logo

ބީއެމްއެލްއަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 2.5 ބިލިޔަން ރުފިޔާ

އާމިނަތު މޫސާ
11 ގަޑިއިރު ކުރިން

މިދިޔަ 2025ވަނަ އަހަރު ގައުމީ ބޭންކު ބީއެމްއެލުން 2.5 ބިލިއަން ރުފިޔާގެ ސާފު ފައިދާއެއް ހޯދައި، ރެކޯޑު މާލީ ނަތީޖާއެއް ހާސިލުކުރެވިއްޖެ ކަމަށް، އެ ބޭންކުން މިއަދު ބުނެފިއެވެ.

ބީއެމްއެލުން ބުނީ، މިދިޔަ އަހަރަކީ އެ ބޭންކުގެ ތާރީޚުގައި އެންމެ ކާމިޔާބު އަހަރު ކަމަށެވެ. ބޭންކުން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، ޓެކުހަށް ކެނޑުމަށްފަހު މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އެއީ މިދިޔަ އަހަރު ބީއެމްއެލަށް ސާފު ފައިދާގެ ގޮތުގައި ލިބުނު އަދަދަށް ވުރެ 9.8 އިންސައްތައިގެ ކުރިއެރުމެކެވެ.

އެއާއެކު، ބޭންކުގެ މިލްކިއްޔާތުގެ އަގު ވަނީ 55.8 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އަމިއްލަ ފަރުދުންގެ ބޭނުންތަކަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިއާއި ކޯޕަރޭޓް ކަސްޓަމަރުންގެ ވިޔަފާރިތަކާއި އިގްތިސާދުގެ މުހިންމު ސިނާއަތްތައް ފުޅާކޮށް ތަރައްގީކުރުމަށް، ލޯނާއި ފައިނޭންސިންގެ ގޮތުގައި ވޭތުވެދިޔަ އަހަރު ބޭންކުން ވަނީ އަލަށް 10 ބިލިއަން ރުފިޔާ ދޫކޮށްފައެވެ.

މީގެ އިތުރުން އަލަށް 30،000އަށް ވުރެ ގިނަ ކަސްޓަމަރުން ބޭންކާ ގުޅި، ކަސްޓަމަރުން ބޭންކުގައި ފައިސާ ޖަމާކުރި ވަރު 2024 ވަނަ އަހަރަށް ވުރެ މިދިޔަ އަހަރު 16 އިންސައްތަ އިތުރުވެފައިވާ ކަމަށްވެސް ބީއެމްއެލްގެ ތަފާސްހިސާބުތަކުގައިވެއެވެ.

މި ނަތީޖާއަކީ ބީއެމްއެލުން މާލީގޮތުން ހޯދި ކުރިއެރުމާއި، ޚިދުމަތްތައް ފުޅާކުރުމަށް ކުރި މަސައްކަތްތަކާއި، ރާއްޖޭގެ ގައުމީ ބޭންކުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ޒިންމާތަކަށް ދީފައިވާ ޚާއްސަ ސަމާލުކަން ހާމަކޮށްދޭ ނަތީޖާއެއްގެ ގޮތުގައި ބީއެމްއެލުން ސިފަކުރެއެވެ.

ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ، މިދިޔަ އަހަރު ބީއެމްއެލުން މާލީގޮތުން ރަނގަޅު ނަތީޖާއެއް ހޯދައި، އިޖުތިމާއީގޮތުން ގައުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދެވޭނެކަން ސާބިތުކޮށްދީފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ހޯދި ރެކޯޑު ފައިދާއާއި، ބެންކުގެ ތާރީޚުގައި ވެސް އެންމެ ގިނައިން ލޯނު ދޫކުރުމުން ދޭހަކޮށްދެނީ އަޅުގަނޑުމެންގެ ވިޔަފާރީގެ ހަރުދަނާކަމާއި ދިވެހި އިގްތިސާދު ކުރިއެރުވުމަށް އަޅުގަނޑުމެން ކުރަމުންދާ މުހިންމު މަސައްކަތް، ބޭންކުގެ ވިއުގަ އިތުރަށް ފުޅާކުރުމާއެކު ޑިޖިޓަލް ވަސީލަތްތައް ތައާރަފްކޮށް އިތުރަށް ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތުން ރަމްޒުކޮށްދެނީ، ކޮންމެ ދިވެއްސަކަށްވެސް، އެމީހަކު ހުރި ތަނަކުން ބޭނުންވާ މާލީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން މެދުކެނޑުމެއްނެތި ކުރާ ބުރަ މަސައްކަތް. އަޅުގަނޑުމެން މި ބިނާކުރަނީ މިއަދާއި މާދަމާގެ ޖީލުތަކަށްޓަކައި ބިނާކުރާ އެންމެހާ ދިވެހީންގެ ބޭންކެއް،" ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް

މިދިޔަ އަހަރުގެ ތެރޭގައި ބޭންކަށް ހޯދުނު އެންމެ ފާހަގަކޮށްލެވޭ ކާމިޔާބިއަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ސެލްފް ސަރވިސް ބޭންކިންގެ ޚިދުމަތް ގާއިމްކުރުމެވެ. މި މަޝްރޫއަށް ރާއްޖެއާއި ބައިނަލްއަގުވާމީ ފެންވަރުގައި ހާއްސަ ސަމާލުކަމެއް ލިބިފައިވާއިރު، މާލީ ޚިދުމަތްތަކުގެ ދާއިރާގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ 'ކޯރަސް' އިން ދޭ 'އައުޓްސްޓޭންޑިންގް އެޗީވްމަންޓް އިން ފައިނޭންޝަލް އިންކްލޫޝަން' އެވޯޑު ލިބިފައިވާ ކަމަށް، ބީއެމްއެލުން ބުންޏެވެ.

ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތާއެކު ބޭންކުން ވަނީ ޑިޖިޓަލް ޚިދުމަތްތަކަށް ބަދަލުތައް ގެނައުމުގެ މަސައްކަތްވެސް ހަލުވިކޮށްފައިވާ ކަމަށް ބީއެމްއެލްއިން ބުނެއެވެ. އެގޮތުން އެކައުންޓް ހުޅުވުމާއި ލޯނަށް އެދި ހުށަހެޅުން ފަދަ ހުރިހާ ޚިދުމަތްތަކެއް އިންޓަރނެޓް ބޭންކިންގ އަދި މޮބައިލް ބޭންކިންގ އެޕް މެދުވެރިކޮށް މިހާރު ކުރެވޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ. މީގެ އިތުރުން، ބީއެމްއެލް އިން ވަނީ 'ސްވައިޕް' ވޮލެޓް ތައާރަފުކޮށްފައެވެ. މިއީ %100 ދިވެހިން އުފައްދާފައިވާ، ރާއްޖޭގެ ޑިޖިޓަލް އިގްތިސާދުގެ ކުރިމަގުގައި ބޭނުންވާނެ ޚިދުމަތްތައް ފޯރުކޮށްދޭނެ، އެކި ބާވަތުގެ ފައިސާ ބޭނުންކުރެވޭ ޑިޖިޓަލް ވޮލެޓެކެވެ.

ad