ކުރިއަށް އޮތީ ޗުއްޓީ ދުވަސްވަރު ކަމުން ބަލިތަކުން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން އިލްތިމާސް ކޮށްފިއެވެ.އެޗްޕީއޭއިން ބުނީ މިދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކުގައި ޑެންގީ، އަރިދަފުސް ރޯގާ/އިންފްލުއެންޒާ އާއްމުކޮށް ފެންނަ މިންވަރު އިތުރު ވަމުންދާ ކަމަށެވެ. މީގެ އިތުރުން މާލެ ސަރަޙައްދުން ހިމަބިހީގެ ކޭސްތަކެއް ރިޕޯޓްކޮށްފައިވާތީ، މިފަދަ ބަލިތައް ފެތުރުމުގެ ފުރުޞަތު ކުޑަކުރުމަށް ރައްކާތެރިވުމަށެވެ.ކުރިއަށް އޮތީ އީދު ބަންދު ދުވަސްވަރު ކަމުން ރާއްޖޭން ބޭރަށާއި ރަށްރަށަށް ކުރާ ދަތުރުކުރުތައް އިތުރުވުމާއި ގޭގެއަށް ޒިޔާތަރަތް ކުރުމާއި، މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން އިތުރު ވެގެން ދާނެތީ ބަލިތަކުން ރައްކާތެރިވުމަށް ސަމާލުކަން ދެއްވުމަށް އެޗްޕީއޭއީން ވަނީ އިލްތިމާސްކުރައްވާފައެވެ. އެހެންކަމުން ދަތުރުފަތުކުރުކުރާ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންކަން އެ އޭޖެންސީން ވަނީ ހާމަކުރައްވާފައެވެ.
ސަމާލުކަންދޭންވީ ކަންކަމުގެ ގޮތުގައި އެ އެޖެންސީނ ބުނީ ހުންއައިސް، ނުވަތަ ނޭވާލާ ނިޒާމުގެ ބައްޔެއްގެ އަލާމާތެއް ފެންނަނަމަ، ގޭގައި މަޑުކުރުން، އާންމު އެއްވުންތަކާއި ހަރަކާތްތަކުގައި ބައިވެރިނުވުމާއި،ބަލިޖެހިގެން ހާލަތުގޯސް ވާނަމަ އަވަހަށް ޞިއްޙީ ފަރުވާ ހޯދުމާއި، ޞިއްޙީ ފަރުވާ ހޯދަން ދާއިރު މާސްކް އަޅައިގެން ދިއުން އަދި އާއްމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުންނުކުރުމާއި، ހިމަބިހީ އަށް ޝައްކުވެގެން ޓެސްޓް ހަދައިފިނަމަ ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުމުގެ އިތުރުން އެއާޕޯޓް ޓާމިނަލް، ފެރީ ލައުންޖް، އަދި އާންމު ދަތުރުފަތުރު ކުރާ އުޅަނދުފަހަރު ފަދަ މީހުން ގިނަ، ބަންދު ތަންތަނުގައި އަނގައާ ނޭފަތް ރަނގަޅަށް ނިވާވާނެ ހެން މާސްކުއެޅުން ވެސް ހިމެނޭ ކަމަށެވެ. އަދި މީގެ އިތުރުން ސައިބޯނި ލައިގެން ރަނގަޅަށް އަތޮ ދޮވުން ނުވަތަ ސެނިޓައިޒްކުރުމާއި، ބަލިން ރައްކާތެރިވުމަށާއި ބަލީގައި ބޮޑުވަރު ވިޔަ ނުދިނުމަށް ވެކްސިނުން ރައްކާތެރިވެވޭ ބަލިތަކަށް ވެކްސިންގެ ޑޯޒްތައް ފުރިހަމަކުރުމާއި، މަދިރީގެ ޒަރިޢާ އިން ޖެހޭ ބަލިތަކުން ރައްކާތެރިވުމާއި، މަދިރިހެފުމުން ރައްކާތެރިވުން ނުވަތަ މަދިރި ލޯޝަން/ސްޕްރޭ ބޭނުންކުރުމާއި، ހަށިގަނޑު ބޮޑަށް ނިވާވާގޮތައް ހެދުންއެޅުމާއި، މަދިރިގެ ބޭނުންކުރުމާއި، ދޮރުތަކާއި ކުޑަދޮރުތަކުގައި މަދިރިއަށް ނުވަދެވޭނެހެން ދާ ޖެހުމުގެ އިތުރުން ގެއާ ގޯތިތެރެއިން މަދިރި އުފެދި އާލާވާ ތަންތަން ނައްތާލުން ވެސް ހިމެނޭ ކަމަށެވެ.އަދި ޗުއްޓީ ދުވަސްވަރު ބަލިތަކުން ރައްކާތެރި ވުމަށް ސަމާލުކަން ދިނުމަށާއި، އާންމު ސިއްޙަތާ ގުޅުން ހުރި މައުލޫމާތު ހޯދުމަށްވެސް ވަނީ އިލްތިމާސް ކޮށްފައެވެ.


