logo

ޗީފް އިލެކްޝަން ކޮމިޝަނަރުގެ އިސްތިއުފާއަށް ގޮވާލާ ދިއްލީގައި ކުރާ މުޒާހަރާއާ ގުޅިގެން، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފި

އާޝިޔާ ޞާލިޙް
އާޝިޔާ ޞާލިޙް
ގަޑިއިރެއް ކުރިން

އިންޑިއާގެ ވާތު ފިޔައިގެ ނެޝެނަލިސްޓް ޕާޓީ، އޯލް އިންޑިއާ ފޯވާޑް ބްލޮކް ޕާޓީން މިއަދު ރާމްލީލާ މައިދާނުގައި ކުރާ މުޒާހަރާއާ ގުޅިގެން، ދިއްލީ ފުލުހުން ވެރިރަށުގެ އެކި ސަރަޙައްދުތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފިއެވެ.

ސެންޓްރަލް އަދި ނިއު ދިއްލީގެ އަމަންއަމާންކަން ދަމަހައްޓައި، ޓްރެފިކް ބާރުބޮޑުވިޔަނުދީ ދަތުރުފަތުރުގެ ކަންކަން އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ކަމާބެހޭ ފަރާތްތަކުން ވަނީ އިތުރު ފުލުހުންނާއި ޕެރާމިލިޓަރީ ފައުޖުތައރުކުރުވާލާފައެވެ.

އޯލް އިންޑިއާ ފޯވާޑް ބްލޮކް ޕާޓީން މި ބޮޑު އެއްވުން އިންތިޒާމުކުރީ އިންތިޚާބާ ގުޅޭގޮތުން ހިންގާފައިވާ ކަމަށް ބުނާ ނޭދެވޭ ޢަމަލުތަކާ ދެކޮޅަށް އަޑުއުފުލުމަށާއި، މިހާރު ކުރިއަށްދާ ވޯޓުލާ މީހުންގެ ލިސްޓު އިޞްލާޙުކުރުމުގެ މަސައްކަތާ ދެކޮޅުހެދުމުގެ ގޮތުންނެވެ.

ސިޔާސީ ބާރު ދައްކާލުމަށް ބާއްވާ މި ބޮޑު އެއްވުމުގައި އިދިކޮޅު ލީޑަރުން ގޮވާލަމުންދަނީ ޗީފް އިލެކްޝަން ކޮމިޝަނަރު ގްޔާނޭޝް ކުމާރު ވަގުތުން އިސްތިއުފާ ދެއްވުމަށެވެ.

މުހިންމު ތަންތަނާއި ސަރުކާރުގެ ނާޒުކު ސަރަޙައްދުތައް ބެލެހެއްޓުމުގައި، ލޯކަލް ފުލުހުންނާ ގުޅިގެން އާރް.އޭ.އެފް، ސީ.އައި.އެސް.އެފް، ސީ.އާރް.ޕީ.އެފް އަދި އެސް.އެސް.ބީ ގެ ޕެރާމިލިޓަރީ ޔުނިޓްތަކުން ދަނީ ޙަރަކާތްތެރިވަމުންނެވެ.

ޖޮއިންޓް ކޮމިޝަނަރ އޮފް ޕޮލިސް މަދޫރު ވަރްމާ ޔަޤީންކަން ދެއްވި ގޮތުގައި، ޢާންމު މަޞްލަޙަތު ހިފެހެއްޓުމާއެކު، ދަތުރުފަތުރުކުރާ ޢާންމުންނަށް ދަތިނުވާނެ ފަދަ އިންތިޒާމުތަކެއް އޮފިސަރުންގެ ބެލުމުގެ ދަށުން ވަނީ ހަމަޖައްސާފައެވެ.

އެއްވާނެ ކަމަށް ލަފާކުރެވޭ މީހުން ކޮންޓްރޯލް ކުރުމަށްޓަކައި ސަލާމަތީ ބާރުތަކުން ވަނީ ދީން ދަޔާލް އުޕަދްޔާޔާ މާރގް އާއި އެ ސަރަޙައްދަށް ވަދެވެން ހުންނަ މައިގަނޑު މަގުތަކުގައި ވަރުގަދަ ޗެކްޕޮއިންޓްތައް ޤާއިމުކޮށްފައެވެ.

ވެރިރަށަށް އެތެރެވާ ސިޔާސީ ހަރަކާތްތެރިން ބެލެހެއްޓުމަށްޓަކައި، ނޮއިޑާ-ޗިއްލާ ބޯޑަރުގައި ތިބި ފުލުހުން ދަނީ އުއްތަރަ ޕްރަދޭޝުން އަންނަ އުޅަނދުފަހަރު ޗެކްކުރަމުންނެވެ.

ކަމާބެހޭ ފަރާތްތަކުން ވަނީ ދިއްލީގެ ޑިސްޓްރިކްޓްތަކުގައި ބާރަތިޔާ ނާގަރިކް ސުރަކްޝާ ސަންހިތާގެ 163 ވަނަ މާއްދާ ތަންފީޒުކޮށް، ޖަންތަރު މަންތަރާއި އިންތިޚާބާ ބެހޭ އޮފީސްތައް ކައިރިއަށް އެއްވުން މުޅިން މަނާކޮށްފައެވެ.

އޮފިޝަލުން ވަނީ ފުލުހުންގެ ހަރުދަނާ ބެލުމުގެ ދަށުން، ސިޔާސީ ލީޑަރުންގެ އަމިއްލަ އުޅަނދުތަކުގައި ކަނޑައެޅިފައިވާ ސަރަޙައްދުތަކަށް ވަޑައިގަތުމުގެ ހުއްދަ ދީފައެވެ.

މި މުޒާހަރާގައި ޕާޓީގެ އެތައް ހާސް ޢާންމު މެންބަރުންނާއި، ސިޔާސީ އިސް ފަރާތްތަކުގެ އިތުރުން ދަރިވަރުންގެ ގްރޫޕްތަކުން ބައިވެރިވެއެވެ.

ad