18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އަބްދުﷲ ޝާހިދު، ނޮވެންބަރު 2 ވީ ހޯމަދުވަހުގެރޭ 21:59ގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފިއެވެ. ފުލުހުންވަނީ މިކަން ކަށަވަރުކޮށްދީފައެވެ.
ފުރަތަމަ މި ޚަބަރު ފެތުރުމުން އެމްޑީޕީ ސަރުކާރުގެ ފޮރިން މިނިސްޓަރުކަމާއި އެ ޕާޓީގެ ރައީސްކަންވެސް ކުރައްވަފައިވާ އަބްދުﷲ ޝާހިދުވަނީ އެކަން ދޮގުކުރައްވައިފައެވެ.
އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްކަންވެސް ކުރައްވާފައިވާ ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ޝަޚްސު ކަތިލުމަށް ސިޔާސީގޮތުން ފަތުރަމުންދާ ވާހަކަތަކަކީ އަސްލެއްނެތް ދޮގުކަމަށެވެ. އަދި އެފަދަ ސާބިތު ނުހިފޭ ވާހަކަ ނުފެތުރުމަށް އޭނާގެ ޕޯސްޓުގައި ވަނީ އެދިވަޑައިގެންފައެވެ.
ގިނަ މީޑިއާތަކުން ފުރަތަމަ ވެސް ރިޕޯޓްކޮށްފައިވަނީ އުމުރުން 64 އަހަރުގެ ޝާހިދު ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުންކަމަށެވެ. އަދި ބައެއް ރިޕޯޓުތައް ބުނަމުންދިޔައީ ކޯޓު އަމުރެއްގެ ދަށުން ފުލުހުން އޭނާ ދިރިއުޅުއްވާ އެޕާޓްމަންޓް ބަލައި ފާސްކުރަމުންދާކަމަށެވެ. މިކަމާ ގުޅިގެން ނޫސްވެރިން ކުރަމުންދިޔަ ސުވާލުތަކަށް ޕޮލިސް މީޑިއާއިން އެއްޗެއް ބުނެފައިވަނީ ގަޑިއިރަކަށްވުރެ ގިނައިރުވީ ފަހުންނެވެ.
މިފަދަ ތުހުމަތެއްގައި ޢަބްދުއްﷲ ޝާހިދު ހައްޔަރުކުރިއިރު، އޭނާ ވަނީ 2028ގެ ރިޔާސީ އިންތިޚާބުގައި، މިހާރުގެ ރައީސް ޑރ. މުޙައްމަދު މުއިއްޒާ ދެކޮޅަށް ވާދަކުރައްވަން އެމްޑީޕީގެ ރިޔާސީ ޓިކެޓް ކާމިޔާބުކުރެއްވުމަށް ކެމްޕޭން ވެސް ފައްޓަވައިފައެވެ.


