މޫސުމީ ބަދަލުތަކަށް ކެތްކުރާ ގަލުފަރުތައް ރައްކާތެރިކުރުމަށް، ދިވެހިރާއްޖެ އާއި އޮސްޓްރޭލިއާ އަދި ފިޖީއާއެކު، ދުނިޔޭގެ ފުރަތަމަ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ދިވެހިރާއްޖެއިން، މޫސުމީ ބަދަލުތަކަށް ކެތްކުރާ ރޮނގުފަރުތައް ހިމާޔަތްކުރުމަށް އެކުލަވާލާފައިވާ "ދަ ކްލައިމެޓް-ރެޒިލިއެންޓް ކޯރަލް ރީފްސް ކޮމިޓްމަންޓް" (The Climate-Resilient Coral Reefs Commitment) ގައި ސޮއިކޮށްފައިވާއިރު، މިއީ މިފަދަ ކަމަކަށް ދުނިޔޭގެ ފެންވަރުގައި ކުރެވުނު ފުރަތަމަ ވައުދެވެ.
މި ވައުދުގައި ދިވެހިރާއްޖެއާއެކު ސޮއިކޮށްފައިވަނީ އޮސްޓްރޭލިއާއާއި ފިޖީންނެވެ. މި ތިން ގައުމުން މި ވައުދުގައި ސޮއިކޮށްފައިވަނީ، ކެންޔާގެ ނައިރޯބީގައި ކުރިއަށްދާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް އެސެމްބްލީ (UNEA7) ގެ ހަވާސާގައި ބޭއްވުނު ބައްދަލުވުންތަކުގެ ތެރެއިންނެވެ.
މި ކޮމިޓްމަންޓްގެ މައިގަނޑު މަޤްސަދުތަކުގެ ތެރޭގައި، މޫސުމީ ބަދަލުތަކަށް ކެތްކުރެވޭ ފަރުތައް ހިމާޔަތްކުރުމާއި، ގައުމީ ސިޔާސަތުތަކާއި ރޭވުންތަކުގެ ތެރެއަށް ފަރުތައް ހިމާޔަތްކުރުމުގެ މަސައްކަތްތައް ހިމެނުމާއި، ފަރުތަކަށް ކުރިމަތިވެފައިވާ ނުރައްކާތައް ކުޑަކުރުމުގެ މަސައްކަތްތައް ކުރުން ހިމެނެއެވެ. މީގެ އިތުރުން، މި ވައުދުގެ ދަށުން ފަރުތައް ދެމިހުންނަ ހުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށް ވެސް މަސައްކަތް ކުރެވޭނެއެވެ.
ދިވެހިރާއްޖެއަކީ ކަނޑުގެ ދިރުންތަކަށް ބަރޯސާވެފައިވާ ގައުމަކަށްވާތީ، މޫސުމީ ބަދަލުތަކުގެ ސަބަބުން ފަރުތަކަށް ކުރިމަތިވަމުންދާ ނުރައްކާތަކުން ފަރުތައް ހިމާޔަތްކުރުމަށް މިފަދަ ވައުދެއްގައި ސޮއިކުރުމަކީ ވަރަށް މުހިންމު ފިޔަވަޅެކެވެ.

