logo

ތޫފާން 'ފުންގ-ވޮންގ' ފިލިޕީންސްގެ އިރުމައްޗަށް މިސްރާބު ޖަހައިފި، ބޮޑެތި ގެއްލުންތަކެއް ލިބުމުގެ ނުރައްކާ ބޮޑުކަމުގެ އިންޒާރު ވަނީ ދީފަ

ދިވެހި ޗެނަލް
ދިވެހި ޗެނަލް
17 ދުވަސް ކުރިން

ފިލިޕީންސްގެ އިރުމަތީ ސަރަަޙައްދަށް މިސްރާބުޖަހާފައިވާ 'ފުންގ-ވޮންގ' ނަމަކަށް ކިޔާ ތޫފާނެއް އިތުރަށް ބާރުގަދަވެ، އެ ސަރަަޙައްދުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުމުގެ ނުރައްކާ ބޮޑުކަމުގެ އިންޒާރު ދީފިއެވެ.

ޕަގާސާގެ މޫސުމާބެހޭ އިދާރާގެ ބެނިސަން އެސްޓާރެޖާ ވިދާޅުވި ގޮތުގައި، މި ތޫފާނު މާދަމާ ފިލިޕީންސަށް އަރާނެކަމަށް ބެލެވޭއިރު، މިހާރު ވެސް އެ ޤަޢުމުގެ އިރުމަތީ ސަރަޙައްދުތަކަށް އޭގެ އަސަރު ކުރަމުންދާއިރު، ތޫފާނުގެ ބާރު އިތުރުވާނެއެވެ.

އެ އިދާރާއިން ބުނި ގޮތުގައި، މިހާރު ގަޑިއިރަކު 140 ކިލޯމީޓަރުގެ ބާރުމިނުގައި ވައިޖެހޭ މިންވަރު، ތޫފާނު އެރޭއިރު ގަޑިއިރަކު 185 ކިލޯމީޓަރަށް އިތުރުވެ، ބާރުގަދަވާނެކަމަށް ލަފާކުރެވެއެވެ. ވައިގެ މި ބާރުގަދަވުމުގެ ސަބަބުން، ގަސްތަކާއި އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެކަމުގެ ނުރައްކާ ބޮޑެވެ.

މީގެ އިތުރުން، 1,500 ކިލޯމީޓަރުގެ ބޮޑުމިނުގެ މި ތޫފާނުގެ އަސަރު މުޅި ފިލިޕީންސަށް ފެތުރިގެންދާނެކަމުގެ އިންޒާރު ވެސް މޫސުމާބެހޭ އިދާރާއިން ވަނީ ދީފައެވެ.

މި ތޫފާނުގެ ސަބަބުން ފިލިޕީންސްގެ އިރުމަތީ ސަރަޙައްދުތަކަށް 200 މިލިމީޓަރުގެ ގިނަ ވާރޭވެހޭނެކަމަށް ލަފާކުރެވޭއިރު، ގިނަ ސަރަޙައްދުތަކުގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެންދިޔުމުގެ ފުރުޞަތު ބޮޑުކަމަށް ވެސް ބުނެފައިވެއެވެ.

ޕަގާސާއިން ވަނީ ޚާއްސަކޮށް އެ ސަރަޙައްދުގެ އައްސޭރިފަށުގައި ދިރިއުޅޭ މީހުން ރައްކާތެރިކަމަށްޓަކައި އުސް ސަރަޙައްދުތަކަށް ދިޔުމަށް އިލްތިމާސްކޮށްފައެވެ. އަދި ކަނޑުދަތުރުފަތުރުގެ ހަރަކާތްތައް ވެސް ވަގުތީގޮތުން ހުއްޓާލުމަށް އެދިފައިވެއެވެ.

ތޫފާނު އެރުމާ ގުޅިގެން، ސަރުކާރުން މިހާރު ވެސް ވަނީ ބައެއް ސްކޫލްތައް ބަންދުކޮށް، އެ ޤަޢުމުގެ ގައުމީ އެއާލައިންގެ ބައެއް ދަތުރުތައް ކެންސަލްކޮށްފައެވެ.

ފިލިޕީންސަށް މި ތޫފާނުގެ ނުރައްކާ ކުރިމަތިވެފައިމިވަނީ، މިދިޔަ ހަފްތާގައި ތޫފާނު ކަލްމެއިގީ އެރި، ބޮޑެތި ގެއްލުންތަކެއް ދިނުމަށްފަހުގައެވެ.

ކަލްމެއިގީ ތޫފާނުގެ ސަބަބުން ފިލިޕީންސްގައި 200 އަށް ވުރެ ގިނަ މީހުން މަރުވެ، އިތުރު 127 މީހުން ގެއްލިފައިވެއެވެ. އެ ތޫފާނުގެ އަސަރުން، ފިލިޕީންސްގެ އެކި ހިސާބުތަކުގައި ފެންބޮޑުވެ، އެތައް ސަތޭކަ ގެދޮރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

އެ ތޫފާނު މިހާރު ވިއެޓްނާމާ ހަމައަށް ފޯރާފައިވާއިރު، ތޫފާނުގެ އަސަރުކުރި ސަރަޙައްދުތަކުގައި ހުރި ގޭގޭގެ ފުރާޅުތައް އުކާލައި، ބިޔަ ގަސްތައް ވަނީ ވެއްޓިފައެވެ.

ad