logo

މަސްތުވާތަކެތި ބޭނުންކުރިކަމުގެ ތުހުމަތުގައި އެންޑީއޭގެ މުވައްޒަފަކު ހައްޔަރުކޮށްފި

އާމިނަތު މޫސާ
20 ގަޑިއިރު ކުރިން

މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅުނުކަމުގެ ތުހުމަތުގައި ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)ގެ މުވައްޒަފަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ ގދ. ގައްދޫ/ ބާންސަރީގެ/ އިސްމާއިލް އަބްދުﷲ، 42 އަހަރު އެވެ.

ފުލުހުން ބުނީ، އެ މީހާ ހައްޔަރުކޮށްފައި ވަނީ އޭނާ ވައްޓާލި އެއްޗެއް ނަގައި ބެލިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ސެލޯފިންކޮޅެއް ފެނިގެންނެވެ. އޭނާގެ ޔޫރިން ޓެސްޓް ވަނީ ޓީއެޗްސީއަށް (މަސްތުވާތަކެތީގެ ބާވަތަކަށް) ޕޮޒިޓިވްވެފަ އެވެ.

އިސްމާއިލް އަބްދުﷲގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ފަސް ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފައެވެ. ވަކީލެއްގެ ފުރުސަތު ބޭނުންވާ ކަމަށް ބުނުމުން އޭނާ އަށް ވަނީ ކުރު މުއްދަތެއް ދީފައެވެ. އަދި އޭނާ އަކީ އެންޑީއޭގެ ވަޒީފާގައި ހުރި މީހެއްކަމަށާއި، ކުޑަކުދިންތަކެއްގެ ބައްޕައެއް ކަމަށް ވެސް އޭނާ ވަނީ ފާހަގަކޮށްފަ އެވެ.

މިއީ މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލައެއްގައި އެންޑީއޭގެ މުވައްޒަފަކު ހައްޔަރުކުރި މިދިޔަ ހަފްތާގެ ތެރޭގައި ދެވަނަ ފަހަރެވެ. މިދިޔަ ހަފްތާގައި، ފަރުވާ ހޯދަން ދާ ކްލަޔަންޓުންނަށް މަސްތުވާތަކެތި ދީގެން، ޖިންސީ ގުޅުން ހިންގާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި އެންޑީއޭގައި ޕިއާ މެންޓާއަކަށް މަސައްކަތް ކުރަމުން އައި އައްޑޫ ފޭދޫ، މުހައްމަދު ފަސީހު 51 އަހަރު ވަނީ ހައްޔަރުކޮށް 15 ދުވަހަށް ބަންދުކޮށްފަ އެވެ.

ad