އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލު އިޖުތިމާއީ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
މަޖިލީހުގެ މިއަދު ޖަލްސާގައި ވަނީ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓް ހުށަހަޅާފައެވެ. އަދި ވޯޓް ގަޑީގައި ވޯޓަށް އަހާފައެވެ.
ސަރުކާރުގެ ފަރާތުން މި ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމްދީދީ އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލް ފާސްކުރަން ފެންނަ ކަމަށް ފާސްވީ ވޯޓުގައި ބައިވެރިވި 68 މެންބަރުންގެ އިއްތިފާގުންނެވެ.
މި ބިލަށް ކޮމިޓީ މަރުހަލާގައި ބައެއް އިސްލާހުތައް ގެނެސްފައިވެ އެވެ.
ބިލްގައިވާ ގޮތުން ގުނަވަން ހަދިޔާ ކުރާ މީހާއަކީ އުމުރުން 18 އަހަރުވެފައިވާ ބުއްދި ސަލާމަތުން ހުރި ދިވެއްސަކަށްވާން ޖެހެ އެވެ. އަދި އޭނާ ގުނަވަން ހަދިޔާ ކުރަނީ އަމިއްލަ އިހްތިޔާރުގައި ރުހިގެން ކަމަށް ބިލްގައި ބުނެފައިވެ އެވެ. ނަމަވެސް ގުނަވަން ލިބެނީ ދިވެއްސަކަށް ނަމަ، އެ ފަރާތާ ފުރަތަމަ އަދި ދެވަނަ ދަރަޖައިގެ ގޮތުން ލޭގެ ގުޅުން އޮންނަ ބިދޭސީންނަށް ގުނަވަން ހަދިޔާކުރެވޭނެ ކަމަށް ބިލްގައިވެ އެވެ.
ބިލްގައިވާ ގޮތުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނާއި ހުކުމެއްގައި ތިބޭ މީހުންނަށް ގުނަވަން ހަދިޔާ ނުކުރެވޭނެ އެވެ. މި ބިލުން ހުއްދަ ދެނީ ހަމައެކަނި ލައިވް-ޑޯނަ އޯގަން ޓްރާންސްޕްލާންޓް ކުރުމަށެވެ. އަދި ރާއްޖޭގައި ޑިޒީސްޑް-ޑޯނާ އޯގަން ޓްރާންސްޕްލާންޓް ކުރުން މި ބިލުން ހުއްދައެއް ނުކުރެ އެވެ.
ހަދިޔާ ކުރެވޭނެ ގުނަވަންތަކާއި ނުކުރެވޭނެ ގުނަވަންތައް ބިލްގައި ބަޔާންކޮށްފައިވެ އެވެ. އެ ގޮތުން އެއްވައްތަރުގެ ދެ ގުނަވަން ހުންނަ ގުނަވަންތަކާއި އެ ގުނަވަނުން ބައެއް ނެގި ނަމަވެސް ރީޖެނެރޭޓްވާ ގުނަވަން ޓްރާންސްޕްލާންޓް ކުރެވޭނެ ކަމަށް ބިލްގައިވެ އެވެ. ނަމަވެސް މީހެއްގެ އޯވަރީ ނުވަތަ ޓެސްޓިކަލް ޓްރާންސްޕްލާންޓް ނުކުރެވޭނެ ކަމަށްވެސް ބިލްގައިވެ އެވެ.

