ށ. މިލަންދޫގައި އެއާޕޯޓް އެޅުމަށްޓަކައި ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިއަދު އެކްސްގައިކުރެއްވި ޕޯސްޓުގައި ވިދާޅުވީ ށ. މިލަންދޫ ބިން ހިއްކުމުގެ މަސައްކަތް މިމަހުގެ 4 ވަނަ ދުވަހު ނިންމާލާފައިވާކަމަށެވެ. މިލަންދޫ ބިން ހިއްކުމުގެ މަސައްކަތުގެ ދަށުން 31 ދުވަހުގެ ތެރޭގައި 21 ހެކްޓަރުގެ ބިންވަނީ ހިއްކާފައެވެ. މި 21 ހެކްޓަރުގެ އިތުރުން ރުއްގަސް ނެގުމަށްފަހު އިތުރުކުރި 4.9 ހެކްޓަރުގެ ބިން ހިމެނޭހެން މުޅި މަޝްރޫޢުގެ ބޮޑުމިނަކީ 25.90 ހެކްޓަރުކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހާމަކުރައްވާފައެވެ.
މި މަޝްރޫއުގެ ތެރެއިން 21 ހެކްޓަރުގެ ބިން ހިއްކުމަށް 1,134,534 ކިއުބިކް މީޓަރުގެ ވެލި ވަނީ އަޅާފައެވެ. ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ބޮސްކާލިސް ކުންފުނީގެ، 35,000 ކިއުބިކް މީޓަރުގެ ގާބިލުކަން ހުރި "ކުއިން އޮފް ދަ ނެދަލޭންޑްސް" ޑްރެޖަރު ބޭނުންކޮށްގެންނެވެ.
މި މަޝްރޫޢުގެ ދަށުން އެއާޕޯޓަށް ބޭނުންވާ 21 ހެކްޓަރުގެ ބިން ވަނީ މުޅިން ހިއްކާ ނިންމާފައެވެ. އަދި ރަށުގެ މިހާރު އޮތް ބިމުގެ ތެރެއިން 4.9 ހެކްޓަރުގެ ސަރަޙައްދަކުން ގަސް ނެގުމުގެ މަސައްކަތް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މިއާއެކު މި މަޝްރޫޢު ހިނގާ ޖުމްލަ ސަރަޙައްދަކީ 25.90 ހެކްޓަރެވެ.
މިލަންދޫގެ ބިން ހިއްކުމުގެ މަސައްކަތުގައި ބޭނުންކޮށްފައިވަނީ ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރު ކަމަށްވާ "ކްއީން އޮފް ދަ ނެދަލޭންޑްސް" އެވެ. މި ޑްރެޖަރަކީ އެއްފަހަރުން 35,000 ކިއުބިކް މީޓަރުގެ ވެލި އުފުލުމުގެ ގާބިލުކަން ލިބިފައިވާ އުޅަނދެކެވެ. މި މަޝްރޫޢުގައި ޖުމްލަ 1,134,534 ކިއުބިކް މީޓަރުގެ ވެލި ބޭނުންކޮށްފައިވާކަން ފާހަގަކުރެވެއެވެ.
މިލަންދޫގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ހަވާލުކޮށްގެންނެވެ. މިލަންދޫ އެއަރޕޯޓް ތަރައްގީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އެޕްރީލް މަހުގެ 3 ވަނަ ދުވަހުއެވެ.

