logo

އިމަޖެންސީ ޕާސްޕޯޓް ދޫކުރަން ނިންމައިފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
11 ގަޑިއިރު ކުރިން

އިމަޖެންސީ ޕާސްޕޯޓު ދޫކުރުމަށް މޯލްޑިވްސް އިމިގްރޭޝަނުން ނިންމައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ކޮށްފައިވާ އިުލާނެއްގައި ބުނީ 2016 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް ޕާސްޕޯޓް ބުކްލެޓް ފޯރުކޮށްދޭ ޖަރުމަނުވިލާތުގެ ކުންފުނީގެ ޕްރިންޓް ހައުސް މެޝިންތަކަށް ދިމާވި މައްސަލަ މިހާރު ހައްލުކުރެވިފައިވީ ނަމަވެސް، ލަފާކުރި މުއްދަތަށް ވުރެ ގިނަ ދުވަސް ހޭދަވުމުގެ ސަބަބުން ކުރިން ކަނޑައެޅި ތާރީޚަށް ސްޓޮކް ފޯރުކޮށްދިނުމުގައި ދަތިތަކެއް ހުރި ކަމަށެވެ.

އަދި އައު ސްޓޮކް ރާއްޖެއަށް ލިބޭނެ ކަމަށް އަންދާޒާ ކުރެވެނީ އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކަމަށް އެ ކުންފުނިން އަންގާފައިވާ ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ. މިހާރު ހުރި ޕާސްޕޯޓްގެ ސްޓޮކް މެނޭޖްކުރުމަށްޓަކައި، މިއަދުން ފެށިގެން ދިވެހި ޕާސްޕޯޓް ދޫކުރުމުގައި ބައެއް ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށެވ.

އެގޮތުން އޮގަސްޓު 28 އިން ފެށިގެން ޕާސްޕޯޓު ދޫކުރުމުގެ އުސޫލަށް މައިގަނޑު ދެ ބަދަލެއް ގެނައުމަށް ނިންމާފައިވާ ކަމަށާއި، ރާއްޖޭގައި ތިބެގެން ޕާސްޕޯޓުގެ މުއްދަތު ހަމަވެގެން އައު ޕާސްޕޯޓަށް އެދޭ ފަރާތްތަކަށް އައު ޕާސްޕޯޓެއް ދޫކުރުމުގެ ބަދަލުގައި، އެ ފަރާތްތަކުގެ މިހާރުގެ ޕާސްޕޯޓުގެ މުއްދަތު އެއްވެސް ފީއަކާ ނުލައި 2027 ޖޫން 30 ގެ ނިޔަލަށް އިތުރުކޮށްދިނުމަށް ވަނީ ހަމަޖެހިފަވާ ކަމަށެވެ. އޭގެ އިތުރުން އަލަށް ޕާސްޕޯޓު ހައްދާ ފަރާތްތަކުގެ ތެރެއިން އިންޑިއާ އަދި ސްރީލަންކާ ފަދަ އާންމުކޮށް ދިވެހިން ދަތުރުކުރާ ޤައުމުތަކަށް ކުރު މުއްދަތަކަށް ދަތުރުކުރާ ފަރާތްތަކަށް "އިމަރޖެންސީ ޕާސްޕޯޓު" ދޫކުރުމަށް ވެސް ވަނީ ނިންމާފަ ކަމަށެވެ.

މިއީ އައިކާއޯގެ މިންގަނޑުތަކަށް ފެތޭ، 1 އަހަރު ދުވަހުގެ މުއްދަތު އޮންނަ 8 ސަފުހާގެ މެޝިން ރީޑަބަލް ޕާސްޕޯޓެއް ކަމަށާއި، މި ޚިދުމަތްވެސް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ މުޅިން ހިލޭ ކަމަށެވެ.

މުއްދަތުހަމަވާ ޕާސްޕޯޓްގެ މުއްދަތު، 2027ގެ ޖޫންގެ ނިޔަލަށް އިތުރުކޮށްދިނުމަށް ނިންމާފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ބުނެފައި ވެއެވެ.

އެއްވެސް ދިވެހި ރައްޔިތަކަށް ރާއްޖެއިން ބޭރަށް ދަތުރުކުރުމުގައި ދަތިކަމެއް ކުރިމަތިނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އިމިގްރޭޝަނުން ވަނީ އަރުވާފައެވެ.

ad