logo

މިހާރު ކުރަމުންދާ ވިއްސާރާގައި އައްޑޫ ސިޓީ ހިތަދޫ ދެ ގެއެއްގެ ފުރާޅު އެއްލާލައިފި

އާމިނަތު މޫސާ
3 ގަޑިއިރު ކުރިން

އައްޑޫސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ގަދަވަޔާއެކު، ހިތަދޫ ދެ ގެއެއްގެ ފުރާޅު އެއްލާލައިފިއެވެ.

އެމްއެންޑީއެފުން ބުނީ، ވިއްސާރާގައި ފުރާޅު އެއްލާލާފައިވަނީ ހިތަދޫގައި ހުންނަ ހުޅުދުއާގެއާއި އޯކަމްވިލާގޭގެ ކަމަށެވެ.

އެ ދެ ގޭގެ ފުރާޅު އެއްލާލުމާއި ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑު ސިފައިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

އައްޑޫ ސިޓީ ފޭދޫއަށް ބޯކޮށް ވާރޭވެހި ބައެއް މަގުތަކުގައި ފެން ބޮޑުވުމުން، ފެން ހިންދުމުގައި، އެމްއެންޑީއެފް އިން ވަނީ ހަރަކާތްތެރިވެފައެވެ. އެގޮތުން އައްޑޫ ސިޓީ ފޭދޫގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނުން ފަށާފައި ވަނީ ރޭ 03:45 ހާއިރުއެވެ.

އެމްއެންޑީއެފް އިން ބުނީ ޕަމްޕު ބޭނުންކޮށްގެން ފެންހިއްކުމުގެ މަސައްކަތުގައި އެމްއެންޑީއެފް އިން ވަނީ މިއަދު 10:10 ހާއިރު ވަންދެން ހަރަކާތްތެރިވެފައި ކަމަށެވެ. އެގޮތުން މަގުތަކުގައި ބޮޑުވެފައި ހުރި ފެންގަނޑު ހިއްކައި، މިހާރު ވަނީ އާންމު ހާލަތަކަށް ގެނެވިފައެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުން އަންނަ ވިއްސާރާގައި ބައެއް ރަށްތަކުގައި ވަނީ ފެންބޮޑުވެފައެވެ. އެމްއެންޑީއެފުން ބުނީ، ގދ. މަޑަވެއްޔާއި އައްޑޫސިޓީ ފޭދޫއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވެގެން އެމްއެންޑީއެފުން ފެން ހިންދުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.

ad