އިދިކޮޅު އެމްޑީޕީއާއެކު މަޝްވަރާ ކުރާކަށް ގަސްތު ނުކުރާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.
ރައީސް މިފަދައިން ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ދެމެދު ސިޔާސީ މަޝްވަރާތައް ބޭއްވުމަށް ގޮވާލާފައިވާ ދަނޑިވަޅެއްގައެވެ. ރައީސް ވިދާޅުވީ، ރައްޔިތުން އެމަނިކުފާނާ ހަވާލުކުރީ މަސައްކަތްތައް ހިންގުމުގެ ފުރިހަމަ ބާރާއި ޒިންމާ ކަމަށާއި، އެއީ އެހެން ފަރާތްތަކާ މަޝްވަރާ ކުރާން ހަވާލުކުރި ކަމެއް ނޫން ކަމަށެވެ.
އިދިކޮޅު އެމްޑީޕީން މިހާރު މާލޭގައި ކުރިއަށްގެންދާ ސިލްސިލާ މުޒާހަރާތަކަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ މާލޭގައި އެއްވެއުޅެވޭ ތަންތަނުގެ އަދަދު އިތުރުކުރުމުންވެސް އިދިކޮޅު ޕާޓީތަކުން އެއްވަނީ އެތަންތަނަށް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެ ފަރާތްތަކުން އެއްވަމުންދަނީ ރައްޔިތުންނަށް އުދަގޫވާ ގޮތަށް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ކުރިން މާލޭގައި އެއްވުމުގެ ފުރުސަތު އޮތީ އެންމެ ތަނެއްގައި ކަމަށާއި، ނަމަވެސް މި ސަރުކާރުން ފަސް ތަނެއްގައި އެއްވެއުޅުމުގެ ފުރުސަތު މިހާރު ފަހިކޮށްދީފައިވާ ކަމަށެވެ.
އަދި އިދިކޮޅު ފަރާތްތަކުން މިހާރު މާލޭ ސަރަހައްދުގައި ކުރަމުންދާ މުޒާހަރާތަކުގައި ދީނާ ހިލާފު އަމަލުތައް ހިންގަމުންދާކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ފާހަގަކުރެއްވީ މަގުމަތީ އެއްވެ އުޅޭއިރު ހަޑިހުތުރު ބަސްތައް ބޭނުންކުރުމާއި ހަޑިހުތުރު އަމަލުތައް ހިންގުމަކީ ކަނޑައެޅިގެންދީނާ ހިލާފު އަމަލެއް ކަމެވެ.
ރައީސް އިތުރަށް ވިދާޅުވީ އެމަނިކުފާނުގެ ވާހަކަފުޅު އޭގެ ސިޔާދަތުން ބޭރުން ނަގައިގެން ރާއްޖޭގެ ރައްޔިތުންގެ ތެރެއިން އެއްވެސް ބަޔަކު އިސްލާމްދީނުން ބޭރުވެފައިވާކަމަށް ވިދާޅުވި ކަމުގައި ދޭހަކޮށްދޭން އުޅުމަކީ ހަގީގަތް އޮޅުވައިލުން ކަމަށެވެ.

