މާލިއްޔަތު ޤާނޫނާއި ހިލާފު ގަވާއިދެއް ހަދައިގެން، ވަކި ބަޔަކަށް ނުއަގުގައި ޕްރޮޖެކްޓްތައް ދިނުމަށް ކުރަމުންދާ މަސައްކަތް ކުށްވެރިކުރާ ކަމަށް މޯލްޑިވިއަން ޑިމިކްރެޓް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ.
އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ޢަމަލުކުރެވެމުން އައި ގަވާއިދު ޒަމާނީ ޕަބްލިކް ފައިނޭންސް ނިޒާމެއް ހިންގުމަށް ދައުލަތުގެ ކަމާބެހޭ އެންމެހާ އިދާރާއެއްގެ ލަފާއާއެކު އެކުލަވައިލައިފައިވާ ގަވާއިދެއް ކަމަށާއި، ، މި ސަރުކާރުން ކަރަޕްޝަނަށް މަގުފަހިކުރުމުގެ ގޮތުން، ދައުލަތުގެ އެންމެހާ ޕްރޮކިއުމަންޓެއް އިއުލާންކުރުމެއްނެތިއަދި ބިޑްކުރުމުގެ އެއްވެސް އިޖުރާއަތެއް ފުރިހަމަކުރުމަކާނުލައި، ވަޒީރުންގެ މަޖިލީހުން ނުވަތަ އެ މަޖިލީހުގެ ކޮމިޓީއަކުން ކަނޑައަޅާ ބޭނުން ފަރާތަކަށް "ސިންގަލް ސޯސް ޕްރޮކިއުމަންޓް" ގެ އުސޫލުން ހަވާލުކުރެވޭ ގޮތަށް ވަނީ ގަވާއިދަށް ބަދަލުތައް ގެނެސްފަ ކަމަށެވެ..
ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން، ވަޒީރުންގެ މަޖިލީހުން ނުވަތަ އެ މަޖިލީހުގެ ކޮމިޓީއަކުން، "ރައްޔިތުންގެ އަސާސީ ބޭނުންތަކާއި، ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދޭ ބާވަތުގެ މަޝްރޫޢުތަކާއި، ސަލާމަތީ ޚިދުމަތްތަކަށް ޚާއްޞަ މަޝްރޫޢުތައް" ގެ ގޮތުގައި ކަނޑައަޅާ ކޮންމެ މަޝްރޫޢަކީ އެ ކޮމިޓީއިން ބޭނުންވާ ކޮންމެ ފަރާތަކަށް "ސިންގަލް ސޯސް ޕްރޮކިއުމަންޓް" ގެ އުސޫލުން ހަވާލުކުރެވޭނެ މަޝްރޫޢުތަކެއް ކަމަށެވެ. އަދި މިއީ ފާއިތުވީ އަހަރުތެރޭ މި ގަވާއިދަށް ގެނެވުނު އެތަކެއް ބަދަލުތަކުގެ ތެރެއިން އެންމެ ނުރަގަނޅު ބަދލުކަމަށާއި، އަދި، މި ފަދަ ބަދަލުތަކުގެ ސަބަބުން ބައިނަލްއަގުވާމީ ގޮތުން އަދި އިންވެސްޓަރުންނަށް މުޅި ދިވެހިރާއްޖޭގެ މާލީ ނިޒާމާމެދު އޮންނަ އިތުބާރު އެއްކޮށް ގެއްލިފައިވާކަމަށެވެ.
