ޖޫންމަހާއި އަޅައިބަލާއިރު ޖުލައި މަހު ޑޮލަރު ވިއްކި އަދަދު ބޮޑުތަނުން އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކަށް ދައްކާފައިއެވެ.
އެމްއެމްއޭއިން ވަނީ ޖުލައިގައި އެމްއެމްއޭއަށް ލިބުނު ޑޮލަރަށް ވުރެ ވިއްކި ޑޮލަރުގެ އަދަދު އިތުރުވިކަން ފާހަގަކޮށްފައެވެ.
ބޭރުފައިސާގެ ޤާނޫނުގެ ދަށުން، ރާއްޖެ އަންނަ ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް ޖެހޭ ނިސްބަތުން ބޭންކުތަކަށް ޑޮލަރު މާރުކުރަން ޖެހެއެވެ. އަދި ބޭންކުތަކަށް މާރުކުރާ ޑޮލަރުގެ ތެރެއިން 90 އިންސައްތަ ޑޮލަރު ބޭންކުތަކުން އެމްއެމްއޭއަށް ވިއްކާނެއެވެ. މީގެ ތެރެއިން ބައެއް އާންމުންގެ ބޭނުންތަކަށް ދޫކުރުމަށް އެމްއެމްއޭއިން ބޭންކުތަކަށް ވިއްކައެވެ. އަދި އޭގެ ބައެއް ރިޒާވް ހަރުދަނާ ކުރުމަށް ބޭނުންކުރެއެވެ.
މީގެ މައިގަނޑު ސަބަބަކީ ފާއިތުވި ޖުލައި މަހަކީ ފަތުރުވެރިކަމުގެ އޯފް-ސީޒަން ކަމަށް ވުމާއެކު، އެމްއެމްއޭއަށް ލިބުނު ބޭރުފައިސާގެ އަދަދު ދަށްވުމެވެ. އަދި، ޖުލައި މަހަކީ ސްކޫލް ބަންދާ ދިމާކޮށް ޑޮލަރަށް އޮންނަ ޑިމާންޑް އިތުރަށް ބޮޑުވެގެން ދިޔަ މަހެއްކަން އެމްއެމްއޭއިން ފާހަގަކުރެއެވެ.
މިގޮތުން، އެމްއެމްއޭއިން ޖުލައި މަސް ތެރޭގައި ދަތުރުފަތުރާއި، ބޭސްފަރުވާއާއި، އުމްރާގެ ދަތުރުތަކަށް ޑޮލަރު ވިއްކި މިންވަރު ޖޫންމަހާ އަޅާބަލާއިރު 172 އިންސައްތަ ވަނީ އިތުރުވެފައެވެ.
ބޭންކިންގ ނިޒާމުގެ ތެރެއިން ބޭރު ފައިސާ ލިބުން އިތުރަށް ފަސޭހަކޮށްދިނުމަށާއި، ބޭރު ފައިސާގެ ބާޒާރަށް ދިމާވެފައިވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން އެމްއެމްއޭއިން ވަނީ މުހިންމު ނިންމުމެއް ނިންމާފައެވެ. އެގޮތުން، ބޭންކުތަކަށް ޑޮލަރު ވިއްކާ މިންވަރު އަނެއްކާވެސް އިތުރުކުރުމަށް މި މަހުގެ 11 ވަނަ ދުވަހު ވަނީ ނިންމާފައެވެ. މި ނިންމުމުގެ ދަށުން، މި ހިނގާ ހަފްތާއިން ފެށިގެން ކުރިއަށް އޮތް ތިން ހަފްތާގެ މުއްދަތަށް ބޭންކުތަކަށް ވިއްކާ ޑޮލަރުގެ މިންވަރު އިތުރުވާނެއެވެ. މިއީ އާންމު އުސޫލުން ކޮންމެ ހަފްތާއަކު ވިއްކާ މިންވަރަށްވުރެ 51 އިންސަައްތަ އިތުރު އަދަދެކެވެ.
މި ބަދަލުގެ މައިގަނޑު މަޤްޞަދަކީ ވިޔަފާރިތަކުން މުދާ އިމްޕޯޓްކުރުމަށްޓަކައި ހަދަންޖެހޭ ޓީޓީ އަދި އެލްސީ ތަކަށް ބޭނުންވާ ބޭރު ފައިސާ ހޯދުމުގައި ހުރި ދަތިތައް ހައްލުކޮށްދިނުން ކަމަށް އެމްއެމްއޭއިން ހާމަކުރެއެވެ.
ރާއްޖޭގެ ރަސްމީ ރިޒަރވްގެ ހިސާބުތަކަށް ބަލާއިރު، ޖުލައި މަސް ނިމުނުއިރު ރަސްމީ ރިޒަރވް ވަނީ 686.8 މިލިއަން ޑޮލަރުން 638.0 މިލިއަން ޑޮލަރަށް ދަށްވެފައެވެ. މިއީ ގާތްގަނޑަކަށް 7 އިންސައްތައިގެ ދަށްވުމެކެވެ. ރިޒަރވްއަށް މި ބަދަލު އައިސްފައިވަނީ ބޭރުގެ ބާޒާރުން ލިބުނު ފައިސާ މަދުވުމާއި، ބާޒާރުގެ ޑިމާންޑާ އެއްވަރަށް ޑޮލަރު ދޫކުރަން ޖެހުމުގެ ސަބަބުންނެވެ.

(3).jpg&w=3840&q=75)