރުކާރުން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި އެތަނުން 50 ނުވަތަ 54 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. ސަރުކާރުން އެ މަސައްކަތް ހަވާލުކޮށްފައިވަނީ ބޮސްކާލިސް ނަމަކަށް ކުންފުންޏާއެވެ.

އެތަނުގެ އާ ލޭންޑް ޔޫސް ޕްލޭންގައިވާ ގޮތުގައި ގިރާވަރު ފަޅުން ޖުމްލަ ދިނުމަށް ނިންމާފައިވަނީ 4،072 ގޯއްޗެވެ. ގޯތި ލިބޭ މީހުންގެ ގުރުއަތުލުން ބާއްވައި، ގޯތި ލިބުނު ފަރާތްތަކުގެ ހާޒިރުގައި ޕްލޮޓްތައް ކަނޑައަޅައި، ގުރުއަތުން ހޮވޭ ޕްލޮޓް ނަންބަރު ވަނީ ހަވާލުކޮށްފައެވެ.

ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބައެއް ބަދަލުތައް ގެނެވިފައިވާތީ އެ ސަރަހައްދުން ގޯތި ލިބުނު މީހުންނަށް ލިބުނު ގޯތި ކަނޑައެޅުމަށް އަލުން ގުރުއަތު ނެގުމަށްވަނީ ހަމަޖެހިފައެވެ. އެ ސަރަހައްދުން 1،250 އަކަފޫޓުގެ 2603 ގޯއްޗާއި، 1650 އަކަފޫޓުގެ 1214 ގޯއްޗާއި، 2050 އަކަފޫޓުގެ 254 ގޯތީގެ އިތުރަށް 2450 އަކަފޫޓުގެ އެއް ގޯތި ދޫކޮށްފައިވެއެވެ.

ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫއަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއެކެވެ. އެ މަޝްރޫއުގެ މަސައްކަތް އަވަހަށް ނިންމައި، ބޯހިޔާވަހިކަމުގެ ފުރުސަތު ވީހާވެސް ގިނަ ރައްޔިތުންނަށް ހޯދައިދިނުމަށް މަސައްކަތް ކުރަމުން ގެންދަވާ ކަމަށް ސަރުކާރުން ވަނީ ބުނެއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން އަންނަނީ ރައްޔިތުންނަށް ލިބިފައިވާ ގޯތިތައް ވީހާ ވެސް އަވަހަށް ހަވާލުކޮށް، ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ad