އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުތައް ވަރުގަދަކުރުމުގައި ސާބިތުކަމާއެކު ސަރުކާރު ދެމިއޮންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ އިޖުތިމާއީ އަދާލަތުގެ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ މިދުވަސް ފާހަގަކުރާއިރު ރާއްޖެ އޮތީ ބައިނަލްއަގުވާމީ މުޖުތަމައާ އެކުގައިކަމަށާއި، އަދި މިއީ ރާއްޖޭގެ ހާލަތަށް ބަލާއިރު ކިހާ މުހިންމު ދުވަހެއްކަމާމެދު ވިސްނާލަންޖެހޭކަމަށެވެ. އެގޮތުން މިފަދަ ދުވަހެއް ފާހަގަކުރުމުގެ އެންމެ މުހިއްމު މަގްސަދަކީ ޖިއޮގްރަފިކަލް ގޮތުން އެކި ކަންކޮޅުތަކަށް ބެހިފައިވާ ރާއްޖޭގެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް، ހަމަހަމަ ފުރުސަތުތަކެއް ފަހިވެފައިވާ އަބުރުވެރި، ރައްކާތެރި ދިރިއުޅުމެއް ޔަގީންކޮށްދިނުމަށްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ހަމައެގޮތުން ބޭނުން ޖެހިފައިވާ ފަރާތްތަކަށް އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުތައް ވަރުގަދަކުރުމާއެކު، ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތަކާއި އެއް ރަށުން އަނެއް ރަށަށް ދަތުރުފަތުރުގެ ނިޒާމުތައް ގާއިމްކޮށް، އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަަަށް ސަރުކާރުން ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން މިންތީގެ ހަމަހަމަކަން ކަށަވަރުކުރުމާއި، އެކަށީގެންވާ ވަޒީފާގެ ފުރުސަތުތައް ހިމެނޭ އިގްތިސާދީ ފުރުސަތުތައް ހަމަހަމަކަމާއެކު ފަހިކޮށްދިނުމަށްވެސް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާކަން ރައީސް ވިދާޅުވިއެވެ.
އެމަސައްކަތުގައި ތަފާތު ގޮންޖެހުންތައް ދިމާވިނަމަވެސް، ސަރުކާރުގެ އަޒުމަކަށް ބަދަލެއް ނާންނާނެކަމަށާއި، ދިވެހި ރައްޔިތުންނަށް މިއަށްވުރެ ފާގަތި، ދެމެހެއްޓެނިވި މުސްތަގުބަލެއް ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ކުރުމުގައި ދެމިއޮންނާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

