logo

ބީއެމްއެލް ޑިޖިޓަލް ވޮލެޓް "ސްވައިޕް"ގެ ހިދުމަތް އައްޑޫ ސިޓީއަށް

އާމިނަތު މޫސާ
6 ގަޑިއިރު ކުރިން

ބޭންކް އޮފް މޯލްޑިވްސްއިން އިފްތިތާހު ކުރި މަލްޓި ކަރަންސީ ޑިޖިޓަލް ވޮލެޓް "ސްވައިޕް" އައްޑޫ ސިޓީއަށް ތައާރަފްކޮށްފިއެވެ.

ރާއްޖޭގައި ވަކި ސަރަހައްދަކަށް އަމާޒުކޮށްގެން ސްވައިޕްްގެ ހިދުމަތް ފަށާ ފުރަތަމަ ސަރަހައްދަކީ އައްޑޫ ސިޓީއެވެ. އައްޑޫ ސިޓީގައި ސްވައިޕުގެ ހިދުމަތް ތައާރަފުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ހިދުމަތް އައްޑޫގައި އިފުތިތާހުކޮށްދެއްވީ ދާހިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިހުސާނެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ޑިޖިޓަލް ވޮލެޓް ސްވައިޕަކީ، ވިޒިޓް މޯލްޑިވްސްގެ ރަސްމީ ވޮލެޓެވެ. މި ވޮލެޓް ރަސްމީކޮށް އިފުތިތާޙުކޮށްފައިވަނީ ޖަރުމަނުގައި ކުރިއަށްދިޔަ އައިޓީބީ ބާލިންގެ ތެރެއިން ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ޚިދުމަތް އައްޑޫސިޓީއަށް ތައާރަފްކޮށްފައިވާއިރު، އައްޑޫގެ ގާތްގަނޑަކަށް ހުރިހާ ވިޔަފާރިއަކުން މިހާރު ސްވައިޕް ބަލައިގަންނާނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.

އެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝަރީފު ވިދާޅުވި ގޮތުގައި، ސްވައިޕް ފަަދަ ހިދުމަތްތަކަކީ ރާއްޖެ ޑިޖިޓަލް އާ ޒަމާނަކަށް ގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒުގެ އިސްނެންގެވުމަށް ދައުލަތުގެ ހުރިހާ އިދާރާއެއް ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ތައާރަފުކުރެވެމުންދާ ހިދުމަތްތައް ކަމަށެވެ.

ޝަރީފު ވިދާޅުވި ގޮތުގައި ދުނިޔެ ބަވަނަވެ، އިގުތިސާދީ ގިނަ ހަރަކާތްތަކެއް ޑިޖިޓައިޒްވަމުންދާއިރު، އިތުބާރު އޮންނަ ހަރުދަނާ ޕޭމަންޓް ނިޒާމެއް ގާއިމުވެފައި އޮތުމަކީ ވަރަށް މުހިއްމު ކަމެކެވެ. އަދި "ސްވައިޕް" ވޮލެޓަކީ އެންމެ ޒަމާނީ ހިދުމަތްތައް ލިބޭ ފެންވަރު ރަނގަޅު ވޮލެޓެއްކަން ފާހަގަކުރައްވަމުން ޝަރީފު ވިދާޅުވީ އެ ވޮލެޓަކީ މި ސަރަހައްދުގެ އެންމެ ފެންވަރު ރަނގަޅު ޑިޖިޓަލް ހިދުމަތެއް ފޯރުކޮށްދޭ ބޭންކަށްވުމަށް ބީއެމްއެލްއިން ކުރަމުންދާ މަސައްކަތުގައި ކުރިއަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށެވެ.

ޝަރީފު ވިދާޅުވީ ރާއްޖެއަކީ ދުނިޔޭގެ އެންމެ މަތީ ފަންތީގެ ފަތުރުވެރިކަން އޮތް ގަައުމަކަށްވާތީ، ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް އަމާޒުކޮށް ތައާރަފުކުރި "ސްވަައިޕް"އަކީ އެންމެ މަތީ ފަންތީގެ ހިދުމަތް ފޯރުކޮށްދިނުމުގެ އަމާޒުގައި ފަރުމާކޮށްފައިވާ ވޮލެޓެއް ކަމަށެވެ. މިހާރު ރާއްޖެއަށް އަންނަ ފަތުރުވެރިން މުއާމަލާތްތަކުގައި ބޭނުންކުރާ ވޮލެޓުތަކާއި ކްރެޑިޓް ކާޑުތަކުން 2.5 އިންސައްތަައިން މަތީގެ ކޮމިޝަނެއް ނަގަމުންދާކަން ފާހަގަކުރައްވަމުން ޝަރީފު ވިދާޅުވީ ސްވައިޕް މެދުވެރިކޮށް ކުރާ މުއާމަލާތްތަކުން ކޮމިޝަނުގެ ގޮތުގައި ނަގާނީ އެންމެ އިންސައްތައެއް ކަމަށެވެ.

މި ޑިޖިޓަލްވޮލެޓް ފަރުމާކޮށްފައިވަނީ ރާއްޖޭގެ އިތުރުން ފައިސާގެ މުއާމާލާތް ހިންގުމުގައި ކަނޑައަޅާފައިވާ ބައިނަލްއަގުވާމީ ޝަރުތުތަކާއި މިންގަނޑުތަކަށް ފުރިހަމައަށް ފެތޭ ގޮތަށެވެ. ސްވައިޕް ވޮލެޓްމެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ މުއާމަލާތްތައް ކުރެވޭނެއެވެ. އަދި ބީއެމްއެލްއެކައުންޓްތަކުގެ އިތުރުން ކޮންމެ ކްރެޑިޓ،ް ޑެބިޓް އަދި ޕްރިޕެއިޑް ކާޑަކުންވެސް ސްވައިޕް ވޮލެޓަށް ފައިސާ ޖަމާކުރެވޭނެއެވެ.

ދުނިޔޭގެ ކޮންމެ ބޭންކަކުން ނެރެފައިވާ ޑެބިޓް ކްރެޑިޓް ނުވަތަ ޕްރީޕެއިޑް ކާޑެއް ބޭނުން ކޮށްގެންވެސް ސްވައިޕް ވޮލެޓަށް ފައިސާ ޖަމާކުރެވޭނެއެވެ. އަދި ބީއެމްއެލްގެ އެކައުންޓްތަކަށް ފައިސާ ފޮނުވައި، އެ އެކައުންޓުން ފަސޭހަކަމާއެކު ފައިސާ ނެގޭނެއެވެ. ވިޔަފާރިތަކަށް ވަގުތުން އެކައުންޓަށް ފައިސާ ޖަމާވާ ގޮތަށް ސްވައިޕް ފަރުމާކޮށްފައިވުމުން ވިޔަފާރިވެރިންނަށް ކޭޝް ފްލޯ ބެލެހެއްޓުމަށް ފަސޭހަވެގެންދާނެ ކަމަށް ބީއެމްއެލުން މައުލޫމާތުދެއްވައެވެ.

ad