މާލެ ސަރަހައްދުގެ ޓްރާންސްފާ ސްޓޭޝަންތަކުން ކުރިއެކޭ އެއްގޮތަށް މިހާރު ކުނި ނަގާނެ ކަމަށް ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަން (ވެމްކޯ)އިން ބުނެފިއެވެ.
ވެމްކޯގެ ތިލަފުށި ސައިޓުގައި މިދިޔަ މަހުގެ 19 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ވެމްކޯގެ ޚިދުމަތްތަކަށް ބުރޫ އަރައި، ގްރޭޓާ މާލެ ސަރަހައްދުގެ ޓްރާންސްފާ ފެސިލިޓީތަކުން ކުނި ބަލައިގަންނަ މިންވަރު ވެމްކޯއިން މިދިޔަ ދުވަސްތަކުގައި ވަރަށް ބޮޑަށް މަދުކުރިއެވެ.
ވެމްކޯއިން ވަގުތީގޮތުން ގެނައި އެ ބަދަލާ ގުޅިގެން މާލެ ސަރަހައްދުން ކުނި ނުނެގި މާލެ ސަރަހައްދުގެ މަގުތައް ވަރަށް ބޮޑަށް ގޮނޑުވި އެވެ. އެކަމާ ގުޅިގެން މާލެ ސިޓީ ކައުންސިލަށް ވަރަށް ގިނަ ޝަކުވާ ހުށަހެޅުމާ ގުޅިގެން ކައުންސިލުން ވަނީ ވެމްކޯއަށް ވަރަށް ބޮޑަށް ފާޑުވެސް ކިޔާފަ އެވެ.
ވެމްކޯ އިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ކުރިއެކޭ އެއްގޮތަށް މިއަދުން ފެށިގެން ކުނި ނެގުމުގެ ހިދުމަތް ދޭނެ ކަމަށާއި އުކާލާ ކުނި ހުންނަންވާނީ އެ ކުންފުނިން ހަމަޖައްސާފައިވާ މިންގަނޑުތަކާ އުސޫލާ އެއްގޮތަށް ކަމަށެވެ.
ވެމްކޯ އިން ބުނީ ގާކުނީގެ ތެރޭގައި ހިމެނޭ ގާކުންޏާއި އެބާވަތުގެ އެހެނިހެން ކުނި ހުންނަން ވާނީ ވަކިކޮށްފައި ކަމަށާއި ވަކިނުކޮށް ހުރި ނަމަ އެފަދަ ކުނި ބަލައިނުގަންނާނެ ކަމަށެވެ.
ރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުކުރުމަށް ވަށާޖެހޭ ނިޒާމެއްގެ ދަށުން ގިނަ މަސައްކަތްތަކެއްދަނީ ކުރަމުންނެވެ. އެގޮތުން ކުނިކޮށި ނެތް ރަށްރަށުގައި ކުނިކޮށި ތަރައްގީކުރުމުގެ މަސައްކަތް އެކި ކުންފުނިތަކާއި ވަނީ ހަވާލުކޮށްފައެވެ.