މި ފަދަ ކަންކަން ބަލައި، ޖަވާބުދާރީ ކުރުމަށް ކަނޑައަޅައިފައިވާ، މަރުކަޒީ ބޭންކާއި އޮޑިޓަރ ޖެނެރަލް އޮފީސް ފަދަ މުއައްސަސާތައް ސިޔާސީކޮށް، ސަރުކާރުގެ ސީދާ ބާރުގެ ދަށަށް ގެންގޮސްފައި އޮތް މިފަދަ ދަނޑިވަޅެއްގައި، މުޅި ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު ސީދާ ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ނަގައި، ސިޔާސީ ނުފޫޒު ފޯރުވޭގޮތަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު ބަދަލުކުރުމަކީ ސަރުކާރުގެ ޚުދުމަތާރުކަމަށް އިތުރުވާ ބޮޅެއްް ކަމަށެވެ. ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމުގެމިނިވަންކަމާއި، ދެފުށްފެންނަގޮތަށް އަދި ދައުލަތަށް އެންމެ ފައިދާ ވާނެގޮތަށް ގެންދިއުމަށް ހުރަސް އެޅި، ރައްޔިތުންނާއި، ދައުލަތުގެ ފައިސާއާއި މުދަލަށް ނުރައްކާ ބޮޑު ކަންކަން ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވުމުގެ ޖާގަ މިކަމުން ހުޅުވިގެންދާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވުމަށް ފަހުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް ގެނެވިފައިވާ އެންމެހާ ބަދަލެއް ގެނެސްފައިވަނީ ދައުލަތުގެ ޕްރޮކިއުމަންޓްގެ ތެރެއިން ބޭނުން މަޝްރޫއެއް ބޭނުން ފަރާތަކަށް ބޭނުން އަގެއްގައި ހަވާލުކުރުމަށް މަގުފަހި ކުރުމަށް ކަމަށްވެސް ވިދާޅުވެފައި ވެއެވެ.
އެމްޑީޕީގެ ދެން އުފެދޭ ސަރުކާރެއްގައި، މިފަދައިން ހަދާފައިވާ އެންމެހައިއެއްބަސްވުންތަކުގެ މައްސަލަތައް ބަލާނެކަމަށާއި، ހަމަ އެގޮތުން، މި ފަދަބަދަލުތަށް ގެނައުމުގައި އަދި ތަންފީޒުކުރުމުގައި ބައިވެރިވާ ފަރާތްތަކުގެ މައްސަލަބަލައި، ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.
ދެފުށްފެންނަ، އަދި ވާދަވެރި ޕްރޮކިއުމަންޓް ނިޒާމެއްގެ އެންމެ އަސާސީ ބޭނުމަކީ ޖަވާބުދާރީ ކުރެވޭ، ރައްޔިތުންގެ އިތުބާރު އޮތް މާލީ ނިޒާމެއް އުފެއްދުން ކަމަށްވާއިރު، މި ސަރުކާރުން ރޭވިގެން ހިންގޭ އެންމެ ބޮޑު މަޝްރޫއަކީ އެ ނިޒާމު ބަލިކަށިކޮށް، ފުނޑާލައި، ދިވެހިރައްޔިތުންގެ މާލިއްޔާ ވެރިމީހާގެ ބާރުގެ ދަށަށް ގެންދިއުންކަމަށެވެ. އެހެންކަމުން މިފަދަ ނޭއްގާނީ ކަންކަމުން ދުރުވެ، މިކަންކަން ހުއްޓާލައި، ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސަށް ރުޖޫޢަވުމަށް ގޮވާލާ ކަމަށެވެ..
ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް މި ސަރުކާރުން ގެނެސްފައިވާ ހަތަރު ބަދަލުގެ ސަބަބުން ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމުގެ ތެރެއިން ބޮޑެތި ކޮރަޕްޝަން ހިންގުމަށް ދޮރު ހުޅުވިފައިވާތީ، ނުހަނު ކަންބޮޑުވުން ފާޅުކޮށް، ހަމަހަމަ، ދެފުށްފެންނަ، އަދި ވާދަވެރި ޕްރޮކިއުމަންޓް ނިޒާމު ފުނޑާލުން ހުއްޓާލުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒަށް ގޮވާލާ ކަމަށްވެސް ވިދާޅުވިއެވެ.


