ދަމަނަވެށީގެ ޚިދުމަތްތައް ވަގުތީގޮތުން އެހެން އިމާރާތަކކަށް ބަދަލުކުރުމަށް ނިންމައިފިއެވެެ.
މިއަދު ދަމަނަވެށިން ކޮށްފައިވާ އިއުލާނެއްގައި ބުނީ ދިވެހިންގެ އާންމު ސިއްހަތު ރައްކާތެރި ކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުގައި ޖީ.ޕީ އަދި އާބަން ޕްރައިމެރި ހެލްތު ކެއާރ ސެންޓަރުތައް ގާއިމް ކުރުމައްޓައި ކުރީގެ ތެލެސީމިއާ ސެންޓަރާއި، މިހާރު ދަމަނވެށީގެ ގޮތުގައި ބޭނުންކުރާ އިމާރާތް މަރާމާތްކޮށް އާބަން ޕްރައިމެރީ ހެލްތުކެއާރ ސެންޓަރެއް ތަރައްގީކުރުމަށް ނިންމާފައިވާތީ މިހާރު ދަމަނަވެށިން ދޭ ހިދުމަތްތައް 1 ޖޫން2026 އިން ފެށިގެން ވަގުތީ ގޮތުން ދިނުމަށް ހަމަޖެހިފައިވަނީ މާފަންނުގައި ގާއިމްކޮށްފައިވާ އާބަން ޕްރައިމެރީ ހެލްތު ސެންޓާރ އަދި ހުޅުމާލޭގައި ގާއިމްކޮށްފައިވާ ޕަބްލިކް ހެލްތު ޔުނިޓާއި، ޖީޕީ ކްލިނިކުން ކަމުގައި ހަމަޖައްސަފައިވާ ކަމަށެވެ.
ދަމަނަވެއްޓަކީ އާންމުގޮތެއްގައި ހެދިބޮޑުވުން މޮނިޓަރކުރުމާއި، ޢާއްމު ބަލިތަކަށް ޑޮކްޓަރަށް ދެއްކުމާއި، ކުޑަކުދިންނަށް ވެކްސިން ޖަހައި ދިނުމާއި، ޞިއްޙީ ޕްރޮގްރާމްތައް ހިންގުމާއި، ބަލިތައް ދެނެގަތުމަށް ކުރާ ސްކްރީނިންގްތަކާއި އަދި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް އެހީތެރިވެދޭ ސެޝަންތައް ބޭއްވުމުގެ އިތުރުން ކައުންސެލިންގ ޚިދުމަތަށް ޙާއްސަ ކޮށްފައިވާ ތަނެވެ.


