ރާއްޖެއަށް 1.5 ކިލޯގެ ޑްރަގް އެތެރެކުރިކަމުގެ ތުހުމަތަށް މިދިޔަ މަހުގެ 17 ވަނަ ދުވަހު ހައްޔަރުކުރި ދެ އަންހެނުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކޮށް، ވިއްކައި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ އެ މައްސަލައިގައި ހައްޔަރުކުރީ ކ. ތުލުސްދޫ އާބިޖިލީހިޔާ، އާމިނަތު ރޫނާ 29 އަހަރު، ގ. މުތީގެއާގެ އަލްޔާ ޝަރްސާ ނަސީރު، 25 އަހަރެއެވެ.
ރޫނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރި މިއީ ތިންވަނަ ފަހަރެވެ. އެންމެ ފުރަތަމަ އޭނާ 15 ދުވަހަށް ބަންދުކުރިއިރު، މި މަހުގެ 3 ވަނަ ދުވަހު ވަނީ 25 ދުވަހުގެ މުއްދަތެއް ދީފައެވެ. ފުލުހުން ބުނާ ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި މި މުއާމަލާތްތަކުގައި އެންމެ އިސް ދައުރެއް އަދާކުރީ ރޫނާއެވެ. އޭނާގެ ބެލުމުގެ ދަށުން ރާއްޖެއަށް ދަތުރުކުރި މީހެއްގެ ފޮށިން 1.5 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާއިރު، އޭނާ ދިރިއުޅޭ ގެއިން ފެނުނު ތަކެއްޗާއި ފުލުހުންގެ 'ކޮންޓްރޯލް ޑެލިވަރީ' އޮޕަރޭޝަންގައި ބޭނުންކުރި ތަކެއްޗާ ގުޅުން ހުރިކަން ފާހަގަކުރެވިފައިވެއެވެ.
މި މައްސަލައިގައި ހިމެނޭ އަލްޔާ ޝަރްސާ ނަސީރުގެ ދަތުރުފަތުރުގެ މައުލޫމާތަށް ބަލާއިރު، އޭނާއަކީ ގިނަގިނައިން ރާއްޖެއިން ބޭރަށް ދަތުރުކުރާ މީހެއްކަން ކޯޓަށް ވަނީ ފާހަގަވެފައެވެ. އަދި އޭނާގެ ފޯނުން މި މައްސަލައާ ގުޅޭ ހެކިތައް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް، އަލްޔާއަކީ ނަފްސާނީ ބައްޔަކަށް ފަރުވާ ހޯދަމުންދާ މީހަކަށްވާތީ، އޭނާއަށް ބޭނުންވާ ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކޯޓުން ވަނީ ފުލުހުންނަށް އަންގާފައެވެ.
މި ދެ މީހުންގެ މައްޗަށްވެސް ކުރެވެނީ މަސްތުވާތަކެތި އެތެރެކުރުމާއި، ވިޔަފާރިކުރުމުގެ ބޮޑެތި ތުހުމަތުތަކެކެވެ. ފުލުހުން ކުރިން ބުނެފައިވަނީ އަތުލައިގަތް ތަކެތީގެ ބަރުދަނުގައި 1.820 ކިލޯ ހުރި ކަމަށެވެ. ނަމަވެސް ފަހުން އެއީ 1.5 ކިލޯކަން ވަނީ ޔަގީންކޮށްފައެވެ. ރޫނާގެ ފަރާތުން ކޯޓުގައި އެދިފައިވަނީ އޭނާ ހައްޔަރުކުރި ވަގުތުގެ ބޮޑީ ކެމެރާގެ ވީޑިއޯތައް ހޯދުމަށެވެ.
ރާއްޖޭގެ ގާނޫނު ބުނާގޮތުން މިހާރު މަސްތުވާތަކެތި ރާއްޖެ އެތެރެކުރުމަކީ މަރުގެ ހުކުމް އަންނަވަރުގެ ކުށެކެވެ. މަރުގެ ހުކުމް ނުދެވޭ ހާލަތްތަކުގައި ވެސް މަސްތުވާތަކެތި އެތެރެކުރުމަކީ އުމުރަށް ޖަލަށްލުމާއެކު، 100,000 ރުފިޔާއާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ ބޮޑު އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކުށެކެވެ.

