ރާއްޖޭގައި ގިނަ އިންތިހާބުތަކެއް ބޭއްވުމުގެ ސަބަބުން ސިޔާސީ ނުތަނަވަސްކަން އުފެދި، ގައުމުގެ އިގްތިސާދަށާއި ހަމަޖެހުމަށް އޭގެ ނޭދެވޭ އަސަރު ކުރަމުންދާކަމަށް ބަނޑާރަ ނައިބު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ވޯޓުގެ މައްސަލައިގައި، ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ދައްކަވަމުން ބަނޑާރަ ނައިބު އަޙްމަދު އުޝާމް ރޭ ވިދާޅުވީ، ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ރާއްޖޭގެ ދުސްތޫރީ ނިޒާމަށް ގެންނަ ބަދަލެއް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ކަމަށާއި، އެއީ ވަރަށް ބޮޑު ގާނޫނީ ބަދަލެއް ކަމަށްވެސް ބައެއް މީހުން ގަބޫލުކުރާ ކަމަށެވެ.
ނަމަވެސް އުޝާމް ވިދާޅުވީ، ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ އިންތިހާބީ އޮނިގަނޑަށް އަންނަ ބަދަލެއް ނަމަވެސް، މިއީ ރާއްޖޭގެ އަސާސީ ދުސްތޫރީ އޮނިގަނޑަށް ގެނެވޭ ބަދަލެއް ނޫންކަމަށެވެ.
ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށް މި ގެންނަ ބަދަލަކީ އެކަށީގެންވާ މަޝްވަރާ ނުކޮށް، އަވަސް އަރުވާލައިގެން ގެންނަ ބަދަލެއް ކަމަށް ބައެއް ފަރާތްތަކުން ކުރާ ތުހުމަތުތަކަށް ބަންޑާރަ ނައިބު ވިދާޅުވީ މިކަމަކީ ސަރުކާރުން ވަރަށް ބޮޑަށް ދިރާސާކޮށްގެން ކުރިއަށްގެންދާ މަސައްކަތެއް ކަމަށާއި، ރައްޔިތުންގެ މަޖިލީހުގައި މަންދޫބުންގެ މެދުގައިވެސް ފުޅާ ދާއިރާއެއްގައި މިކަމަށް ބަހުސް ކުރެވިފައިވާ ކަމަށެވެ.
މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ. މި ބަދަލާ ގުޅޭގޮތުން ތަފްސީލު ދެއްވަމުން އޭޖީ ވިދާޅުވީ، މި އިސްލާހުގެ ދަށުން މަޖިލީހުގެ އާ ދައުރު ފެށޭ ތާރީހަކީ ޑިސެމްބަރު އެކެއް ކަމުގައި ހަމަޖެހިގެންދާނެ ކަމަށެވެ. މިއާއެކު، އިންތިހާބުވާ ރައީސުލްޖުމްހޫރިއްޔާ ހުވާކުރައްވާތާ ގާތްގަނޑަކަށް ދެ ހަފުތާ ތެރޭގައި އާ މަޖިލިސް ވެސް ހުވާކުރާނެއެވެ.
ކޮމެޓީ މަރުހަލާގައި ސިޔާސީ ޕާޓީތަކާއި ކަމާބެހޭ އެހެނިހެން ފަރާތްތަކުގެ މަޝްވަރާ ހޯދައި، އާންމުންގެ ހިޔާލަށްވެސް މިކަން ހުޅުވާލެވުނު ކަމަށް އުޝާމް ވިދާޅުވިއެވެ.
އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ވޯޓުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ހުށަހެޅުއްވީ، ގާނޫނުއަސާސީއަށް މަޖިލީހުން ގެނައި އިސްލާހު ތަސްދީގު ކުރުމާ ގުޅޭގޮތުންނެވެ. އެ އިސްލާހުގައި ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދެ އިންތިހާބު ކަމަށްވާ ރިޔާސީ އިންތީހާބާއި، ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބާއްވައި މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ކުރު ކުރުމަށް ވަނީ ފާސްކޮށްފައެވެ.
ދެ އިންތިހާބު އެއްކޮށްލަން ފެނޭތޯ، ބާއްވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު، އަންނަ މަހުގެ ހަތަރެއްގައި ބާއްވާ ކައުންސިލް އިންތިހާބުގެ ވޯޓާއެކު ކުރިއަށްގެންދަން ވަނީ ހަމަޖެހިފައެވެ.

