ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބަދަލުގައި އެފަރާތްތަކުގެ ބެލެނިވެރިންނަށް ބޯހިޔާވަހިކަމަށް އެދުމުގެ ފުރުޞަތު މިމަހުގެ 20 ވަނަ ދުވަހު ހުޅުވާލުމަށް ނިންމައިފިއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބަދަލުގައި އެފަރާތްތަކުގެ ބެލެނިވެރިންނަށް ބޯހިޔާވަހިކަމަށް ކުރިމަތިލެވޭ ގޮތަށް އުސޫލު އިޞްލާޙުކުރުމުގެ މަސައްކަތް ކުރައްވާކަން ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ހާމަކުރެއްވީ މިދިޔަ އެޕްރީލް މަހުގެ ތެރޭގައެވެ.
ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތުގެ ބަދަލުގައި ބެލެނިވެރި ފަރާތުން ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިމަހުގެ 20 ވަނަ ދުވަހު ހުޅުވާލާނެކަމަށެވެ. އަދި އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް ފޯމް ހުށަހެޅޭނެކަމަށް އެ ވުޒާރާއިން ބުނެއެވެ.
އެގޮތުން އެޕްލިކޭޝަން ހުށަހެޅޭނީ މި މަހުގެ 20 ވަނަ ދުވަހުގެ ހެނދުނު 11:00 އިން ފެށިގެން ޖޫން 15 ވަނަ ދުވަހުގެ ރޭ 11:59 އަށް ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބަދަލުގައި އެފަރާތްތަކުގެ ބެލެނިވެރިންނަށް ބޯހިޔާވަހިކަމަށް ކުރިމަތިލެވޭނީ ފޯމް ފުރުމަށް ދަތިވާ ފަރާތްތަކާއި 18 އަހަރު ފުރިފައިނުވާ ފަރާތްތަކުގެ ބަދަލުގައި އެންސްޕާގައި ރަޖިސްޓްރީވެފައިވާ ބެލެނިވެރި ފަރާތުންނެވެ.
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގުރާމުގެ ތެރެއިން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއަށް ވަކިން ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލީ އެޕްރީލްމަހުގެ 1 ވަނަ ދުވަހުއެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޚާއްޞަ ކެޓަގަރީން ފްލެޓަށް އެދި ހުށައަޅާ ފަރާތްތަކުން ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތެއްގެ ގޮތުގައި ސާބިތުކުރުމަށް އެންސްޕާއިން ދޫކޮށްފައިވާ ކާޑުގެ ކޮޕީ ހުށައެޅޭނެއެވެ.
އާއިލީ ބޯހިޔާވަހަކިމުގެ ޕްރޮގްރާމް އެކުލަވާލެވިފައިވަނީ އަމިއްލަ އެއްވެސް ބޯހިޔާހަވިކަމެއް ނެތް އާއިލާތަކަށް ބޯހިޔާވެހިކަން ފޯރުކޮށްދިނުމުގައި އިސްކަން ލިބޭ ގޮތަށެވެ. އަދި ނުކުޅެދުންތެރިކަން ހުރި ފަރާތްތައް ތިބި އާއިލާތަކަށާއި، މުސްކުޅި މައިންބަފައިން ބަލާ އާއިލާތަކަށާއި ތިމާގެ ބެލުމުގެ ދަށުގައި ދަރިން ތިބި ޢާއިލާތަކަށް އިސްކަން ލިބޭ ގޮތަށްކަމަށް ވުޒާރާއިން ބުނެފައިވެ އެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ފުލެޓަށް އެދި ހުށަހެޅޭނީ، މާލޭ ސަރަހައްދުގައި ދިރިއުޅޭތާ މެދުނުކެނޑި 5 އަހަރު ވެފައިވާ މީހަކަށެވެ.
މީގެއިތުރުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލަށް ގެނައި ބަދަލުގައިވާ ގޮތުން ނުކުޅެދުންތެރިކަން ހުރި ފަރާތް ނުވަތަ އެފަރާތުގެ އާއިލާގެ މާލީ ހާލަތު ހުރިގޮތުން ގްރޭޓަރ މާލެ ސަރަޙައްދުގައި ދިރިއުޅެވޭނެ ގޮތެއް ނެތުމާއެކު، އެ ފަރާތެއްގެ ކިބައިގައި ހުރި ނުކުޅެދުންތެރި ކަމަށް، އެ ފަރާތަކުން ދިރިއުޅެމުންދާ ރަށުން ނުވަތަ އަތޮޅުން ފަރުވާ ލިބެން ނެތުމުގެ ސަބަބުން ފަރުވާ ހޯދުމަށް އާންމުގޮތެއްގައި ގްރޭޓަރ މާލެ ސަރަހައްދަށް އަންނަން ޖެހިފައިވާތީ، ގްރޭޓަރ މާލެ ސަރަހައްދުން ވޭތުވެދިޔަ 1 އަހަރު ފަރުވާ ހޯދާފައިވާ ފަރާތްތަކަށްވެސް މި ކެޓަގަރީއަށް ހުށަހެޅޭނެއެވެ.

