logo

ސްކޭމްގެ މައްސަލައެއްގައި 54 އަހަރުގެ އަންހެނެއް ހޯދަން އިޢުލާން ކޮށްފި

މަޒީ
7 ގަޑިއިރު ކުރިން

ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި-ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން 54 އަހަރުގެ އަންހެނަކު ހޯދުމަށް ފުލުހުން އިޢުލާންކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހޯދަމުން އަންނަނީ މ. ގޯބިލިގަސްދޮށުގެ، މާލެ، އުމުރުން 54 އަހަރުގެ ސަލީމާ ސަލީމެވެ.

ފުލުހުން ބުނީ އޭނާ އަކީ އެންޓި-ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރަން ބޭނުންވެ، ނަމަވެސް އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިނުވާ މީހެއް ކަމަށެވެ.

އޭނާގެ ފޮޓޯއާއި ވަނަވަރު ފުލުހުން އާންމުކޮށްފައިވަނީ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިންނެވެ.

ފުލުހުން ވަނީ، މި މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށްޓަކައި 2026 އޮކްޓޫބަރު 26 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް، ސާޖަންޓު އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށް ހާޒިރުވުމަށް ސަލީމާ ސަލީމަށް އަންގާފައެވެ.

ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން، ނިމުނު ސެޕްޓެމްބަރު މަހު 179 މައްސަލަ ހުށަހެޅިފައިވާއިރު، އެ މައްސަލަތަކުގައި 1،918،497 ރުފިޔާގެ ގެއްލުނު ކަމަށް ވަނީ ދައްކާފައެވެ. އަދި އެފައިސާގެ ތެރެއިން އަނބުރާ ހޯދުނީ، 1،322،282 ރުފިޔާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ad