ސިވިލް ސަރވިސްއަށް މުވައްޒަފުން އައްޔަންކުރުމުގެ ނިޒާމު، އޮންލައިން ކުރުމަށް ނިންމައިފިއެވެ.
ސިވިލް ސަރވިސް ކޮމިޝަންގެ 2025ވަނަ އަހަރުގެ އަހަރީ ރިޕޯޓް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ވަނީ ހުށަހަޅާފައެވެ.
އެ ރިޕޯޓްގައިވަނީ ޑިޖިޓަލް ނިޒާމެއްގެ ތެރެއިން ދެފުށްފެންނަ ގޮތެއްގައި ކުރިއަށްގެންދެވޭނެ ސިސްޓަމެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަ ކޮށްފައެވެ. ސިވިލް ސަރވިސް ކޮމިޝަންގެ ކައުންސެލް ޖެނެރަލް އިބްރާހިމް ރަޝީދު ވިދާޅުވީ، ބައެއް ދާއިރާތަކުން އޮންލައިން ރެކްރޫޓްމަންޓް ނިޒާމެއް ޤާއިމުކުރުމަށް ދަނީ މަސައްކަތްކުރަމުން ކަމަށެވެ.
ސިވިލް ސަރވިސް ކޮމިޝަންގެ 2025ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި ހިމަނާފަެިވާ ކަންކަމުގެ ތެރޭގައި 2025ވަނަ އަހަރު ސިވިލް ސަރވިސްގެ ވަޒީފާއަށް އަލަށް 4370 މީހުން ގުޅިފައިވެއެވެ. އެއް ވަޒީފާއިން އަނެއް ވަޒީފާއަށް 415 މީހުން ބަދަލުވެފައިވެއެވެ. 1935 މީހުންނަށް ޕްރޮމޯޝަން ލިބިފައިވެއެވެ. އަދި ވަޒީފާއިން ވަކިވި މުވައްޒަފުންގެ އަދަދު 1506އަށް އަރައެވެ.
މިދިޔަ އަހަރު އެކޮމިޝަނަށް 5930 ޝަކުވާ ލިބިފަވެއެވެ. އޭގެތެރެއިން 5834 ޝަކުވާއަކަށް ވަނީ ޖަވާބުދާރީވެފައެވެ. އެންމެ ގިނައީ ވަޒީފާއަށް އައްޔަނުކުރުމާ ގުޅޭގޮތުން ހުށައަޅާ ޝަކުވާތަކެވެ. އެކިއެކި ޚިދުމަތްތަކާއި ގުޅޭގޮތުން 8000އާށްވުރެ ގިނަ ރިކުއެސްޓް ލިބިފައެވެ. ސިވިލް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު 35،000އަށްވުރެ އިތުރެވެ. ކޮމިޝަންގެ މުވައްޒަފުންގެ ޢަދަދު މަދުވުމުގެ ސަބަބުން، މިހާ ގިނަ މުވައްޒަފުންގެ ކަންކަން ބެލެހެއްޓުމުގައި ދަތިވާކަން ކޮމިޝަނުން މަޖިލީހުގައި ފާހަގަކޮށްފަވެއެވެ.2025ވަނަ އަހަރު ކޮމިޝަނުން 3 ޤަވައިދެއް އަލަށް އެކުލަވާލިއެވެ. އަދި 19 އިސްލާހެއް ނެގެންފައިވެއެވެ. މީގެއިތުރުން 72 އިދާރި އޮނިގަނޑެއް ފާސްކޮށްފައިވެއެވެ.


