ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޯނު ދޫކުރާ އެންމެ މަތީ އުމުރުފުރާ 75 އަހަރަށް އިތުރުކޮށްފިއެވެ.
ބީއެމްއެލްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، އެ ބޭންކުގެ ބޯޑުން މިހާރު ބޭންކުން ލޯނާއި ފައިނޭންސިންގ ދޫކުރާ އެންމެ މަތީ އުމުރުފުރާއަށް ބަދަލު ގެނެސްފައިވާކަމަށެވެ.
އެގޮތުން ބީއެމްއެލް އިން ގެނައި އެންމެ ބޮޑު ބަދަލަކީ އުމުރުން 60 އަހަރު ފުރުމާ ހަމައަށް ލޯން ލިބޭ ގޮތަށް މިހާރު އޮތް އޮތުން 75 އަހަރާ ހަމައަށް މަތިކުރުމެވެ. މި ބަދަލާއެކު އުމުރުން 18 އަހަރާއި 75 އަހަރާއި ދެމެދުގެ ކޮންމެ މީހަކަށްވެސް ލޯނަށް އެދި ހުށައެޅޭނެއެވެ.
ޝަރީފް ވިދާޅުވީ، ރިސޯޓްތަކުގައި މަސައްކަތްކުރާ ވަރަށް ގިނަ މުވައްޒަފުންނަކީ ސަރވިސް ޗާޖާއި މުސާރަ ޑޮލަރުން ލިބޭ ފަރާތްތައްކަމަށެވެ. އެހެންކަމުން އެ ފަރާތްތަކުން ބީއެމްއެލްއިން އެ ފަރާތްތަކަށް ކުޑަ އަގެއްގައި ލޯނު ނެގޭނެ އިންތިޒާމް ހަމަޖައްސަމުންދާކަމަށެވެ. އެއީ އެ ފަރާތްތަކުން ލޯނު އަނބުރާ ޑޮލަރުން ދައްކާނަމަކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ރިސޯޓް މުވައްޒަފުންގެ އިތުރުން ރާއްޖެއިން ބޭރުގައި ރަނގަޅު ވަޒީފާތަކުގައި ތިބެގެން ޑޮލަރުން އާމްދަނީ ލިބޭ މީހުންނަށް ވެސް އެ ފަރާތްތަކުން ރާއްޖެއިން އެޕާޓްމެންޓެއް ގަތުމަށް ބޭނުންވެއްޖެނަމަ އެ ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
"ޑޮލަރުން އިންކަމް ލިބޭ ފަރާތްތައް ޑޮލަރުން ލޯނު ރީޕޭކުރާކަމަށްވަންޏާ އަޅުގަނޑުމެން މިހާރު އެ ފަރާތްތަކަށް ތަންކޮޅެއް ކުޑަ އަގުގައި ލޯނެއް ނެގޭނެ ގޮތެއްވެސް ހަމަޖައްސާފައި މިވަނީ. އެއީ ނޯމަލް އިންޓްރަސްޓް ރޭޓުން ބަލާއިރު 1.5 އިންސައްތަ ކުޑަކޮށް އަދި އިކުއެޓީ ވެސް އިންވެސްޓް ކުރަން ޖެހޭ ވަރު 5 އިންސައްތައަށް ކުޑަކޮށް. ބޯޑުން އިއްޔެ ވަނީ އެކަން ވެސް ނިންމާފައި." ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް
ޝަރީފް ވިދާޅުވީ ރިސޯޓް މުވައްޒަފުންގެ އިތުރުން ރާއްޖެއިން ބޭރުގައި ރަނގަޅު ވަޒީފާތަކުގައި ތިބެގެން ޑޮލަރުން އާމްދަނީ ލިބޭ މީހުންނަށް ވެސް އެ ފަރާތްތަކުން ރާއްޖެއިން އެޕާޓްމެންޓެއް ގަތުމަށް ބޭނުންވެއްޖެނަމަ އެ ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
ބީއެމްއެލްއިން ބުނީ، މި އަހަރުގެ މިހާތަނަށް އެ ބޭންކުން ލޯނުގެ ގޮތުގަިއ 5 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށެވެ. މިއީ މިދިޔަ އަހަރު ދޫކުރި ލޯނުގެ އަދަދުގެ 50 އިންސައްތަ އަށްވުރެ ބޮޑު މިންވަރެއްކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

