logo

 ސައީދަކީ މުޅި ޤައުމު ފަޚުރުވެރިވާ ފަދަ "ރަން ދަރިއެއް: އަލީ މޫސަ

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
ގަޑިއިރެއް ކުރިން

އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދަކީ ޤައުމު ފަޚުރުވެރިވާ ފަދަ "ރަން ދަރިއެއް" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަލީ މޫސާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން މަޖިލީހުގެ ތަޅުމުގައި ބަހުސްކުރައްވަމުން އަލީ މޫސާ ވިދާޅުވީ، ތަޢުލީމާއި ތަޖުރިބާއާއެކު ދިވެހި ޤައުމަށް ނުހަނު އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ ފަރާތެއް ކަމަށެވެ.

އަލީ މޫސަ ފާހަގަ ކުރެއްވީ އިދިކޮޅު ފަރާތްތަކުން މަޖިލީހަށް އެ މައްސަލަ ހުށަހަޅާފައިވަނީ އެއްވެސް އަސާސެއް ނެތި، ހިންމަތާއި މިންނަތާއެކު ޤައުމަށް ޚިދުމަތްކުރައްވާ ވަޒީރަކާ މެދު ޒާތީ ގޮތުން ޖެހިގެން ކަމަށެވެ. އަދި މިއީ އެއްވެސް ތާކުންތާކު ނުޖެހޭ މައްސަލައެއްކަން ފާހަގަކުރައްވިއެވެ.

މެންބަރު އިތުރަށް ވިދާޅުވީ އެ މަނިކުފާނަކީ ޒުވާން އުމުރުފުޅުގައި ރާއްޖޭގެ އެންމެ ބޮޑު ޓޫރިޒަމް ޕްރޮޖެކްޓް ހިންގަވައި، އޭރު ރާއްޖޭގައި އޮތް އެންމެ ބޮޑު ރިސޯޓު ކާމިޔާބުކަމާއެކު ދިގު މުއްދަތަކަށް ހިންގެވި ތަޖުރިބާކާރު ބޭފުޅެ ކަމާށާއި، ފަހުގެ ތާރީޚުގައި 8 އަހަރު ވަންދެން އިކޮނޮމިކް މިނިސްޓަރުކަން ކުރައްވައި، އެ ވުޒާރާގައި އެންމެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި ޝަރަފުވެރި ބޭފުޅެއް ކަމަށެވެ.

އަލީ މޫސާ އިތުރަށް ވިދާޅުވީ މިނިސްޓަރު ސައީދަކީ ދީނަށް ލޯބިކުރައްވާ، ތެދުވެރި، އަދި ކޮރަޕްޝަނާ މުޅިން ދުރު ބޭފުޅެއް ކަމަށެވެ. އެހެންކަމުން ޙާއްސަކޮށް ޤާބިލު ބޭފުޅަކާ މެދު އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަކީ ހިތާމަކުރަންޖެހޭ ކަމެއް ކަމަށެވެ.

ad