logo

އާރްޓީއެލް ފެރީގެ ހިދުމަތް 1.6 މިލިޔަން މީހުން ހޯދައިފި

އާމިނަތު މޫސާ
9 ގަޑިއިރު ކުރިން

ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމް ހަރުދަނާކުރުމަށް ގެނައި ބަދަލާއެކު އާރްޓީއެލް ފެރީގެ ހިދުމަތް މިހާތަނަށް 1.6 މިލިޔަން މީހުން ހޯދާފައިވާކަމަށް އިޤުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާ ވިޔަފާރިއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއާއި ވުޒާރާގެ ދަށުން ހިންގާ އެކި މުއައްސަސާތަކާއި އިދާރާތަކުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ގެނެސްދިނުމަށް ކުރިއަށްގެންދާ "ޓްރޭޑް ޑެސްކް ވިތު އަނާ" ޕްރޮގުރާމުގައި ބައިވެރިވެވަޑައިގެން އިޤުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާ ވިޔަފާރިއާ ބެހޭ ވުޒާރާގެ ނައިބު ވަޒީރު އިބްރާހީމް ޔާސިރު ވިދާޅުވީ، އާރްޓީއެލް ފެރީ ދަތުރުފަތުރުގެ ނިޒާމުގެ ތަފާސްހިސާބުތައް ބަލަމުން އަންނަކަމަށާ ގާތްގަނޑަކަށް 1.6 މިލިއަން މީހުން މިހާރުވަނީ އާރްޓީއެލުން ދަތުރުކޮށްފަ ކަމަށެވެ.

ޔާސިރު ވިދާޅުވި ގޮތުގައި އެންމެ ގިނައިން ދަތުރުކޮށްފައިވަނީ ޒޯނު އެކެއްގައި ހިމެނޭ ހއ، ހދ، އަދި ށ އަތޮޅުގެ ރަށްތަކުގެ މެދުގައެވެ. އެ ސަރަހައްދުގައި ގާއިމުކުރެވިފައިވާ ފެރީ ނިޒާމުގެ ތެރެއިން އެވެރެޖުކޮށް 1،000 މީހުން ކޮންމެ ދުވަހަކު ދަތުރުކުރާކަމަށް ވިދާޅުވިއެވެ. ޔާސިރު ވިދާޅުވި ގޮތުގައި އެންމެ ރަނގަޅަށް އާރްޓީއެލް ހިދުމަތް ދެވޭ ޒޯނަކީވެސް އެއީއެވެ.

އާރްޓީއެލް ހިދުމަތް ދިނުމަށް ބޭނުންކުރަނީ ޒަމާނީ ހަލުއި ލޯންޗުފަހަރެވެ. އަދި ހިދުމަތް ފޯރުކޮށްދެނީ އެމްޓީސީސީންނެވެ. އެ ހިދުމަތް ފެށީ ތިން އަތޮޅެއްގައެވެ. ނަމަވެސް މިހާރު 15 އަތޮޅަކުން އެ ހިދުމަތް އަންނަނީ ލިބެމުންނެވެ. ބާކީ އޮތް ފަސް އަތޮޅުގައި އާރްޓީއެލް ހިދުމަތް މި އަހަރު ނިމުމުގެ ކުރިން ތައާރަފުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.

މިހާރު ހިދުމަތް ނުދޭ އަތޮޅުތަކުގެ ތެރެއިން މ.އަތޮޅުގައި ހިނގަމުންދާ ޖޫން މަސް ނިމުމުގެ ކުރިން ހިދުމަތް ފެށިގެންދާނެކަމަށް ނައިބުވަޒީރު ވިދާޅުވިއެވެ. އެއިރުން ހިދުމަތް ނުފެށި އޮންނާނީ ކ، އއ، އދ އަދި ވ.އަތޮޅެވެ. އޭނާ ވިދާޅުވީ ހިދުމަތް ނުފެށި ހުރި އަތޮޅުތަކުގައި ރައސް ދެއްވާފައިވާ އިރުޝާދާ އެއްގޮތަށް އެ ހިދުމަތް ތައާރަފުކުރަން މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.

އާރްޓީއެލް ފެރީގެ ޚިދުމަތް ފެށިފަހުން މިހާރުވަނީ 4 އަހަރުވެފައެވެ. އާރްޓީއެލްގެ ޚިދުމަތް މިހާރު ދެމުންދަނީ މައިގަނޑު ދެ ދާއިރާއަކުންނެވެ. އެއީ ހައި ސްޕީޑް ފެރީގެ ޚިދުމަތާއި ބަހުގެ ޚިދުމަތެވެ.

ad