މޯލްޑިވްސް ޒަކާތު ހައުސްގެ ފަރާތުން، މި ރޯދަމަހުވެސް 'ޒަކާތު ކުއިޒް 1447' ނަމުގައި ޚާއްސަ ސުވާލު މުބާރާތެއް ބޭއްވުމަށް ނިންމައިފިއެވެ.
ޒަކާތު ހައުސްއިން މިއަދު އާންމުކުރި އިއުލާނެއްގައި ވަނީ، ދިވެހި ރައްޔިތުންގެ މެދުގައި ޒަކާތާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން، 1447ހ ވަނަ އަހަރުގެ ރަމަޟާންމަހު "ޒަކާތު ކުއިޒް" ގެ ނަމުގައި ސުވާލު މުބާރާތެއް ބޭއްވުމަށް އެ އިދާރާއިން ނިންމާފައިވާކަމަށެވެ.
އެ މުބާރާތުގައި، ރަމަޟާން މަހުގެ ކޮންމެ ދުވަހަކު، ޒަކާތު ހައުސްގެ ފޭސްބުކް ޕޭޖުގައި ޒަކާތާ ގުޅޭ ސުވާލެއް ޕަބްލިޝްކުރާނެއެވެ. ސުވާލުތަކަށް ޖަވާބު ދިނުމުގެ ފުރުޞަތު، ސުވާލު ޕަބްލިޝްކުރާ ވަގުތުން ފެށިގެން 12 ގަޑިއިރުގެ މުއްދަތަކަށް ހުޅުވާލާނެއެވެ. ސުވާލުތަކަށް ޖަވާބު ދޭނީ، ސުވާލާއެކު ދެވޭ އިޚްތިޔާރީ ޖަވާބުތަކުގެ ތެރެއިން ޖަވާބެއް، ސުވާލުގެ ޕޯސްޓަށް ކޮމެންޓްކޮށް އެ ކޮމެންޓުގައި އިތުރު 2 މީހަކު ޓެގްކޮށްގެންނެވެ. ކޮންމެ ދުވަހެއްގެ ސުވާލުގެ ރަނގަޅު ޖަވާބު ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 10:00 ގައި ޒަކާތު ހައުސްގެ ފޭސްބުކް ޕޭޖުގައި ޕަބްލިޝްކުރާނެއެވެ.
މި ކުއިޒް މުބާރާތުގައި އެންމެ ގިނަ ސުވާލުގެ ޖަވާބު ދިމާކުރާ ފަރާތަކަށް އިނާމެއްގެ ގޮތުން ދެ މީހުންގެ ޢުމްރާ ދަތުރެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެކަކަށްވުރެ ގިނަ މީހުން އެއް އަދަދކަށް އެންމެ ގިނ ަސުވާލުގެ ޖަވާބު ދިމާކޮށްފިނަމަ އެއްވަނަ ފަރާތެއް ހޮވާން ހަމަޖެހިފައިވަނީ ގުރުއަތަކުންނެވެ. 'ޒަކާތު ކުއިޒް 1447' ސުވާލު މުބާރާތުގެ ގަވާއިދު ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ވެބްސައިޓުގައި (https://zakathouse.gov.mv/documents/17601) ވަނީ ޝާއިއު ކޮށްފައެވެ.


