logo

ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމުން މެންބަރުން އިންތިހާބު ކުރުމުގެ ފުރުސަތު ލިބޭނެ: ރައީސް

އާމިނަތު މޫސާ
13 ގަޑިއިރު ކުރިން

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން، ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އެއް ޕާޓީއަކަށް ލިބުމުގެ ބަދަލުގައި ހުރިހާ ޕާޓީއަކަށް ވެސް ހަމަހަމަ ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާއި ގުޅޭގޮތުން ދެކެެވެމުން އަންނަ ވާހަކަތަކަށް އިޝާރަތް ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ޒުވާނުންނާއި ބައްދަލުކުރެއްވުމަށް ޔޫތް ހަބްގައި ބޭއްވި އިވެންޓްގައި ވިދާޅުވީ، ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ރައީސުލްޖުމްހޫރިއްޔާ މަގާމުން ކުރުމުގެ ފުރުސަތު ގެއްލޭ ކަަމަށް ބުނެވެސް ވާހަކަދެކެވެމުންދާ ކަމަށެވެ. އެކަމަކު ގާނޫނު އަސާސީގައި އެކަން ވަރަށް ސާފްކޮށް ބަޔާން ކުރާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނު ހުށަހަޅުއްވާ އިސްލާހީ އެޖެންޑާގެ ތެރޭގައި މަޖިލީސް މެންބަރުންނާއި، ކައުންސިލް މެންބަރުންގެ ދައުރުގެ ތެރޭގައި ގާނޫނުގައި މިގޮތަށް ކަނޑައަޅައިގެން ރީކޯލް ވޯޓު ނެގޭ ގޮތަށް ހަދަން ބޭނުންފުޅުވާ ކަމަށެވެ.

ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ދެ ޕާޓީގެ މެދުގައި ބެހިގެންދާ ޕަސަންޓޭޖު އުޅެނީ 60، 40 ރޭންޖުގައި ކަމަށާއި އެހެންކަމުން މަޖިލިސް މެންބަރުން އައުމުގެ ޕަސަންޓޭޖަކީ 40 ޕަސަންޓު، 60 ޕަސަންޓު ހިސާބުގައި ކަމަށެވެ. އަދި އެއް ދުވަހެއްގައި ދެ އިންތިހާބު ބޭއްވުމުން އެއްވެސް ޕާޓީއަކަށް 75 ޕަސަންޓު، 80 ޕަސަންޓު ހޯދުމުގެ ފުރުސަތު ހަނިވެގެންދާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެއީ ފެންނާން ހުރި ހަގީގަތްތައް ކަމަށާއި އެހެންވީމާ ގައުމަށް އެންމެ ފައިދާ ހުރި ގޮތް ހިޔާރުކުރަންޏާ، ގައުމު ދެކެ ލޯބިވަންޏާ، އެއްވެސް ވަރަކަށް އަމިއްލަ އެދުން އިސްނުކޮށް ގެންނަންވާނީ އެންމެ ރަނގަޅު އިސްލާހުތައް ކަމަށެވެ. އަދި މިހާރު ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި 93 މެންބަރުންގެ ތެރެއިން ޕީއެންސީގެ މެންބަރުންނާއި އަމިއްލަ މެންބަރުންގެ ތާއީދާއެކު ސުޕަ މެޖޯރިޓީގެ އަދަދު ގާތްގަނޑަކަށް 80 މެންބަރުންނާ ގާތަށް އަރާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މިހާރު އޮތް ގޮތަށް ދެ ދުވަހެއްގައި އިންތިހާބު ބާއްވައި، ޕީއެންސީއަށް ކުރިއަށްއޮތް ރިޔާސީ އިންތިހާބު ގެއްލުނުކަމުގައިވިޔަސް، ހަ މަސް ދުވަހުގެ މުއްދަތަކަށް މަޖިލީހުގެ ބާރު އޮންނާނެ ކަމަށާއި ސުޕަ މެޖޯރިޓީ އޮވެގެން އަލަށް ހަވާލުވާ ސަރުކާރަށް މަޖިލީހުގެ ތެރެއިން އުނދަގޫތައް ކުރިމަތިކުރުވުމާއި ވެރިކަމާ ހަވާލުވެވަޑައިގަންނަވާ ރައީސުލްޖުމްހޫރުއްޔާގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް މަސައްކަތްކުރުން ފަދަ ކަންކަން މީގެ ކުރިން ވެސް ފެނިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ad